ޙަޤީޤީ ޙާދިސާ: މުސްކުޅިވީދުވަހު ވަރިކޮށް ގެއިން ނެރެލުމުން ޤުރްއާނާ ގުޅުން އުފެއްދި އަންހެނެއްގެ ވާހަކަ! "މާޔޫސްކަމަކުން ސަލާމަތްކޮށްދީ އުފާވެރި ޙަޔާތެއް ހޯދައިދިނީ ޤުރްއާން!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޙަޤީޤީ ޙާދިސާ: މުސްކުޅިވީދުވަހު ވަރިކޮށް ގެއިން ނެރެލުމުން ޤުރްއާނާ ގުޅުން އުފެއްދި އަންހެނެއްގެ ވާހަކަ! "މާޔޫސްކަމަކުން ސަލާމަތްކޮށްދީ އުފާވެރި ޙަޔާތެއް ހޯދައިދިނީ ޤުރްއާން!"

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށް ގެއިން ބޭރުކޮށްލީ ޢުމުރުން 52 އަހަރުގައެވެ. އެއިރު ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމުގައި 4 ދަރިން ތިއްބެވެ. ނަމަވެސް އެކުދިންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ދިރިއުޅެނީ ބައްޕަގެގޭގައެވެ. 

ބައްޕަ އެކުދިންނަށް އެންގީ އަޅުގަނޑަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ ވަގުތުން ގެއިން ބޭރުކޮށްލާނެ ކަމަށެވެ. މިހައި ބޮޑު އަދަބެއް އަޅުގަނޑަށް ދިނީ ކީއްވެގެން، ކޮންކުށެއްކޮށްގެންކަން ވެސް ބުނެލާނަމެވެ. އެކުށަކީ ޒުވާން ކުއްޖަކާއި ދެއަންބަށް ކައިވެނިކޮށްގެން އެއް ގެއެއްގައި ދިރިއުޅެން އެއްބަސްނުވުމެވެ. 

ފިރިމީހާ ހެދީ އަޅުގަނޑަކީ ސުންނަތާއި ދެކޮޅު އަންހެނަކަށެވެ. އެއީވެސް ރަނގަޅަކަށް ނޫނެވެ. ފިރިމީހާއަކީ ސުންނަތަށް ޢަމަލުކުރާ މީހެއްވެސް ނޫނެވެ. ނަމާދުކުރާނީވެސް ހިތަށް އެރިއްޔާ ހިތަށް އެރިދުވަހަކުއެވެ. ކައިވެނީގައި 30 އަހަރުވިއިރުވެސް ސުންނަތާއި އެއްގޮތަށް އަޅުގަނޑުގެ ކަންކަން ބަލަހައްޓައިދީފައެއް ނުވެއެވެ. ދަރިން ބޮޑެތިވެ ދަރިންނަށް ތަނަވަސްކަން ލިބެންދެން އަމިއްލަ ބޭނުންތައް ފުއްދަންޖެހުނީ ސަލާންޖަހައިގެންނެވެ. ޢާއިލާގެ މީހުންނާއި ރައްޓެހިންގެ އެހީތެރިކަމުގައެވެ. ވީމާ ޒުވާން ދެވަނަ އަންތބަކު ހޯދައިފިނަމަ ލިބޭނެ ނިކަމެތިކަން އިޙްޞާޞްކުރެވޭތީ އެއްބަސްނުވެވުނީއެވެ. ޚާއްޞަކޮށް އެއް ގެއެއްގައި ދިރިނުއުޅެވޭނެކަން ޔަޤީންކުރެވޭތީއެވެ. 

ކޮންމެއަކަސް ގެއިން ނެރެލި ދުވަހު އަޅުގަނޑު ގެންދިއައީ އެކުވެރި އަވަށްޓެރި ދެމަފިރިއެކެވެ. ދެރަވީވަރުން ލޮލުފިޔަ ނުޖެހި 2 މަސްދުވަސް ހޭދަކުރީމެވެ. ނުކެވޭތީ އިތުރަށް ހިކިގެންވެސް ދިއައެވެ. އެހިސާބުން އަޅުގަނޑަށް އެކުވެރިއަކު ދިން ނަޞޭޙަތުގައި ހިފައި ކީރިތި ޤުރްއާނާއި ގުޅުން އުފެއްދީމެވެ.

ފުރަތަމަ ބައިވެރިވީ ޤާރީ ކޯހުގައެވެ. ދެން މަސައްކަތްފެށީ ހިތުދަސްކުރާށެވެ. އެމަސައްކަތްތައް ފެށުމުން އެހެންކަމަކާއިމެދު ވިސްނާނެ ވަގުތެއް ނުލިބެއެވެ. އެގޭތެރޭގައި ޖެހޭ ކަންކަން ކޮށްލުމަށްފަހު ލިބޭ ހުރިހާ ވަޤުތުތަކެއް ހޭދަކުރީ ޤުރްއާނާއިއެކުގައެވެ. މަސައްކަތުގައި އުޅޭ ވަޤުތުތަކުގައި ވާހަކަދައްކާނެ މީހަކު ގާތުގައި ނެތްނަމަ މަސައްކަތްކުރީ ހިތުން އެނގޭ ބައިތައް ހިތްމައްޗަށް ގެނެސް ކިޔަވާށެވެ. އެކަން އެގޮތަށް ކުރާތީވެސް ވަރަށް ފައިދާކުރިއެވެ.

މިހާރު އަޅުގަނޑުގެ ޢުމުރަކީ 60 އަހަރެވެ. ޤާރީކޯހުގެ ދަރަޖަތައް ފުރިހަމަކުރެވިއްޖެއެވެ. ޢުމުރުން މިހައި ދުވަސްވުމުން އަދި އެކުގައި ހިތުދަސްނުކުރެވުނު ނަމަވެސް ފުދޭވަރެއްގެ ބައެއް ހިތންވެސް ދަސްކުރެވިއްޖެއެވެ. އިން ޝާ ﷲ

މިހާރު އަޅުގަނޑު މިހުރީ އެކަންޏެއްވެސް ނޫނެވެ. ޢުމުރުން 58 އަހަރުގައި ދެވަނަ ކައިވެނިވެސް ކޮށްގެންނެވެ. އެއީ ވަރަށް ހެޔޮލަފާ ފިރިއެކެވެ. އޭނާ އާއި ކައިވެނިކުރިފަހުން އަޅުގަނޑާއި ވާހަކަ ދެއްކުމުގެ ހުއްދަ ދަރިންނަށް ދިނެވެ. އެހެންވީމާ ކުރިން އެކަން މަނާކޮށްފައި އޮތީ އަޅުގަނޑު އިތުރަށް ނިކަމެތިކުރަންކަންވެސް ވިސްނުނެވެ.

ކޮންމެއަކަސް މީހަކު ދެކެވާ ލޯބިން ހިތްފުރާލައިގެން އުޅުނަސް ކޮންމެ ވަޤުތަކުވެސް އެމީހާ ރުޅިވެދާނެ ކަމަށާއި ނިކަމެތިކޮށްލައިފާނެ ކަމަށް މީހުން އެބުނާ ބަހުގެ ތެދުކަން މިވަނީ ތަޖުރިބާ ކުރެވިފައެވެ. ނަމަވެސް ޤުރްއާނުގެ ނޫރުން ހިތް އުޖާލާކޮށް ފުރައިފި މީހަކު ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެކަމަށް އެބުނާ ބަހުގެ ތެދުކަންވެސް ދައްތައަށް މިއަދު މިވަނީ ޔަޤީންކުރެވިފައެވެ.

އަޅުގަނޑު އޭނާ އާއި ކައިވެނިކުރިއިރު ގެއަކީ ސިމެންތިނުޖަހާހުރި ކުޑަ ކޮޓަރިއެކެވެ. ގެ ބުރިބުރިއަށް ހިއްލައިލެވުނީ ހަމަ އަޅުގަނޑުގެވެސް މަސައްކަތުންނެވެ. ގެއަޅައި ނިމުމުން އަޅުގަނޑު މިވަނީ ގެއިން ބޭރުކޮށްލައިފައެވެ. ނަމަވެސް ޤިޔާމަތް ދުވަހު ޤުރްއާން އަޅުގަނޑަށް ޝަފާޢަތްތެރިވެ ސުވަރުގެ ވައްދަވައިފިނަމަ ސުވަރުގެއިން އަޅުގަނޑު ބޭރެއް ނުކުރެވޭނެއެވެ. ހުރިހާވެސް އުންމީދަކީ އެއީއެވެ! އިން ޝާ ﷲ

 

- ޞޮފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

 

 

މިއަދު އޮންލައިން