ޠޫފާންތަކާއި މުޞިބާތްތަކުން ސަލާމަތްވެތިބެން ބޭނުންނަމަ އޮތީ ޤުރްއާނަށް ޢަމަލުކޮށް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަން ފެށުން އަވަސްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޠޫފާންތަކާއި މުޞިބާތްތަކުން ސަލާމަތްވެތިބެން ބޭނުންނަމަ އޮތީ ޤުރްއާނަށް ޢަމަލުކޮށް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަން ފެށުން އަވަސްކުރުން!

މީސްތަކުންނޭވެ! މުޅި ދުނިޔެ ވެސް ހާލުކުގެ ތެރެއަށް ވެއްޓިގެން މިދަނީ ހަމަ މި ނަބަވީ އިރުޝާދުގައި ނުހިފަހައްޓާތީއެވެ!  

"އަދި އެބައިމީހުންގެ މައްޗަށް އިސްވެ ތިބި މީހުން ﷲ ގެ ފޮތާއި، އެ އިލާހް ބާވައިލެއްވެވި ޙުކުމްތަކާއި އެއްގޮތަށް ޙުކުމް ނުކޮށް ހިތުހުރިހައި ގޮތަކަށް ޙުކުމްކުރަން ފަށައިފިނަމަ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެބައިމީހުންގެ މެދަށް ވެރިކުރައްވަވައި، އެބައިމީހުންގެ ތެރޭގައި ތަޅާފޮޅުމާއި ނާމާންކަން ޢާންމުކުރައްވަވައިފާނެއެވެ." 

މިކަންކަން ވަނީ ދުނިޔޭގައި ޢާންމުވެގެންގޮސްފައެވެ! އެވަރުންވެސް ކަންކަން މިހިނގާ ގޮތް އެނގުނު ކަމަކަށް ނުވިއެވެ! އިންސާނުންގެ ޖާހިލުކަން އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެންމެފަހުން ނަތީޖާއަކަށް ވެގެން މިދަނީ ކޮންމެ ދުވަހަކުހެން ދުނިޔޭގެ ކޮންމެވެސް ސަރަހައްދުތަކަކަށް ބޮޑެތި މުޞިބާތްތައް ކުރިވަމުން ދިއުމެވެ. ވިއްސާރައިގެ ޠޫފާންތަކެވެ. ގަދަވައިގެ ޠީފާންތަކެވެ. އެކިވަރުގެ ބިންހެލުންތަކެވެ. އިޤްޠިޞޯދީ ކާރިސާތަކެވެ. ކުއްލިއަކަށް މަރުވާ މީހުންގެ ޢަދަދު ގިނަވުމެވެ.  

އަހަރެމެންނަށް އުޅެން ދެއްވަވާފައިވާ ދުނިޔޭގައިވެސް އެމީހަކު ހަމަ ބޭނުންވާހައި ގޮތަކަށް ނުއުޅެވެއެވެ! ކޮންމެ ޤައުމެއްގައި ވެސް އުޅެވޭނީ އެ ޤައުއްގެ ޤާނޫނުތަކާއި އެއްގޮތަށެވެ. އެގޮތަށް ނުއުޅޭނަމަ ހައްޔަރުކޮށް އަދަބުވެސް ދޭނެއެވެ! ޖަލުގައިވެސް ބަންދުކުރާނެއެވެ! އަދި ޖުރުމަނާވެސް ކުރާނެއެވެ!  

ދެން ބަލައިލަންވީ ރައްބުލްކާއިނާތަށެވެ! މި ކާއިނާތު އުފައްދަވައި މީސްތަކުން ދުނިޔޭގައި ލެއްވެވި ﷲ ތަޢާލާއަށެވެ! އަދި ދުނިޔޭގައި ލެއްވެވުމަށްފަހު ރިޒުޤާއި އަދި އެނޫންވެސް އިންސާނުންނަށް ބޭނުންވާނެހައި ކަންކަން ﷲ ތަޢާލާ ގެންދަވަނީ މިންވަރުކޮށްދެއްވެވަވަމުންނެވެ.  

އިންސާނުންނަށް ބޭނުންވާނެ މިފަދަ ހުރިހާ ވަސީލަތްތަކާއިއެކު ﷲ ތަޢާލާ މިބިމުގައި އިންސާނުން މީސްތަކުން ލައްވަވާފައިވަނީ ވަރަށް ފުރިހަމަ ޤާނޫނުތަކަކަށް ޢަމަލުކުރަން ޖެހޭ ގޮތަށެވެ! މިބުނަނީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤުރްއާނުގެ ވާހަކައެވެ. އެފޮތުގައި ބަޔާންކުރައްވަވާފައިވާ ހުރިހާ ކަންކަމަށް ޢަމަލުކުރަން ޖެހޭނެ ވާހަކައެވެ. އެއްވެސް ކަމަށް ފަރުވާކުޑަކޮށްގެން ނުވާނެ ވާހަކައެވެ. އެކަމުގައި އިހުމާލުވެއްޖެ ނަމަ އެމީހަކަށް ބޭރު އެވެވެނީ ﷲ އެންމެ ބޮޑު ޤާނޫނުންނެވެ!  

ޙައްލު އޮތީ ހަމަ ޤުރްޢާނުގައެވެ. ޤުރްއާނަށް އަމަލުކުރި މިނެއްގައެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން