ރުޅިގަދަވުމަކީ ޢާއިލާ އާއި މުޅި ދިރިއުޅުމުގެވެސް ހަލާކެވެ! ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރުޅިގަދަވުމަކީ ޢާއިލާ އާއި މުޅި ދިރިއުޅުމުގެވެސް ހަލާކެވެ! ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ!

މިރޭގެ ދަރުސްގެ މައުޟޫއަށް ފަށައިގަތުމުގެ ކުރިން އެންމެ ގިނަ ބައަކު ހަލާކުގެ ތެރެއަށް ވައްޓައިލާ ޢަދާވާތްތެރިޔާ އާއި ބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނެލާނަމެވެ. 

ރުޅިއަކީ އިންސާނުންގެ ކިބައިގައި ހުންނަ ޠަބީޢީ ސިފައެކެވެ. ރުޅި އާދެވުމަކީވެސް ހަމަ ޠަބީޢީ ކަމެކެވެ. އެހެން ނަމަވެސް ރުޅި ގުޅިފައިވަނީ ޝައިޠޯނާ ޢާއިއެވެ. ރުޅި ގަދަވެ އަތުން ފައިން ގޯސް ހެދި ބައެއް ފަހަރު އަމިއްލަ ހަށިގަނޑަށްވެސް ގެއްލުން ދޭ ހިސާބަށް ކަންކަން ދަނީ އެމީހާގެ މައްޗަށް ޝަޠޯނާގެ ބާރު ހިނގާ މިންވަރު ބޮޑުވުމުންނެވެ.، ނުވަތަ ގަދަވުމުންނެވެ. 

ކޮންމެއަކަސް ކޮންމެ މީހެއްގެ ކިބައިގައިވެސް ރުޅި އައުމުގެ އާދަ ކޮންމެވެސް ވަރަކަށް ހުންނާނެއެވެ. ބައެއް މީހުން ހިތްވަރުކޮށްފައި އެކަން އެހެން މީހަކަށް ނުދައްކައި، ނުވަތަ ރުޅި އައިކަން އެހެން މީހުންނަށް ނުއަންގަނީ އެވެ. 

މިއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަންނަ ރުޅި، ކޮންމެ ފަހަރަކު "އެތެރެއަށް ދިރުވާނަމަ" ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމަކީ ގާތްކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ރުޅި އައިނަމަވެސް ރުޅި ކޮންޓްރޯލުކޮށް ރުޅި އައިކަން ނުވަތަ ހިތްހަމަނުޖެހުނުކަން ހާމްކުރުމެވެ. އަނެކާއަށް އެކަން އެނގި އިޞްލާޙްކުރަން ފުރުޞަތު ލިބޭނީވެސް ހާމަކުރުމުންނެވެ. 

ރުޅި އައުދެވުމުން އަނބިމީހާ އާއި ދިމާއަށް ނުވަތަ ފިރިމީހާ އާއި ދިމާއަށް އެއްޗެތި ގޮވުމާއި ބައެއް ފަހަރު އަތް އިސްކުރުން ފަދަ ކަންކަން ހަމަ ގިނަ ބައަކަށް ކުރެވެއެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެފަދަ އަމަލުކޮށްފައި ބައެއް ފިރިހެނުން ގެއިން ނުކުމެގެން ދެއެވެ. ރުޅި މަޑުވުމުން އެނބުރި ގެއައަށް އައުދެއެވެ. 

ގޭތެރެއިން ރުޅި ނައްތައިލުމުގައި ނުވަތަ ކޮންޓްރޯލްކުރުމުގައި އިސްނަގަން ޖެހޭނީ ފިރިމީހާއެވެ. އެއީ ޢާއިލާގެ އިސް މީހަކީ އޭނާ ކަމުގައި ވާތީއެވެ. ރަނގަޅަށް ވާހަކަ ދެކެވޭނެ ފަދަ ފުރުޞަތެއް ފަހިކޮށްގެން މަޝްވަރާކުރާށެވެ! އެއްފަހަރަށް ވުރެ ގިނަ ފަހަރުވެސް މަޝްވަރާކުރާށެވެ! ޚިޔާލުތަފާތުވުންތައް ނައްތައިލެވެންދެން މަޝްވަރާކުރާށެވެ! 

ދެމަފިރިއަކު ނަމަވެސް ތެދުވެރިކަމާއިއެކު ދެ މީހަކު ކަންކަން ކުރަމުން ގެންދާނަމަ އެދެމީހުންނަށް 3 ވަނަ ބައިވެރިއަކު ކަމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. އަދި ދެމަފިރިން އެކުގައި ލޯބިން ދިރިއުޅޭ ނަމަ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން