މިއަދުގެ ހުކުރުޚުޠުބާއިން އެނގިގެންދިއަ އެއްކަމަކީ ތިމާއަށް ތަޢްރީފްކޮށް ޚުޝާމަދު ނުކުރާ މީހުންގެ ވާހަކަތައްވެސް އަޑުއަހަންޖެހޭނެ ކަމެވެ. އަދި އެމީހާގެ ވާހަކަތައްވެސް އަޑުއަހައި ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. އެގޮތަށް އެކަންކުރުމުން ކުރާ ފައިދާ ބޮޑުވާނެ ކަމެވެ.
ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެންނެވި ނަމަވެސް އެވާހަކައެއް ރަސޫލް ކެތްތެރިކަމާއިއެކު އަޑުއެއްސެވިކަމެވެ. އެމީހާގެ ވާހަކަ ނިމެންދެން އަޑު އައްސަވައި އެކަމަކަށް ދެއްވަން ފެނިވަޑައިގަންނަވާ ޖަވާބެއް ދެއްވެވި ކަމެވެ.
ޚުޠުބާގައި މިމިންވަރަށް މިކަން ބަޔާންކޮށްފައިވާއިރު ޢުމަރުގެފާނު ވަނީ ނަމޫނާ ދައްކަވައި އުންމަތަށް އެކަމުގައި ވަރަށް އަގުހުރި ފިލާވަޅެއް ދެއްވަވައިފައެވެ. އެއީ ޚުޠުބާ ވިދާޅުވާން މިންބަރަށް އަރާވަޑައިގެންނެވި ވަޤުތު ޞަޙާބީއަކު ސުވާލެއް ކުރުމުން ޚުޠުބާ ފަސްކުރައްވަވައި ވަގުތުން ޖަވާބު ދެއްވަވައިގެންނެވެ.
ސުވާލަކީ ހުކުރު ޚުޠުބާގައި މިފަދަ ވާހަކަތައް ކިޔާއިރު އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ޢަމަލުކުރަނީ އެގޮތަށްތޯއެވެ؟ 2 މިނިސްޓްރީން ކުރާ ކަންކަމާއި ގުޅިގެން ސުވާލުކުރާނެ ފުރުޞަތު މިއަދުނޫހަށް ނުދެނީ އަދި ލިޔެފައި ފޮނުވިޔަސް ޖަވާބު ނުދެނީ ޚުޠުބާގައި ކިޔާފައިވާ ގޮތަށް ސުންނަތަށް ޢަމަލުކުރަންތޯއެވެ؟