މިހާރަކަށް އައިސް ނަމާދުކުރަމުން ގެންދާއިރު މީސްތަކުންގެ ކެތްތެރިކަން ކުޑަވެ، ސްޕީޑް އަވަސްވެފައިވާވަރުން އިމާމަށްވުރެ ކުރިން ސަޖިދައިން ތެދުވާ މީހުންވެސް ވަރަށް ގިނައެވެ. އެފަދަ މީހުން ބިރުވެތިވާންވީ މި 2 ހަދީޘްފުޅަށެވެ!
"ބަލަ އިމާމަށްވުރެ ކުރިން އިސް އުފުލާ މީހާ، މާތް ﷲ އޭނާގެ ބޯ ހިމާރެއްގެ ބޯހެން ބަދަލުކުރައްވަވައިފާނެ ކަމަށް ބިރު ނުގަންނަނީބާވައެވެ!" ( ޞަހީޙް މުސްލިމް: 647)
އިތުރު ޙަދީޘްފުޅެއްގައި ވެއެވެ!
"ނަމާދުގައި އިމާމަށްވުރެ ކުރިން ތިމާގެ ބޯ އުފުލާ މީހާ، ﷲ އޭނާގެ ސޫރަ ހިމާރެއްގެ ސޫރައަށް ބަދަލު ކުރައްވަވައިފާނެ ކަމާއިމެދު އަމާންކަން ހޯދައިގެން ހުންނަނީ ހެއްޔެވެ؟ ނުވަތަ ހިމާރުގެ މޫނުހެން ތިމާގެރ މޫނު ބަދަލުވެދާނެކަމުގެ އަމާންކަން ހޯދާފައި ވަނީ ހެއްޔެވެ؟" (ޞަޙީޙް މުސްލިމް: 648)
މިފަދައިން އަމލުކުރާ މީހުންގެ ސޫރަ މިދުނިޔޭގައި ވަގުތުން ބަދަލު ނުކުރެއްވެވުމަކީ މިފަދައިން މެދުވެރި ނުވާނެ ކަމުގެ ދަލީލެއް ނޫނެވެ! ޤިޔާމަތް ދުވަހު މަޙްޝަރު ކުރއްވަވާނެ ޙާލު އެނގެނީ ކިހިނަކުން ހެއްޔެވެ؟ ހިމާރެއްގެ ސޫރައިގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހިދާނެ ޙާލަތަށް ބިރުވެތިވާށެވެ! ކެތްތެރިވެލައި އިމާމް މީހާ ތަކްބީރު ފަށަން ކިޔާ އަލިފަށް ފުންމައިގެން ނުތެދުވެ އިމާމް މީހާ ތެދުވަން ކިޔާ ތަކްބީރު ނިމެންދެން މަޑުކޮށްލާށެވެ!
---އިސްލާމީ ތިލަފަތުގެ ދަރުސަކުން