ހިތުގަ އީމާންކަން ވަރުގަދަކޮށް ދެއްވެވުމަށާ ހެޔޮކަމުގެ މަގަށް މަގުދައްކަވައިދެއްވެވުން އެދި ރަސޫލާ ޞޢޥ އެންމެ ގިނައިން ކުރެއްވެވި 2 ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހިތުގަ އީމާންކަން ވަރުގަދަކޮށް ދެއްވެވުމަށާ ހެޔޮކަމުގެ މަގަށް މަގުދައްކަވައިދެއްވެވުން އެދި ރަސޫލާ ޞޢޥ އެންމެ ގިނައިން ކުރެއްވެވި 2 ދުޢާ!

ކޮންމެ އިންސާނެއްގެ ހިތަށްވެސް އަބަދުވެސް ގިނަ ކަންތައްތަކެއް އަރައި ފައިބަމުންދާނެއެވެ. އިންސާނާގެ ހިތަކީ އަބަދުވެސް ތެޅިތެޅި އޮންނައެއްޗެކެވެ. އަދި އެއީ މީހާ ދިރިހުރިހައި ހިނދަކު ނިމޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން އިންސާނާއަށް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ ހިތް އީމާނުން ނުވަތަ އީމާންތެރިކަމުން ފުރާލާފައި ބޭއްވުމެވެ. ރަސޫލް () އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވެވި އެއްކަމަކީ އެއީއެވެ. 

އީމާންކަމުން ހިތް ފުރާލަން މަސައްކަތްކުރާ ވަރަކަށް ޝައިޠޯނާ މަސައްކަތްކުރާނީ ހިތުން އީމާންކަން މަދުކުރުމަށެވެ. ކުޑަކުރުވުމަށެވެ. ވީމާ އެކުގައި ސާބިތުކަން ދެއްވެވުން އެދި ﷲ ތަޢާލާ އަށް ގިނަގިނައިން ދުޢާކުރަން ޖެހޭނެއެވެ. ރަސޫލް () އެންމެ ގިނައިން ދުޢާކުރެއްވެވީ އެކަމަށް އެދިވަޑައިގެނެވެ. 

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

"ހިތްތައް ފުރޮޅުއްވަވައި ބަދަލުކުރައްވަވާ އިލާހް އެވެ! މިއަޅާގެ ހިތް އިނބަ ﷲ ގެ މަގުގައި ސާބިތުކޮށްދެއްވަވާނދޭވެ!" 

މިއީ އެކަމަށް އެދި ވަޑައިގެން ރަސޫލް () ކުރެއްވެވި ދުޢާއެވެ. އެއީ ކީއްވެގެން ކަމާއިމެދު ވިސްނައިލާށެވެ! ފެން އެއްޗެކެވެ. އަބަދު ކެކެނީއެވެ. ކެކޭ ވަރަކަށް ފެން ދާނީ މަދުވަމުންނެވެ. ހިނދެމުންނެވެ. ހިތުގައި އީމާންކަން ހަރުލައްވައި އިތުރުކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. 

ވިސްނައިލަން ޖެހޭ ކަމަކީ އިސްލާމް ދީނުގައި އެންމެ ފުރިހަމައަށް ސާބިތުވެވަޑައިގެން ހުންނެވި ރަސޫލް () މިދުޢާ އެންމެ ގިނައިން ކުރެއްވެވުމުން އަހަރެމެންގެ އީމާންކަން މިހައި ބަލިކަށިއިރު މިދުޢާ ކުރުން ގިނަކުރަން ޖެހޭނެ މިންވަރެވެ.

މިދުޢާ ކުރެއްވުމާއިއެކުވެސް ހަމަ މިފަދަ މޭރުމަކުން އިތުރު ދުޢާއެއް އެހައިމެ ގިނައިން ކުރެއްވެވިއެވެ. 

"‏اللهم مصرف القلوب صرف قلوبنا على طاعتك‏" 

"ހިތްތަކަށް މަގުދައްކަވާ އިލާހްއެވެ. ޠާޢަތުގެ މަގަށް މިއަޅާގެ ހިތް ފަހިކޮށްދެއްވަވާނދޭވެ! (ހެޔޮ އަމަލުތައް ކުރުމަށް މިއަޅާއަށް މަގުދައްކަވައިދެއްވަވާނދޭވެ!" 

މިދުޢާގައި އެދިވަޑައިގަންނަވަނީ ހެޔޮ އަމަލުތައް ކުރެއްވެވުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. ޠާޢަތުގެ މާނައިގައި ނަމާދުކުރުމާއި ޛިކުރުކުރުމާއި އެންމެހައި ހެޔޮ އަމަލުތައް ކުރުން ހިމެނެއެވެ. 

މީސްތަކުންނޭވެ! ރަސޫލް () އީ އެންމެ މަތިވެރިޞާޙިބާއެވެ! އެންމެހައި އުނިސަފަތަކުން ސަލާމަތްވެވަޑައިގެން ހުންނެވި އިންސާނާއެވެ! ނަމަވެސް މި ދެ ދުޢާއަކީ އެންމެ ގިނައިން ކުރެއްވެވި ދެ ދުޢާކަމުގައި ވުމުން އުނިސިފަތަކުން ފުރިގެން ތިބި އަހަރެމެން މި ދެ ދުޢާ ކުރުނަ ގިނަކުރަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން 

މިއަދު އޮންލައިން