މުސްލިމުންނަށް މުހިންމީ ތަނަވަސްކަން ހެއްޔެވެ؟ ޞިއްޙަތުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މުސްލިމުންނަށް މުހިންމީ ތަނަވަސްކަން ހެއްޔެވެ؟ ޞިއްޙަތުހެއްޔެވެ؟

މިރޭ މިކޮށްލަނީ ވަރަށް އާދައިގެ ސުވާލެކެވެ. އެއީ ތަނަވަސްކަމާއި ޞިއްޙަތާއި ދެ ނިޢްމަތުންކުރެ މުސްލިމުން އިސްކަން ދޭނީ ކޮން ނިޢްމަތަކަށް ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދެ ނިޢްމަތަކީވެސް ވަރަށް މުހިންމު 2 ނިޢްމަތެވެ. 

ތަނަވަސްކަމަކީވެސް ﷲ  ތައާލާ ދެއްވަވާ ނިޢްމަތެކެވެ! ޞިއްޙަތަކީވެސް ހަމަ ﷲ ތައާލާ ދެއްވަވާ ނިޢްމަތެކެވެ! ދެ ނިޢްމަތުން ކުރެ އެމީހަކު ބޭނުން ނިޢްމަތެއް އިޚްތިޔާރުކުރަން ޖެހިއްޖެ ޙާލަތުގައި މުސްލިމަކޫ އިޚްތިޔާރުކުރާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟ 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔެ ދޫކުރަންޖެހޭ ފަދަ ބަލި ޙާލުގައި އޮތް މީހަކު އިޚްތިޔާރުކުރާނީ ޞިއްޙަތެވެ. އެހެންކަމުން މިދައްކަނީ އެ ޙާލަތުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މައިބަދައިގެ މައްސަލަ ނުވަތަ ކަކުލު ހުޅުގެ މައްސަލަ ނުވަތަ އެނޫންވެސް އެ ބައްޔަކާއިއެކު ތިމާއަށް ދިރިއުޅެވޭފަދަ ބަލިތަކުގެ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުން އަބަދުވެސް އިޚްތިޔާރު ކުރާނީ ޞިއްހަތެވެ. އެއީ ފުރިހަމަ ޞިއްހަތެއްގައި ނެތި އެމީހަކަށް ރަނގަޅު ގޮތުގައި އަޅުކަން ނުކުރެވޭނެތީއެވެ. ﷲ ތަޢާލާ އާއި ކުއްތަންވެ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވޭނެތީއެވެ. މިސާލަކަށް މައިބަދައިގައި މައްސލަ ހުރުން، ކަކުލުހުޅުގައި މައްސަލަ ހުރުން ފަދަ ޙާލަތުގައި އެމީހަކަށް ފުރިހަމަ ގޮތުގައި ރުކޫޢު، ސުޖޫދުވެސް ނުކުރެވޭނެތީއެވެ! 

މިހުންނަނީ މުސްލިމުންނަށް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ! ޞިއްޙަތު ތަން ނުދިނުމުން ނުކުރެވޭ ހާލަތުގައި މުސްލިމުންނަށް އެކުރާ އަސަރު އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަނަވަސްކަން ކިތަންމެ ބޭނުންވި ނަމަވެސް ތަނަވަސްކަމާއި ނުލައި ދުނިޔޭގައި އުޅެ އާޚިރަތް ހޯދިދާނެއެވެ! ސުވަރުގެ ވައްދަވާނެ މީހުންގެ ތެރޭގައި ފަޤީރުންގެ ޢަދަދު ގިނަވުމައި މުއްސަނދިންނަށްވުރެ 500 އަހަރު ކުރިން ފަޤީރުން ސުވަރުގެ ވައްދަވާކަން އެއީ މިކަމުގެ ދަލީލަކަށް ފުދެއެވެ. 

އެންމެ މުހިންމީ އާޚިރަތް ހޯދުމެވެ. އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ވީމާ ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރާވަރަށްވުރެ ގިނައިން ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން