ޤުރްއާނުގަ އެންމެ ގިނައިން ވަޞިއްޔަތް ކުރައްވަވާފަވާ އެއްކަމަކީ މައިންބަފައިންނަށް ހެޔޮ ދުޢާކުރުން! ދުނިޔޭގަ ތިބިނަމަވެސް ނެތްނަމަވެސް ދުޢާކުރުން ގިނަކުރައްވާ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޤުރްއާނުގަ އެންމެ ގިނައިން ވަޞިއްޔަތް ކުރައްވަވާފަވާ އެއްކަމަކީ މައިންބަފައިންނަށް ހެޔޮ ދުޢާކުރުން! ދުނިޔޭގަ ތިބިނަމަވެސް ނެތްނަމަވެސް ދުޢާކުރުން ގިނަކުރައްވާ!: ޑރ. ޝަހީމް

އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަ ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ." (ލުޤްމާން: 14)

މިއީ ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވެވި ވަޞިއްޔަތްފުޅެވެ. އަދި ކީރިތި ޤުރްއާނުގައި އެކަމެއް ކުރުމަށް އެންމެ ގިނައިން ﷲ ތަޢާލާ ވަޞިއްޔަތް ކުރައްވަވާފައިވާ ކަންކަމުގެ ތެރޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ހިމެނެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ އިންސާނާ ދުނިޔެއަށް ވުޖޫދުވުމުގެ ސަބަބުކައި އޭނާގެ މަންމަ ޢާއި ބައްޕަ ހިމެނިފައިވާތީއެވެ. ޚާއްޞަކޮށް މަންމަގެ ބަނޑުގައި 9 މަހާއި 10 ދުވަސްވަންދެން ދަރިފުޅު ބާއްވައިގެން މަންމަ އުފުލި ތަކްލީފްގެ ބޮޑުކަމެވެ. މަންމައަށް އެތައް ގުނައަކަށް އިޙްޞާންތެރިކޮށް ހިތުމަށް އަންގަވާފައި އެވަނީ މައިމީހާ އުފުލާ ތަކްލީފަކީ އެހެން އެއްވެސް މީހަކަށް އުފުލޭނެ ވަރުގެ ތަކްލީފަށް ވުރެ މާބޮޑު ތަކްލީފްތަކަކަށްވާތީއެވެ.

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އަލް އިސްރާ: 23)

މިއާޔަތަށް ބަލައިފިނަމަ ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް ކުރެއްވެވި އަމުރުފުޅާއި ވިދިގެން ވަޙީކުރައްވަވާފައި އެވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އިޙްޞާންތެރިވުމަށެވެ.

މައިންބަފައިނަ މަރުވުމުން އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުން ގިނަކުރާށެވެ. އެމީހުންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާއި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިގެންނާއި ކައްވަޅުގައި ނޫރު ލައްވަވައިދެއްވަވައި އަލިކޮށް ދެއްވެވުން އެދިގެންނާއި ކައްވަޅު ތަނަވަސްކޮށްދެއްވެވުން އެދިގެންނާއި ސުވަރުގެ ވައްދަވައިދެއްވެވުން އެދިގެންނާއި ސުވަރުގޭގައި އެމީހުންގެ ދަރަޖަ މަތިވެރިކޮށްދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ! އަދި މައިންބަފައިންނަށްޓަކައި ޞާލިޙް ދަރިން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

މިދުޢާ ކުރުންވެސް ގިނަކުރާށެވެ!

ވީމާ މައިންބަފައިންނަށް ހެޔޮދުޢާ ގިނަގިނައިން ކުރާ ބައަކަށްވާށެވެ! އެކަމަށް ތައުފީޤް ދެއްވަވާށި! އާމީން

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން