ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކީވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތި މީހަކަށްވެދާނެ! އެއީ ވަރަށް ހިތާމަހުރި ކަމަކަށް ނޫނީ ނުވާނެ!: ޝައިޚް އަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކީވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތި މީހަކަށްވެދާނެ! އެއީ ވަރަށް ހިތާމަހުރި ކަމަކަށް ނޫނީ ނުވާނެ!: ޝައިޚް އަލީ ޒާހިރު

ތިމާއަކީ ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކު ނަމަވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތިމީހަކަށްވެދާނެއެވެ! އެހެންވެއްޖެ ނަމަ އެއި ވަރަށް ހިތާމަހުރި ކަމަކަށް ނޫނީ ނުވާނެއެވެ. ތިމާއަކީ ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކު ނަމަވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތިމީހަކަށްވެދާނެކަން އެނގިގެންދަނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅުންނެވެ.

ޙަދީޘްފުޅުގައި ވަނީ ރަސޫލް (ﷺ)ގެ ނަންފުޅު ގަނެވޭ ހިނދުގައި އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހަކީ ދަހިމީހެއްގެ ގޮތުގައި ސިފަކުރައްވަވައިފައެވެ. އަދި ޞަލަވާތް ކިޔަވައިފި މީހަކަށް 10 ފަހަރު ރަޙްމަތް ލައްވަވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވަވައިފައެވެ.

ދީ ދަރުސްތަކުގައި ޚާޢްޞަކޮށް ގިނަގިނައިން ޙަދީޘް ކިޔެވޭ މަޖިލިސްތަކުގައި، ކްލާސްތަކުގައި ލިބިގެންދާ އެންމެ މަތިވެރި ނިޢްމަތަކީ ދުލުން އެތައްފަހަރަކު ޞަލަވާތް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ ކަމެވެ. ވީމާ އިތުރު އެކަލޭގެފާނުގެ މަތިވެރި ނަންފުޅު ގަނެވޭހިނދު ކޮންމެ ފަހަރަކުވެސް ޞަލަވާތްވިދާޅުވާށެވެ! އިތުރުއެކަލޭގެފާނަށް މަތިވެރި ދަރަޖަތަކަށް އެދިވަޑައިގެން ދުޢާކުރައްވާށެވެ! އެއީ ވަރަށް މަތިވެރި ކަމެކެވެ.

އަޅުގަނޑުމެން އުންމީދުކުރަންވީ ޤިޔާމަތް ދުވަހުން ރަސޫލް (ﷺ)ގެ ބަރަކާތްތެރި އަތްޕުޅުން ފެންފޮދެއް ލިބޭނެ މީހުންގެތެރޭގައި ހިމެނުމަށެވެ! އިންތިޒާރުކުރަންވީ ރަސޫލް (ﷺ) އާއި ބައްދަލުވުމަށެވެ! ވީމާ ރަސޫލް (ﷺ)ގެ މައްޗަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އެއްވެސް މިންވަރަކަށް ފަނޑުވެގެން ދިއަ ދީގެން ނުވާނެއެވެ! އެލޯބި ދިރުވައި އާލާކުރުމަށްޓަކައި ގިންގިނައިން ރަސޫލް (ﷺ)ގެ މައްޗަށް ބަލަވާތްކިޔވާ މީހަކު ކަމުގައިވާށެވެ!

އަދި އެއީ އަޅުގަނޑުމެންގެ މުޅި ފުރާނަ އާއި ގުޅިފައިވާ ލޯތްބެއްކަން އަބަދާއި އަބަދު ހަނދުމަކުރަންވާނެއެވެ! ރަސޫލް (ﷺ) ގެ ނަންފުޅު ގަނެވޭ ހިނދުގައި ގިނަގިނައިން ޞަލަވާތް ކިޔަވަން މަސައްކަތްކުރާށެވެ!

--ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސަކުން

މިއަދު އޮންލައިން