މާތް ﷲ ވާގިފުޅާއިއެކު މިސްކިތްތައް ދަނީ ފަޅުފިލަމުންނެވެ. ނަމާދު ނިމުމުން ޛިކުރުކޮށްލަން މަޑުކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ. މާޝާﷲ އެހެންކަމާއިއެކުވެސް ނިމިގެންދިއަ ރަމަޟާން މަސް ނިމުމަށްފަހު މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު ނުއިވޭ، ހުކުރު ނަމާދަށް ނޫނީ މިސްކިތް ލޮލަށް ނުފެންނަ ބައަކުވެސް އުޅެއެވެ.
އެފަދަ މީޙުން ވިސްނައިގެން މިދަރުސް ކިޔައިލާށެވެ! ފައިދާކޮށްފާނެއެވެ! އިންޝާ ﷲ
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަކީ އެއީ އެކަލާނގެ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުނާންއި އުޚްތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުން ވަކިން ޚާއްސަގޮތެއްގައި ބަރަކާތްތެރި ރަމަޟާން މަހުގައި ފަރުޟު ފަސްނަމާދުގެ މައްޗަށް ރައްކާތެރިވާނެ. ނަމަވެސް ރަމަޟާންމަސް ދިއުމަށްފަހުގައި މިފެންނަނީ އެއަޅުކަމާއި ދުރަށް ދާތަން.
ކުރިމަތިވާ ކޮންމެ ދަތިކަމަކުން އަރައިގަތުމަށްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ކުއްތަންވެ ރުޖޫޢަވާންޖެހޭ. އަދި ވަކިން ޚާއްސަކޮށް އަބަދުވެސް އެކަލާނގެ ރަހުމަތަށް އުންމީދުކޮށް އަޅުގަނޑުމެން އެކަލާނގެ އަޛާބަށް ބިރުވެތިވާންޖެހޭ.
އެހެންވީމާ މުއުމިނުންގެ ސިފައަކީ އެމީހުންނަކީ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިވުމުގައި ނުވަތަ އަޅުކަން ކުރުމުގައި ދެމިތިބޭ ބައެއް. ކީރިތި ޤުރުޢާންގައި ﷲ ވަހީކުރައްވާފައިވަނީ "މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި އެމީހުންނަކީ ނަމާދު ، އަޅުކަންކުރުމުގައި ނަމާދުގައި ދެމިތިބޭ ބައެކޭ.
އަޅުގަނޑުމެން ނަމާދުގައި ދެމިތިބުމުގެ މާނައަކީ އެނަމާދު ވަގުތުން އަދާކުރުމާއި އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ހުރިހާ ވަގުތެއްގައިވެސް އެކަމަށް ސަމާލުކަންދީގެން އެނަމާދަށް ރައްކާތެރިވާންޖެހޭކަމެވެ.
ސަބަބަކީ އަޅުގަނޑުމެންގެ އެނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީނުގެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަން. އަދި އިސްލާމްދީނުގައި އެންމެ ފަހުން ނެތިދާނެ އަޅުކަންވެސްމެ. އެހެންވީމާ ފަރުޟު ފަސްނަމާދު އަދާކުރުމަށްވުރެ މަތިވެރި އަމަލެއްނެތް.
ކީރިތި މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމް ގެ އަރިހުގައި ސުވާލު ދެންނެވުނު. "ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަމަލަކީ ކޮބައިތޯއޭ". ޙަދީޘްފުޅުކުރެއްވެވީ "ނަމާދު އޭގެ ވަގުތުގައި އަދާކުރުމޭ."
ހިތާމައަކީ ބައެއް މީހުން ދެކޭގޮތުގައި ރަމަޝާން މަސް ދިއުމަށްފަހުގައި ދެން އެއީ އަޅުގަނޑުމެން ދުނިޔަވީ ހަޔާތުގައި އަޅުގަނޑުމެން ނުބައި ކަންތައްތައް ކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދެކިގެންދޭ. ނަމަވެސް މިއީ ވަރަށް ހިތާމަވެރިކަމެއް. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަބަދުވެސް، އަޅުގަނޑުމެންނަކީ އެކަލާނގެ ހަޟްރަތަށް ކުއްތަންވެ އެކަލާނގެ ހަޟްރަތަށް ކިޔަމަންތެރިކަމުގެ ދަށުގައި ތިބެންޖެހޭ ބައެއް.
އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ނިއުމަތްތައް ދެއްވާފައިވޭ. ހުރިހާ ނިއުމަތްތަކަކީވެސް ﷲގެ ހަޟްރަތުން އަޅުގަނޑުމެންނަށް ލިބެނިވި ނިޢުމަތެއް. މިއުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދައްކަވާދެއްވާފައިވާ ނަމޫނާއަކީ އެކަލޭގެފާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ރައްކާތެރިކަމާއި އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާ ބޭކަލެއް ކަމުގައި ވީހިނދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ އެކަލޭގެފާނު އިސްތިޣްފާރު ކުރައްވާ އެކަލޭގެފާނު ހެޔޮ އަޅުކަން އަދާކުރުމުގައި ހީވާގިވެ ވަޑައިގެންނެވި.
އެއީ ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްރާއާއި މިއުރާޖުގެ ރެއަށްފަހު އެކަލޭގެފާނު އަސްހާބް ބޭކަލުންނާ މުހާތަބްކުރައްވާ ވިދާޅުވީ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާއާއި މިއުރާޖު ދެއްކެވި ކަންތައްތައް ދެއްކެވިނަމަ ތިއަބައިމީހުން ވަރަށް މަދުންނޭ އުފާކުރީހީ.
އެހެންވީމާ އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ބަރަކާތްތެރި ރަމަޟާންމަހުގައިވެސް އަޅުގަނޑުމެން ކުރާ އަމަލުތައް ސުންނަތް އަޅުކަމާއި ގުރުއާން ކިޔެވުމާއި ފަރުޟު ފަސްނަމާދުގެ މައްޗަށްރައްކާތެރިވެ އަޅުގަނޑުމެން އަލުން ހީވާގިވާން އެބަޖެހޭ.
އަދި މިއާ ވިދިގެން އަޅުގަނޑުމެން މިއަންނަ ޝައްވާލް މަހުގައި ހަރޯދަ އަޅުގަނޑުމެން ހިފަން އެބަޖެހޭ އަހަރުގެ އެހެން ދުވަސްތަކުގައިވެސް މަހަކު ތިންރޯދަ ހިފުމާއި އަދި އަޅުގަނޑުމެންނަށް ހޯމަ ބުރާސްފަތި ދުވަހު ރޯދަ ހިފުން . އެހެންވީމާ ހުރިހާ އަޚުނާއި އުޚްތުންވެސް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ހުރިހާ އަޚުންނާއި އުޚްތުންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަނީ ވަސިއްޔަތްކުރަނީ އަޅުގަނޑުމެން ހެޔޮކަމުގައި ދެމިތިބުން. އެއީ ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްފުޅު ކުރައްވާފައިވަނީ "ހެޔޮ އަމަލަކީ ދެމިގެންދާ ގޮތުގައި ކުރެވޭ އަމަލެކޭ! އެއީ މަދު އަމަލެއްކަމުގައި ވިޔަސް.
އެހެންވީމާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމުގެ ހެޔޮ ތަޢުފީޤް ދެއްވާށި. އަދި އަޅުގަނޑުމެން ރަމަޟާން މަހު ހިފި ރޯދައާއި ކުރި ހުރިހާ އަޅުކަމެއް އެކަލާނގެ ޤަބޫލުކުރައްވައި އަޅުގަނޑުމެންގެ ކިބައިން ހިތްދަތިކަމާއި އަތްމަތިދަތިކަން ފިއްލަވައި ފުރިހަމަ ޞިއްޙަތެއް މިންވަރު ކުރައްވަވައި އަޅުގަނޑުމެން ފާގަތި ދުވަސްތަކެއް ދެއްކެވުން. އާމީން
--ޝައިޚް ޢިއްޒުއްދީން ޢަދުނަން މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން