ހިތްނޭދޭ ކަމެއް ނުވަތަ ދަތިޙާލަތެއް ކުރިމަތިވުމުން ﷲ އާމެދު ނުބައި ތުހުމަތުކުރާ މީހާ އެބޮނީ ޒަހަރު! ޙައްލެއް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ހިތްނޭދޭ ކަމެއް ނުވަތަ ދަތިޙާލަތެއް ކުރިމަތިވުމުން ﷲ އާމެދު ނުބައި ތުހުމަތުކުރާ މީހާ އެބޮނީ ޒަހަރު! ޙައްލެއް ނުލިބޭނެ!: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަން ނުވަތަ ހިތްދަތިކަން ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވުމުން އެކަން އޭނާއަށް ކުރިމަތިކުރެއްވެވީ ކީއްވެގެންތޯ އެބަ ސުވާލުކުރެއެވެ. އެކަމާއި އެބަ ޝަކުވާވެސް ކުރެއެވެ. އެފަދަ މީހުންނަށް ބުނަމެވެ.  

ތިމާއަށް ﷲ ތަޢާލާ ކަންކަން މިންވަރު ކުރައްވަވަނީ އިންޞާފުން ބޭރުން ނުވަތަ ޙައްޤު ނޫން ގޮތުގައި ކަމަށް އެންމެ ކުޑަމިނުން ތުހުމަތު ވެސް ކުރެވިގެން ނުވާނެއެވެ. އެހެނީ ޙައްޤު ނޫން ގޮތުގައި ﷲ ތަޢާލާ ހަމައެއްވެސް ކަމެއް ނުކުރައްވަވާނެތެވެ. އަދި އެއްވެސް މީހަކާއިމެދު އިންޞާފުވެރި ނޫން ގޮތުގައި ހަމަ އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ.  

މިނޫން ގޮތަކަށް ﷲ ތަޢާލާ އާއިމެދު ވިސްނޭ ނަމަ އެމީހަކަށް އެބޮވެނީ އެންމެ ބާރުގަދަ ޒަހަރުކަމުގައިވެދާނެއެވެ. އެމީހަކަށް ސަލާމަތްނުވެވިދާނެއެވެ.   

މިނޫން ގޮތަކަށް މިކަން ވިސްނޭނަމަ އަވަހަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާށެވެ! ގިނަގިނައިން ތައުބާވާށެވެ! އެކަމުގެ ސަބަބުން ހިތަށް ތަސައްލީ ލިބިގެންދާނެއެވެ.  

–މުފްތީ މެންކް

މިރޭ ބަހެއް ބުނެލަން މަސައްކަތް މިކުރަނީ އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ މި ބަސްފުޅާއިމެދުގައެވެ.  

މުފްތީ މެންކް ވިދާޅުވެފައި އެވަނީ ﷲ ތައާލާއީ " رب العدل" ކަމުގައި ވާއިރު އެއްވެސް މީހަކާއިމެދު ބޭއިންޞާފުން ހަމަ އެއްވެސް ކުރައްވަވައިފާނެ ކަމަށް ޤަބޫލުކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަމެވެ. ހަމަ ޙަޤީޤަތުގައިވެސް އެހައި ބާރުގަދަ ޒަހަރެއް ބޮވިއްޖެ ނަމަ އެކަމުން ސަލާމަތްވުމަކީ ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެފަދަ ޙާލަތުގައި ފަރުވާ ދެވޭނެ ވެންޓިލޭޓަރެއްވެސް  ނުހުރެދާނެއެވެ.  

ވިސްނައިލާށެވެ! ﷲ ތައާލާގެ އެއްކައުވަންތަކަމަށް ގޮންޖަހައި، ކަލާނގެވަންތަކަމަށް ދައުވާކޮށްގެން ދުނިޔޭގައި އުޅުނު މީހުންނާއި އެންމެ ނުބައި ނުލަފާ ޖައްބާރުންނާއި އިސްލާމް ދީން ފެތުރުމަށް އެންމެ ބޮޑަށް ހުރަސް އެޅި މީޙުންނަށް ވެސް ޤިޔާމަތް ދުވަހު ޖަޒާ ދެއްވަވާނީ ހަމަ އެމީހަކު ކުރި ކުށަށް ޙައްޤު މިންވަރަށެވެ.  

ކަލަކުކަމަށް ދަޢުވާކުރި ފިރުއަޢުނާއި ނަމްރޫދާއި ޤާރޫނާއި އަބޫޖަހުލުމެން ފަދަ ނުބައި ނުލަފާކަން ހައްދުފަހަނައަޅައި ދިއަ ޖައްބާރު އަނިޔާވެރިންނަށްވެސް އެމީހުން ކަމުގައި ވުމަކުން ޢަޛާބުން އެއްވެސް މިންވަރެއް އިތުރެއް ނުކުރައްވަވާނެތެވެ. ހަމަ އެންމެ ޛައްރެއްގެ މިންވަރު ވެސް އިތުރެއް ނުކުރައްވަވާނެތެވެ.  ޢަޖާބު ދެއްވަވާނީ ޙައްޤު މިންވަރަށެވެ!  

ކޮރޯނާ ވައިރަސް އާއި ގުޅިގެން މުޞިބާތްތައް ކުރިމަތިވުމުން ނުވަތަ ބައެއް ދަތިތަކާއި ކުރިމަތިލާން ޖެހުމުން އެކަން ތިމާއަށް ކުރިމަތިކުރެއްވެވީ އޭނާގެ އެއްވެސް ކުށެއް އޮވެގެން ނޫންކަމަށް ބުނެ ބައެއް މީހުންގެ ހިތް ކިލަނބުކޮށް ހިތުގައި ޝަކުވާތައް އުފައްދައެވެ. 

އެއިރުން އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. އަހަރެމެންނަށް ކުރެވޭ ޢަމަލުތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ. އައްޔޫބްގެފާނު އިމްތިޙާން ކުރެއްވެވީ އެކަލޭގެފާނު ކޮން ކުށެއް ކުރައްވަވައިގެން ހެއްޔެވެ؟ ވީމާ ﷲ ތައާލާ ކަމެއް މިންވަރު ކުރެއްވެވުމުން ތިމަންނަ އަށް މިކަން ކުރިމަތިކުރެއްވެވުން ޙައްޤު ނޫން ކަމަށް އެންމެ ކުޑަމިނުން ވިސްނުންވެސް އެއީ ބޮޑުވެގެންވާ ފާފައެކެވެ.  

މީސްތަކުންނޭވެ! އެފަދަ ކިތަންމެ ކުޑަ އަމަލެއް ކުރެވުންވެސް އެއީ ވަރަށް ބޮޑު ފާފައެކެވެ. އެފަދަ ގޮތަކަށް ވިސްނުމަކީވެސް ފާފައެކެވެ. ފާފަތަކުގެ ތެރެއިންވެސް ބޮޑުވެގެންވާ ފާފައެކެވެ. އެކަމުގެ ވިސްނުން ބަދަލުވެގެންދާނީ ދީނާއި ދުރުވުން ފަދަ ޙާލަތްތަކަށް ކަމުގައިވާތީއެވެ.  

ވީމާ މިފަދަ ކަންކަމަށް ވިސްނުން އިތުރުކުރތށެވެ! ޝައިޠޯނާގެ މަގާއި ކައިރިވެސް ނުވާށެވެ! އެފަދަ ވިސްނުންތައް އެ އަންނަނީ ހަމަ ޝައިޠޮނާގެ ސަބަބުންނެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން