ޚަދީޖަތުގެފާނަށް ސުވަރުގޭގަ މުތީގެ ގަނޑުވަރެއް ލިބިވަޑައިގަތީ ހަމަ ހުންނަވަނިކޮށެއް ނޫން! ވަރަށް މަތިވެރި ޤުރްބާނީތަކެއްވެވަޑައިގަތުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޚަދީޖަތުގެފާނަށް ސުވަރުގޭގަ މުތީގެ ގަނޑުވަރެއް ލިބިވަޑައިގަތީ ހަމަ ހުންނަވަނިކޮށެއް ނޫން! ވަރަށް މަތިވެރި ޤުރްބާނީތަކެއްވެވަޑައިގަތުމުން!

7 އުޑުމަތިން ﷲ ތަޢާލާ ސަލާމް ވަޙީ ކުރެއްވެވުމުގެ މަތިވެރިކަން ޚަދީޖަތުގެފާނަށް ލިބިވަޑައިގެންނެވިއެވެ. ޖިބްރީލްގެފާނު ވަނީ 7 އުޑު މަތިން ﷲ ތަޢާލާ އެކަމަނާ ސަލާމް ވަޙީ ކުރައްވަވާ ކަމުގެ އުފާވެރި ޚަބަރު ރަސޫލް () އަށް ދެއްވަވައިފައެވެ! އަދި ޖިބްރީލްގެފާނު ވެސް ވަނީ އެކަމަނާއަށް ސަލާމް ވިދާޅުވެފައެވެ. 

ޤިޔާމަތް ދުވަހު ޚަދީޖަތުގެފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ޚާއްޞަ އެއް ނިޢްމަތަކީ ސުވަރުގެއިން މުތީގެ ގަނޑުވަރެއް ލިބިވަޑައިގަންނަވާނެ ކަމެވެ! މިފަދަ މަތިވެރި ދަރަޖަތަކެއް އެކަމަނާއަށް ލިބިވަޑައިގަތީ ކޮން ގޮތަކުންހެއްޔެވެ؟ ކީއްކުރައްވައިގެން ހެއްޔެވެ؟ 

ފުރަތަމަ ކަމަކީ ފިރިކަލުން ރަސޫލާ () ދެކެ ވެވަޑައިގެންނެވި އިޚްލާޞްތެރި ލޯބިފުޅެވެ. އެއިރު މީހުންގެ ބުއްދިއަށް ޤަބޫލު ނުކުރެވުނު އިލާހީ ވަޙީވެސް، ފިރިކަލުން ބަޔާންކުރެއްވެވުމުން ޤަބޫލުފުޅުކުރެއްވެވުމުގައި އަވަސްވެވަޑައިގެންނެވި ކަމެވެ! އެއްވެސް ސުވާލެއްވެސް ނުކުރައްވަވައެވެ. ރަސޫލް () ގެ ދޫފުޅުން ވިދާޅުވި އަޑުފުޅު އިބިވަޑައިގަތުމާއިއެކު ވަޤުތުން ޤަބޫލުފުޅު ކުރެއްވެވީއެވެ. 

ޚަދީޖަތުގެފާނު އަމިއްލަފުޅަށް އެދިވަޑައިގެން ކައިވެނިފުޅު ކުރެއްވެވީ މިއުންމަތުގެ ރަސޫލް () އަކާއި އެއް ނޫނެވެ. މުޙައްމަދު ބިން ޢަބްދުﷲ އާއިއެވެ. ކައިވެނިކުރެއްވެވީ އެކަލޭގެފާނުގެ އުމުރުފުޅުން 25 އަހަރުފުޅުގައެވެ. އިތުރު ޞާހިބާއަށް ރަސޫލްކަން ލިބިވަޑައިގަތީ އުމުރުފުޅުން 40 އަހަރުފުޅުގައެވެ. ވީމާ 15 އަހަރު ފަހުން ވާން އޮތް ކަމެއް ޚަދީޖަތުގެފާނަށް ވެސް އަދި އެއްވެސް އިންސާނަކަށް ނުއެނގޭނެއެވެ. 

މި ނުޤުތާ ހާމަކުރުމުގެ ބޭނުމަކީ ރަސޫލް () ރަސޫލްކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދެކަނބަލުން އެކުގައި ޒަވާޖީ ޙަޔާތްޕުޅު ހޭދަކުރެއްވެވި 15 އަހަރުގައިވެސް ޚަދީޖަތުގެފާނު އެކަމަނާގެ ފިރިކަލުންނަށް ބެހެއްޓެވި ލޯބިފުޅުގެ މަތިވެރިކަން ބަޔާންކުރުމެވެ. އެކަމުގެ ނަތީޖާގައި އެކަމަނާއަށް ލިބިވަޑައިގެންނެވި ނިޢްމތްތައް ބަޔާންކުރުމެވެ.

މީގެ އިތުރުން ޚަދީޖަތުގެފާނަކީ މައްކާގެ އަހަލުވެރިންގެ ތެރެއިން ތަނަވަސްކަމުގައި އަރައި އިންނެވި ބޭކަނބަލެކެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރައްވަވައި ހުސްކޮށްލެއްވެވީއެވެ! ފިރިކަލުން ވިދާޅުވި ކޮންމެ ކަމެއް ޤަބޫލުފުޅުކުރައްވަވައި އަޅުކަން ކުރެއްވެވުމުގައި ވެސް ހުންނެވީ ހަމަ އެންމެ ކުރީގައެވެ.

ރަސޫލް () އާއި ޚަދީޖަތުގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގެ ތާރީޚް ޔުނިވަރސިޓީތަކުގައި ކިޔަވައިދޭނަމަ މިހާރު ކުރިމަތިވެފައި މިވާ އޖުތިމާޢީ ވަރަށްގިނަ މައްސަލަތަކުން މުޅި ދުނިޔެ ވެސް ސަލާމަތްވާނެއެވެ! އެކަން ބައެއް ޔުނިވަރސިޓީތަކުން މިހާރުވެސް ވަނީ ޤަބޫލުކޮށްފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން