ޙަޤީޤީ ޙާދިސާ: އެއްބަނޑުއެއްބަފާ މީހުންނަށްވެސް ސަމާލުކަން ނުދީ ކައިވެނި ސަލާމަތްކުރެވޭކަށް ނެތް! ބޯހިޔާވަހިކަންދީ ހުރިހާ ކަމެއް ކޮށްދެނިކޮށް ދައްތައަށް ލަނޑުދިން ކޮއްކޮއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
ޙަޤީޤީ ޙާދިސާ: އެއްބަނޑުއެއްބަފާ މީހުންނަށްވެސް ސަމާލުކަން ނުދީ ކައިވެނި ސަލާމަތްކުރެވޭކަށް ނެތް! ބޯހިޔާވަހިކަންދީ ހުރިހާ ކަމެއް ކޮށްދެނިކޮށް ދައްތައަށް ލަނޑުދިން ކޮއްކޮއެއްގެ ވާހަކަ-

އެއީ އެއްބަނޑު އެއްބަފާ ދެއަންހެނުންނެވެ. އެކަކީ ވަޒީފާ އަދާކުރަން ފެށީންސުރެ އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް އުޅެން މަސައްކަތްކުރަމުން އައި އަންހެނެކެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކޮށް އޭނާ މަސައްކަތްކުރީ ފްލެޓެއް ގަންނާނެ ފައިސާ އެއްކުރާށެވެ. 

އޭނާއަށް ފްލެޓެއް ގަނެވުނީ އަހަރު ދުވަހުން އެއްކުރެވުނު ފައިސާ އާއި ހައުސިންގ ލޯނު ބޭނުންކޮށްގެންނެވެ. ފްލެޓެއް ގަތުމަށްފަހު އޭނާގެ ކޮއްކޮ އެދުމުން ކޮއްކޮގެ ދެމަފިރިންނަށްވެސް އެފްލެޓުގައި ދިރިއުޅުމުގެ ފުރުޞަތު ދިނެވެ. 

ދުވަސްކޮޅެއްފަހުން އޭނާވެސް ކައިވެނިކުރިއެވެ. ކައިވެނިކުރަން ލިބުނު ޒުވާނާއަކީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ހުރި ޒުވާނެކެވެ. އެހެންކަމުން ދެމީހުން ދިރިއުޅެމުން ދިއައީ ވަރަށް އުފަލުގައި ހިތްހަމަޖެހިގެން ތިބެއެވެ. 

ދުވަސްކޮޅެއްފަހުން ލޮލަށްފެނުނީ އަންހެނަކަށް ފެންނާނެ އެންމެ ހިތްދަތި އެއް މަންޒަރެވެ. އެއީ އޭނާގެ ފިރިމީހާ އާއި ކޮއްކޮ އާއިއެކުގައި އޭނާގެ ކޮޓަރީގައި ނިދާފައި ތިއްބައެވެ. ކޮއްކޮގެ ފިރިމީހާއަކީ ރަށްރަށަށް ގޮސް ކަރަންޓް މަސައްކަތްކުރާ މީހަކަށްވުމުން އެއިރު އޭނާ ރަށަކު ނެތެވެ. 

މަންޒަރު ފެނުމުން އެމީހުން ހޭލެއްވުމުގެ ބަދަލުގައި ދޮރުފަތުގައި ލިޔުމެއް ހަރުކޮށްފައި ފްލެޓުން ނުކުމެގެން ދިއައީއެވެ. "ހެނދުނު 8 ޖެހުމުގެ ކުރިން ދެމީހުންވެސް ފްލެޓުން ނުކުމެގެންދާށެވެ. އެކަކުގެ ލޯވެސް އިތުރަށް ދެކޭކަށް ބޭނުމެއް ނޫނެވެ." 

އެމީހުންނަށް ހޭލެވުނީ ދަންވަރު 3 ޖެހިއިރުއެވެ. ހޭލެވިގެން ބަލައިލުމުން ދޮރުފަތުގައިވާ ލިޔުން ފެނުނީމާ ހުރިހާ ކަމެއް ފަޅާޢަރައިފިކަން އެނގި ދެމީހުންވެސް ވަރަށް ދެރަވިއެވެ. ދެމީހުން ޤަޞްދުކުރީ އޭނާ ފެނުމުން މާފަށް އެދި އާދޭސްކުރާށެވެ. ރަޙިމުގެ ގުޅުން މެދުވެރިކޮށް އާދޭސްކުރުމުން މާފުކުރާނެ ކަމަށެވެ. 

ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ހެނދުނު ގެއަށް އައިސް އެއްވެސް މީހަކާއި އަނގައިންވެސް ނުބުންޏެވެ. ދެފައި މައްޗަށް ތިރިވެ ކޮއްކޮ ރަޙިމުގެ ގުޅުން މެދުވެރިކޮށް އާދޭސްކުރުމުންވެސް އަނގައިންވެސް ނުބުނެ ގޮސް ދޮރުގައި ހަރުކުރި ލިޔުން ނައްޓާލާފައި ދެމީހުންނަށް ދައްކައިލުމަށްފަހު ފެންވަރައިގެން އޮފީހަށް ދިއައީއެވެ. 

ހަވީރު ގެއަށް އައުމުންވެސް ދެމީހުން އެކުގައި ހަމަ އެގޮތަށް އާދޭސްކުރަން ފެށުމުން ބުންޏެވެ. "ރަޙިމުގެ ގުޅުމެއް ނުކަނޑަމެވެ. ނަމަވެސް މިގެއަކު ދެން ނުގެންގުޅޭނަމެވެ. ރަޙިމުގެ ގުޅުން ތިއަ ކެނޑީވެސް ކޮއްކޮއެވެ. އެކަމަކު ކޮއްކޮއެވެ. އެކަމަކުވެސް މައްސަލައެއް ނެތެވެ. އެއީ ކުރިކަމެއް ކުރެވޭނީ ފިރިމީހާ ކުރީމައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ފިރިމީހާގެ ދަަށުނުވެ ދިރިއުޅެވޭނެ ގޮތް ހޯދީވެސް ގިނަ ފިރިންނަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެސް ކޮށްފާނެ މީހުންކަން އަބަދުވެސް ޤަބޫލުކުރާތީއެވެ." 

އެހިސާބުން ކޮއްކޮ ބުނީ މަންމަމެންގެގޭގައި މިހާރު ކޮޓަރިއެއްވެސް ނެތްކަމަށާއި އޭނާއިނީ ބަލިވެކަމަށްވުމުން އުޅެންޖެހޭނީ ވަރަށް ދަތިޙާލުގައި ކަމަށެވެ. ޖަވާބަކަށްވީ "ކަލޭ ރޭ އެކުގައި ނިދިމީހާއަށް ކަލޭ އުޅޭނެ ތަނެއް ދެއްކިދާނެ ކަމަށެވެ." 

ކޮއްކޮ ބުނީ އެގޮތަށް ކަންކަން ކޮށްފިނަމަ ފިރިމީހާއަށް އެނގި ވަރިކުރާނެ ކަމަށެވެ. ބަލިވެ އިންދައި ވަރިކޮށްލައިފިނަމަ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަމަށެވެ. ޖަވާބަކަށްވީ "ބަލިވެ އިނދެ ފިރިމީހާއަށް ޚިޔާނާތްތެރިވީމާ ފިރިމީހާއަށް ކުރާނީ ފައިދާތޯ؟ ދައްތަގެ ދިރިއުޅުމާއިމެދު ވިސްނާނުލިނަމަވެސް އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާލިނަމަވެސް ތިއަހާ ދަށުދަރަޖައަކަށް ނުވެއްޓޭނެ! ދީނުގެ ބޮޑެތި ފާފަތަކެއް ނުކުރާނެ! ހަމަ މިހާރު މިގެއިން ނުނުކުތިއްޔާ ފިރިމީހާއަށްވެސް ގުޅާނަން. މަންމައަށްވެސް ގުޅާނަން!" 

ވާހަކަ އެހިސާބަށް ދިއަތަނާ ކޮއްކޮގެ ފިރިމީހާއަށް ގެއަށް އާދެވިއްޖެއެވެ. ހުރިހާ ކަމެއް ފަޅާއެރީއެވެ. އެހިސާބުން ފިރިމީހާ ބުނީ އެކުގައި އުޅެން ބޭނުން ނޫން ކަމަށާއި ޑީއެންއޭ ހެދުމުން އޭނާގެ ދަރިއަކު ކަމަށްވެއްޖެނަމަ ދަރިފުޅާއި ޙަވާލުވާނެ ކަމަށެވެ. އެހެން ބުނެފައި އޭނާ ނުކުމެގެންދިއައީއެވެ. އެދެމީހުންވެސް ގެއިން ނުކުމެގެން ދިއައީއެވެ. 

