ﷲ ގެ ޝެޑިޔުލަށް ޙުރުމަތްތެރިކޮށް ނުހިތައި ދަންވަރުގެ ކުޅިވަރު ޝެޑިޔުލަށް ޢަމަލުކުރަމުން އެކަލާނގެ ރަޙްމަތަށް އެދެން ލަދުނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ﷲ ގެ ޝެޑިޔުލަށް ޙުރުމަތްތެރިކޮށް ނުހިތައި ދަންވަރުގެ ކުޅިވަރު ޝެޑިޔުލަށް ޢަމަލުކުރަމުން އެކަލާނގެ ރަޙްމަތަށް އެދެން ލަދުނުގަންނަނީ ހެއްޔެވެ؟

މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ޙާލަތުހުރިގޮތަކީ ދަންވަރު 2 ޖަހާއިރު އެފްރިކާގައި މެޗެއް ކުޅުނު ނަމަވެސް އެމެޗް ނުބަލައި ލޮލަލަކަށް ނިންޖެއް ނުއަންނާނެއެވެ. އަދި އަނެއް މެޗް ފަތިހު 5 ޖަހާއިރު ކުޅުނަސް އެމެޗްވެސް ބަލާނެއެވެ. ދެމެޗް ދެމެދުގައި އެސްފިޔަ ޖެހިދާނެތީ ކައިރި ނުވެވޭނެ ގޮތަށް ތަންޑު ވިއްދައި ދުރުކުރުވަން ބޮޑެތި ހޭދަތައްކޮށް ކާބޯތަކެތިން އިސްރާފުވެސް ކުރާނެއެވެ.

ފުޓްބޯޅައިގެ ވާހަކަ މިބުނެލީ މިސާލެއްގެ ގޮތުންނެވެ. ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ. އެމީހަކު ޝައުޤުވެރިވާ ކޮންމެ ކުޅިވަރެއް ނަމަވެސް އަދި ކޮންމެ ކަމެއްގައިވެސް ކަންކަން ހިނގަމުން އަންނަނީ ހަމަމިފަދަ ގޮތަކަށެވެ.

ތިބާ ތިއަބުނަނީ ތިބާއަކީ މުސްލިމެއް ކަމަށެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ބޭނުންވާ އަޅަކު ކަމަށެވެ. އެހެންކަމަށްވާއިރު އެގަޑީގައި ކޮންމެ ރެއަކު މުސްލިމުން ކުޅެން ތާވަލުކުރެވިފައިވާ 2 "މެޗް" ކުޅެންހެއްޔެވެ؟

"މެޗް" ކޮމާކޯޅިއެއްގެ ތެރޭގައި ދައްކާލަމުން މިބުނީ ވާހަކަ މިގެނެވެނު ގޮތުން ތިއަބައިމީހުންގެ ސަމާލުކަން ހޯދުމަށްޓަކައެވެ. މިދައްކަނީ ދަންވަރު 2 ޖެހުމުން ކުރަން ޖެހޭ ދަމުނަމާދާއި ފަތިސްވުމުން ކުރަންޖެހޭ ފަތިސްނަމާދުގެ ވާހަކައެވެ. ކޮންމެ ނަމާދަކީވެސް ކުރަންޖެހޭނެ ނަމާދކެވެ. އެހެންކަމާއިއެކުވެސް މި 2 ނަމާދަކީ ޙަޤީޤަތުގައި އިންސާނާއަށް އެންމެ މުހިންމުކަންބޮޑު 2 ނަމާދެވެ.

މިހެން މިބުނަނީ ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދެވެ. ފަތިސްނަމާދަކީ ރިޒުޤާއި ސަލާމަތާއި ރައްކައުތެރިކަމާއި ގުޅިފައިވާ ނަމާދެވެ. އެވާހަކަތައް އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ.

ﷲ ތަޢާލާގެ ޝެޑިޔުލަށް ޙުރުމަތްތެރިކޮށް ނުހިތައި އެކަލާނގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުންތޯ ފުރަތަމަވެސް ސުވާލުކުރީ ހަމަ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ މިއަދު ދުޢާކުރާ ގިން މީހުންނަކީ މިބުނި ކަންކަމަށް ވިސްނާ ބައެއް ނޫނެވެ. އުޅޭނެހައި ގޮތަކަށް އުޅެމުން ކުރާނެހައި ކަމެއް ކުރަމުން ދުޢާކޮށްފައިވެސް އުންމީދުކުރަނީ ވަޤުތުން އެކަމެއް ޙާޞީލުކުރެވުމަށެވެ. ކިހައި ދެރަހެއްޔެވެ؟ މީހެއްގެ ގާތުން ކަމަކަށް އެދުނަސް ހަމައަކާއި އުޞޫލެއް ގެންގުޅެންޖެހޭއިރު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދުމުގައިވެސް ހަމަތަކަކާއި އުޞޫލުތަކެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އެވަރަށް ވިސްނައިލާ މީހާއަށް ވެސް މި ދެއްކި ވާހަކަތަކުން ޢިބްރަތެއް ލިބިގެންދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން