މައިމީހާގެ 2 ކިޑްނީ ފޭލްވީމާވެސް 2 ދަރިންކުރެ ދަރިއަކު ކިޑްނީ ނުދިނުމުން މައަކު ކުރާ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މައިމީހާގެ 2 ކިޑްނީ ފޭލްވީމާވެސް 2 ދަރިންކުރެ ދަރިއަކު ކިޑްނީ ނުދިނުމުން މައަކު ކުރާ އިޙްޞާޞްތައް-

"އަޅުގަނޑުގެ ދެ ކިޑްނީވެސް ވަނީ ފޭލްވެފައެވެ. ދުނިޔޭގައި މިހުރެވެނީ ކޮންމެ ދެދުވަހަކުން އެއްދުވަހަކު ޑައިލިސިސް ހަދައިގެންނެވެ. އެކަމުން އަޅާ ވޭން އެނގޭނީ އެކަންކުރަން ޖެހިފައިވާ މީހަކަށެވެ.

އަޅުގަނޑުގެ 3 ދަރިން އެބަތިއްބެވެ. 2 ދަރިންގެ ކިޑްނީ ދިމާވެސްވެއެވެ. ނަމަވެސް ކިޑްނީ ހަދިޔާކުރަން ބޭނުމެއް ނުވެއެވެ. ބޭރަށް ގޮސް ގަނެގެން ކިޑްނީ ބަދަލުކުރާނެ ފައިސާއެއް ނެތެވެ. ނަމަވެސް ދަރިން ހަދިޔާކުރަން ތިބިނަމަ އޮތީ އާސަންދަ ލިބޭ ގޮތަށެވެ. އަޅުގަނޑުގެ ހިތަށް ކުރާނެ އަސަރު ނިކަން ހިތަށް އަރުވައިލަބަލާށެވެ!"

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ރޮމުން ޙިއްޞާކުރި ބަސްކޮޅެކެވެ. އެހެންކަމުން މިގެނެސްދެނީ ދުވަސްކޮޅެއްކުރިން ދުނިޔޭގެ މީޑިއާތަކުގައި މަޝްހޫރުވެގެން ދިއަ ޚަރަބަރެކެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!

މައިމީހާގެ ފުރަމޭ ފޭލްވެ މައިމީހާ މަރުވެގެންދާތަން ދެކެން ހުންނަން ޒުވާން ޢަބްދުލްޢަޒީޒަށް ފަސޭހައެއް ނުވިއެވެ. އޭނާއަކީ އައިޓީ ދާއިރާއިން ކިޔަވަމުން އަންނަ ޒުވާނެކެވެ. ލިވަރ ހަދިޔާކުރުމުން މެދުވެރިވެދާނެ ކަންކަން ވެސް ޢަބްދުލްޢަޒީޒަށް ރަނގަޅަށް އެނގެއެވެ.

ޢަބްދުލްޢަޒީޒް ވިސްނީ އެންމެ ކަމަކަށެވެ. އެއީ މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ މީހާއަށް މުޅި އުންމަތް ސަލާމަތްކުރަން އެހީތެރިވި ކަމުގެ ދަރަޖަ ލިބިގެންދާނެއިރު 9 މަހާއި 9 ދުވަސް އޭނާ އެބަނޑެއްގައި ހޭދަކުރި މައިމީހާ، އެއިގެ ފަހުން ގާތުން ކިރުދީ ހުރިހާ ތަކުލީފްތަކެއް އުފުލައިގެން ބަލައި ބޮޑުކުރި މައިމީހާ އަދި ބަލިވަންދެންވެސް އެހީތެރިވަމުން އައި މައިމީހާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ ނަމަ އޭނާއަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖައާއިމެދުގައެވެ.

ފަސްނުޖެހި އޭނާގެ ފުރަމޭ މައިމީހާއަށް ހަދިޔާކުރިއެވެ. އޮޕަރޭޝަނަށްފަހު މައިމީހާގެ ޙާލުވެސް އަދި ޢަބްދުލްޢަޒީޒްގެ ޙާލުވެސް ރަނގަޅެވެ. ޢާއިލާ ނިޞްބަތްވަނީ ޕާކިސްތާނަށެވެ!

ކޮންމެ މީހަކުވެސް ކޮންމެކުއްޖަކުވެސް މަސައްކަތްކުރަންވީ ޢަބްދުލްޢަޒީޒް ފަދަ ދަރިއަކަށްވުމަށެވެ! މައިން ބަފައިން ދެކެ ލޯބިވާ ﷲ ތަޢާލާއަށް ކިޔަމަންތެރި، ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ވުމަށެވެ! ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްގޮތުމަށްވުރެ މުހިންމު ކަމެއް ނެތެވެ.

 

މިއަދު އޮންލައިން