"ހެޔޮ ޢަމަލުކޮށްފައި އަދި އެ ޢަމަލު ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާވެސް ކުރަންޖެހޭނެތަ؟ ކޮބާތަ ޓައިމް؟"
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅަށް ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ހަމައެއާއިއެކު "ޓައިމް ނުވަތަ އެކަންކުރާނެ ވަޤުތު"ގެ ވާހަކައިންސުވާލުކުރައްވާފައި އޮތީމާ ސުވާލެއް ކޮށްލާނަމެވެ.
ކޮންމެ ދުވަހަކު ލޯބިވެރިންނާ އަދި އެކުވެރިންނާއި ވާހަކަދައްކަން ކިހައި ގިނަ ވަޤުތުތަކެއް ހޭދަކުރެވޭ ހެއްޔެވެ؟ ބޭކާރު ގޮތުގައި ތިއަ ހޭދަކުރާ ވަޤުތުތައް މަދުކޮށްލައިފިނަމަ ދުޢާކުރާނެ ވަޤުތު އޮންނާނީ ލިބި އިތުރުވެސްވެފައެވެ.
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވެއެވެ!
ރޯދަ މަހަކީ މުސްލިމުން އެންމެ ގިނައިން އަޅުކަންކުރާ މަހެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެންމެ ގިނައިން މަސައްކަތްކުރާ މަހެވެ. ފަތިސްވީންސުރެ އިރުއޮއްސެންދެން ނުކައި ނުބޮއި ތިބެ ރޯދަ ހިފަމުއެވެ. ރޭއަޅުކަން ކުރަމުއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރަމުއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އެނޫންވެސް އަޅުކަން ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުއެވެ.
ރޯދަ މަހުވެސް އަދި އެހެން ދުވަސްތަކުގައިވެސް ކުރާ އަޅުކަމުގެ މަންފާ ކުރާނީ އެ އަޅުކަން ﷲ ތައާލާ ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ރޯދަމަހަށްފަހު މިފަގަދަ ކަންކަން އިތުރަށް ހަނދާންކޮށްދޭން ޖެހެނީ ރޯދަ މަހު ކުރާ އަޅުކަން އެތައް ގުނައެއް އިތުރުވުމުންނެވެ.
ޞަހާބީން މިކަމުގައި ޢަމަލުފުޅު ކުރެއްވެވި ގޮތަށްބަލާއިރު ރަމަޟާން މަސް ނިމުމުން ކުރިއަށް އޮންނަ 6 މަސް ދުވަސް ހޭދަކުރައްވަވަނީ ރަމަމާން މަހު ކުރެއްވެވި އަޅުކަން ޤަބޫލުފުޅު ކޮށްދެއްވެވުން އެދިވަޑައިގެން ﷲ ތައާލާއަށް ދުޢާ ކުރެއްވެވުމުގައެވެ. އެއަށްފަހު އޮންނަ 6 މަސް ދުވަސް ހޭދަކުރައްވަވަނީ ކުރިއަށް އޮންނަ ރަމަޟާން މަހާއި ބައްދަލުކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވުމުގައެވެ.
ވީމާ މިއީ މިކަމުގައި މިއަދުވެސް މީސްތަކުން ޢަމަލުކުރަން އޮތް ގޮތެވެ! ރަމަމާން މަހު ގިނަ އަޅުކަންތަކެއް ކުރެވުމުން އެކަމަށް ހިތްހަމަޖެހުން ލިބިގަނެގެން ދުޢާ ނުކޮށް ނުހުންނާށެވެ! ދުޢާކުރުން ގިނަކުރާށެވެ!
"ރޯދަ މަހު ކުރެވުނު ހެޔޮ ޢަމަލު ޤަބޫލުފުޅުކޮށްދެއްވެވުން އެދި ކެނޑިނޭޅި ދުޢާކުރަންވާނެއެވެ! ހެޔޮ ޢަމަލުގެ މަންފާ ކުރާނީ ޤަބޫލުވެވުމުންނެވެ. (އެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމުންނެވެ!)"
–ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް