ހާޓްއެޓޭކެއް ޖެހިދާނެތީ ގަންނަ ބިރަށްވުރެ މާބޮޑު ބިރެއް އެބައޮތް! އެކަމަކު ސަމާލުވާ މީހުން ދަނީ މަދުވަމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހާޓްއެޓޭކެއް ޖެހިދާނެތީ ގަންނަ ބިރަށްވުރެ މާބޮޑު ބިރެއް އެބައޮތް! އެކަމަކު ސަމާލުވާ މީހުން ދަނީ މަދުވަމުން!: މުފްތީ މެންކް

ތިމާއަށް ހާޓްއެޓޭކެއް ޖެހިދާނެތީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ބިރުގަނެއެވެ. އެފަދަ ކަމެއް މެދުވެރިވެދާނެކަމުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ނުވަތަ އެއްވެސް ޓެސްޓަކުން އެކަން ދައްކައިފިނަމަ ބިރުގަންވަރު ބޮޑުކަމުން ގައިން ހީބިހި ނަގަން ފަށައެވެ. އެކަމުން ސަލާމަތްވާން ބޭސްކާން ފަށައެވެ. ކަސްރަތުކުރަން ފަށައެވެ. ކެއުމަށް ބަދަލުގެނެއެވެ. މިހެން ގޮސް އެމީހަކަށް ކުރެވުނުހައި ކަމެއް ކުރެއެވެ. 

ހާޓް އެޓޭކެއް ޖެހިދާނެތީ މިވަރުގެ ބިރެއް މިގަންނަނީ އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެތީއެވެ. މަރުވެދާނެތީއެވެ. ސްޓްރޯކެއް ޖެހިދާނެތީއެވެ. ވާގިނެތިދާނެތީއެވެ. 

އެއީ ހަމަ އެކަންތައް ވާނެވެސް ގޮތެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލަ މިއޮންނަނީ ކުރިމަތިވެދާނެ އެއަށްވުރެ މާބޮޑު ކަމަކަށް ބިރު ނުގަނެވޭތީއެވެ. އެއީ އެމީހާ ކުރާ ޢަމަލުތަކުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހިނދުކޮޅަކަށްވެސް ގެއްލިގެން ހިނގައިދާނެކަމަށް ގަންނަން ޖެހޭ ބިރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ނުލިބިވަނިކޮށް މަރުގެ މަލާއިކަތާ ވަޑައިގެން މަރުހިއްޕަވައިފާނެކަމަށް ގަންނަން ޖެހޭ ބިރެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވަނިކޮށް ކިތަންމެ ބޮޑު ޙާޓްޓޭކެއް ޖެހުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އަދި މަރުވިޔަސް ވާނީ ކޮން ދެރައެއް ހެއްޔެވެ؟ ލިބޭނީ އުފާ ނޫންހެއްޔެވެ؟ ތިބާގެ ފުރާނަ ޙާޟިރު ކުރައްވަވާނީ ދީލަތިވަންތަ ރަސްކަލާނގެ، ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ތިބާގެ ފުރާނަ ވާނީ އެކަލާނގެ ރަޙްމަތްފުޅުގައެވެ. ވީމާ ކަންބޮޑުވާންވީ ކޮންކަމަކާއި ހެއްޔެވެ؟ 

މީސްތަކުންނޭވެ! ވަރަށް ކުރުކުރުކޮށް މިބުނީ ވަރަށް މުހިންމު ކަމެއްގެ ވާހަކައެވެ. ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއްގެ ވާހަކައެވެ. ސަމާލުކަން ނުދެވިއްޖެނަމަ ނަރަކައަށް ހުށަހޮޅުން އޮތީ ދާދި ގާތުގައެވެ. ވިސްނައި ޢަމަލުކުރާށެވެ! އެންމެ ބޮޑަށް ބިރުގަންނަން ޖެހޭނެ ކަންކަމަށް ބިރުވެތިވާށެވެ! އުފާވެރިކަން ލިބުން އޮތީ އެއިރުންނެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން