"އަޅުގަނޑަކީ ހަމަ ހުރިހާ ނަމާދެއްވެސް ޖަމާޢަތުގައި ކުރަން ވަރަށް ބޮޑަށް އިސަކންދީގެން ނަމާދުކުރަން މަސައްކަތްކުރާ ޒުވާނަކީމެވެ. އަޅުގަނޑު ނަމާދުކުރަންވީމާ ބޮލުގަ ތާކިހާ، ރުމާ ފަދަ އެއްޗެއް ނުއަޅަމެވެ. އެހެންވެ ބައެއް މީހުން ބުނަނީ އަޅުގަނޑުގެ ނަމާދު ޞައްޙަވެސް ނުވާނެ ކަމަށެވެ. އަނެއްބައަކު ބުނަނީ ލިބެން އޮތް ޘަވާބުން ބޮޑުބައެއް ގެއްލޭނެ ކަމަށެވެ. އެހެންވީމާ މިކަން އޮތްގޮތެއް އޮޅުންފިލުވާލަދެއްވަފާނަންތޯއެވެ؟
ޖަވާބު:
ނަމާދުކުރަންވީމާ ބޮލުގަ އެއްޗެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ބޮލުގަ އެއްޗެއް އަޅައިގެން އުޅޭނަމަ އަބަދުވެސް އުޅެންވީ އަޅައިގެންނެވެ. އެއީ ނަމާދުކުރަންވުމުން ކުރަންޖެހޭ ކަމެއް ނޫނެވެ.
ނަމާދަށް ދާންވުމުން އޮތީ ޒީނަތްތެރިވުމެވެ. ތާކިހާ ނުވަތަ ރުމާ އެޅުމަކީ ޒީނަތެއްގެ ގޮތުގައި ރާއްޖޭގައި ބަލާ ކަމެއް ނޫނެވެ. ތިމާގެ ބޮލުގެ އިސްތަށިގަނޑު ދިގުވުމުން ނުވަތަ ބޮލުން އިސްތަށިފައިބާތީ އެމުން ސަލާމަތްވުމުގެ ގޮތުންވެސް ބައެއް މީހުންތާކިހާ އެޅުން ރުމާލުން އެއްސުން ފަދަ ކަންކަން އެބަކުރެއެވެ.
ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އަޅަންނުޖެހޭނެއިރު ކުރަން ނުޖެހޭ ކަމެއް ނުކޮށްގެން ނަމާދުން ބައެއް އުނިވުން ނުވަތަ އެއްވެސް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ނަމާދުން އުނިވާނީ ނަމާދުކުރަން ތައްޔާރުވާއިރު ނުވަތަ ކުރާއިރު ކުރުމަށް އަންގަވާފައިވާ ކަންކަން ނުކުރުމުންނެވެ.
ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު