ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް އަބަދުހެން އިވޭ އަޑެކެވެ. ލިޔެވޭ ސުވާލެކެވެ. އަނގައިންވެސް ކުރާ ސުވާލެކެވެ! "މިވެނި އެވެނި ޙަރާމްކަމެއް ނުވަތަ މުންކަޜާތެއް ހުއްޓުވަން ބަސްފުޅު ވިދާޅުނުވީ ކީއްވެގެންތޯ؟" އެވެ.
މިހާރުވެސް މިފަދަ ވަރަށް ވަރުގަދަ ބަހުސެއް ސޯޝަލްމީޑިއާގައި ހިންގަމުން އަނބުރަމުން އެބަގެންދެއެވެ. އެހެންވެ މައުލޫމާތަށްޓަކާ ހާމަކޮށްމިލަނީ އެބަހުސާއި ވަރަށް ގުޅުންހުރި ލިޔުމެކެވެ. ޢިލްމުވެރިއަކު މީގެ 30 މަސްދުވަސް ކުރިން ސަރުކާރަށް ކުރައްވާފައިވާ އާދޭހެކެވެ! އިލްތިމާސެކެވެ!
އެއްވެސް އިރެއްގައި ރިބާ ނެގުމާއި ރިބާ ކެއުން ހުއްދަވެގެނެއް ނުވެއެވެ. ޚާއްޞަކޮށް ރައްޔިތުން މިފަދަ ބޮޑު ނިކަމެތިކަމެއްގައި ތިބިއިރު ރިބާ ހިމެނޭ މުޢާމަލާތު ނުކުރާށެވެ! ލިބުނު ފުރުޞަތުގައި ބަނގުރަލާއި އޫރުމަހުން ރާއްޖެ ސަލާމަތްކޮށްދޭށެވެ!
ރިބާ އާއި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ނުކުރުމުން އެކަމުގެ ބަދަލު ﷲ ތަޢާލާ ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. "ޔަޤީންކުރައްވާށެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ ﷲ އަށް ތަޤްވާވެރިވެއްޖެ މީހާއަށް (ކުރިމަތިވެފައިވާ ކަންކަމުން ސަލާމަތްވުމަށް) ކޮންމެވެސް މަގެއް ދައްކަވާނެ ކަމަށެވެ. އެމީހުން ހީވެސް ނުކުރާ ފަދަ ގޮތަކުން އެމީހުންނަށް ރިޒްޤް ތަނަވަސްކޮށްދެއްވަވާނެ ކަމަށެވެ!
"ﷲ ޙަރަކާމްކުރެއްވެވި ކަންކަންކޮށް، ޙަރާމްކުރެއްވެވި ތަކެތީގެ ވިޔަފާރިކޮށްގެން މަންފާއިތުރުކުރަން އުޅުމުން އިތުރުވާތަން ލޯތަކަށް ފެނުނު ނަމަވެސް އެކަމުން އެއްވެސް ވަރަކަށް ޙަޤީޤީ މަންފާއެއް ނުކުރާނެ. ޙަޤީޤީ އެއްޗަކަށް ލިބޭނީ ކެހި! ގެއްލުން! އެހެންވެ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން ކަމަށެވެ. މުއްސަނދިކަމަކީ، ތަނަވަސްކަމަކީ މުދައު ގިނަވެގެން ވާކަމެއް ނޫނެވެ!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން
ވީމާ ޢިލްމުވެރިން ކަންކަން ސަރުކާރަށް އިލްތިމާސް ނުކުރައްވަނީއެއް ނޫނެއްނޫންތޯއެވެ! އަޑުއަހަންތިބި ވެރިންގެ ކަންފަތުގައި މަސައްލައެއް އުޅެނީ ނޫންތޯއެވެ! ކޮރޯނާ އާއި ގުޅިގެން ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ދިން ލޯނުތައްވެސް ބީއެމްއެލްގެ ރިބާފަޅިން ނުދީ ބީއެމްއެލް ޙަލާލް ފަޅިން ދިންނަމަވެސް އެއްކަމެއް ކުރެވުނުކަމަށްވީސް ނޫންތޯއެވެ؟