ގެއިން ނުކުތުމަށްފަހު ކޮށްދިން ހަމައެކަނި ކަމަކީ އޭނާގެ ކާރުގައި މަންމަގެ ގެއަށް ގޮސްދިނުމެވެ. ގެންގޮސދީފައި ދިއަމީހާއަށް ގުޅާގުޅައި ފޯނުވެސް ނުނެގިއެވެ. ޖެހުނީ ހުރިހާ ގޮތަކުން އެކަނިވެ ނިކަމެތިވާށެވެ. 

ސްކޭންކޮށްގެން ބެލިއިރު ބަލިވެ އިނދެފައިވަނީ ފިރިމީހާ ރަށުގައި ނެތް ދުވަސްތަކެއްގައެވެ. ފިރިމީހާއަށް މާލެ އާދެވިފައިވަނީ ބަލިވެއިންތާ ދޮޅުމަސް ފަހުންނެވެ. އެހެންކަމުން ބަލިވެ އިނދެފައިވަނީ ދައްތަގެ ފިރިމީހާގެ ދަރިއަކަށެވެ. 

ހެދުނު ގޯސްތައް އެހިސާބުން ކޮއްކޮއަށް ވިސްނި ތައުބާވިއެވެ. އަދި ހެޔޮގޮތުގައި ދިރިއުޅެން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ފެށިއެވެ. 

މައިންބަފައިންނަކީ ފަޤީރުންކަމަށްވުމުން ޚަރަދުނުކުރެވޭނެތީ ކޮއްކޮއަށް ދައްތަ ޚަރަދުކޮށްދިނެވެ. ވިހެއުމުގެ ކަންކަންވެސް ބަލަހައްޓައިދިނެވެ. ނަމަވެސް ބައްދަލެއް ނުކުރެއެވެ. ވިހައި ގަދަވެ އެހެން މީހަކާއި ކައިވެނިކުރެވެންދެން އެހީތެރިކަން ފޯރުކޮށްދިނެވެ. 

ކޮއްކޮ އެހައި ގޯސްކޮށް ކަންކަން ކުރުމުންވެސް އެހީތެރިވެދިނުމާއި އަދި މައިންބަފައިންނަށް ބަހައްޓާ އެހީތެރިކަމާއި ޚާއްޞަކޮށް ﷲ އަށް ބިރުވެތިވެ ހެޔޮ ޢަމަލުކުރުންމަތީގައި ހުންނަ އަންހެނަކަށްވުމުން އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވިއެވެ. ކުރީގެ ފިރިމީހާއަށްވުރެ މާތަނަވަސް އަދި ހުރިހާ ގޮތަކުންވެސް މާރަނގަޅު ފިރިއަކު އޭނާއަށް ލިބުނެވެ. 

މިކިޔައިދިނީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ދެބެއިންގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. އަޅުގަނޑަށް ބުނެވެން އޮތީ ހަމައެކަނި ސަމާލުވާންވީ ޅިޔަން ފަހަރިންނަށް ނޫންކަމަށެވެ. އެއްބަނޑު އެއްބަފާ މީހުންނަށްވެސް މިއަދު ސަމާލުވާންޖެހިފައިވާ ކަމަށެވެ. އެދައްތަގެ ރަނގަޅުކަން ނިކަން ދެކިބަލާށެވެ. ކޮއްކޮގެ ދެމަފިރިންނަށް ބޯހިޔާވަހިކަންވެސްދީ ހުރިހާ ކަމެއް ކޮށްދިނުމުން ކޮއްކޮ ޢަމަލުކުރި ގޮތް ނިކަން ދެކިބަލާށެވެ. އެކަމުގެ ސަބަބުން އޭނާއަށް ލިބުނު ބޮޑު ނިކަމެތިކަންވެސް ނިކަން ދެކިބަލާށެވެ! މިއިން ކޮންމެކަމަކީވެސް ނުހަނު ބޮޑަށް ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަންކަން ނޫންތޯއެވެ؟ 

މިދެބެއިންގެ ވާހަކައިންވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާހުރި ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން