ކުރީ ޒަމާނުގައި ކައިވެންޏަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ކުރެވޭ އެއްޗެކެވެ. ބައްޕަ ނުވަތަ ވާރުތަވެރިޔާ އޭނާގެ ދަރިފުޅު މިވެނި މީހަކާއި ކައިވެނިކޮށްދީފިން ކަމަށް ބުނެލުމުން ފުދުނީއެވެ. ކައިވެނިކުރެވުނީއެވެ. ފުރާނެ ފޯމެއް އަދި ސެޓުފިކެޓްކިޔާއެއްޗެއް ނުވަތަ ޖަހަންޖެހޭ ތައްގަނޑެއް ނުވެސް ގެންގުޅެއެވެ.
މިޒަމާނުގައި ކައިވެނިކުރަންވުމުން ބައްޕަގެ އަތުގައި އޮންނަ ވަލީ ޙަވާލުކުރަންޖެހެނީ ފަނޑިޔާރާއިއެވެ. ކައިވެނިކޮށްދެނީ ފަނޑިޔާރެވެ. ކައިވެނި ފުރިހަމަވާކަމަށްވަނީ ކައިވެނިކުރެވޭ ދެ މީހުން ކައިވެނީގެ އިޤްރާރުގައި ސޮއިކުރުމުންނެވެ. އެއިޤްރާރުގައި ކައިވެނިކޮށްދިން ފަނޑިޔާރުވެސް ސޮއިކުރަންޖެހެއެވެ.
ކައިވެނީގެ އިޤްރާރުގައި ހެކިންގެ ގޮތުގައި ދެމީހަކު ސޮއިކުރެއެވެ. އެއީ ރަން ކިޔުއްވަން ދިއަވެސް ދެމީހުންނެވެ. ވީމާ ކޮންމެ ކައިވެންޏެއްގައިވެސް އެ 2 މީޙުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ރަންކިޔުއްވާލާފައި ދެމީހުން ގުޅުވާލާފައި 2 ހެކިން އެހިސާބުން ފިލީމައި މިޒަމާނަކު ނުނިމެއެވެ.
އަހުރެންދެކޭ ގޮތުގައި ކައިވެނީގެ ވަރަށް ބޮޑު ޒިންމާއެއް 2 ހެކިންގެ ބޮލުގައި އެޅޭނެއެވެ. އެހެންވީމާ ކައިވެނިކުރި ދެމީހުން (ދެމަފިރިން ފުރުޞަތުދޭ މިންވަރަކުން ދެމީހުންގެ ޙާލުބަލައި ދެމަފިރިންގެ ގުޅުން ބަދަހިކުރުވަން މަސައްކަތްކުރުމަކީ 2 ހެކިވެރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. އެކަމަކު އެކަމުގައި ތެދުވެރިވާންވާނެއެވެ.
މިހެން ބުނީމާ ހަމައެކަނި އަންހެން މީހާ އާއި ގުޅުން ބަދަހިކޮށް ފިރިހެން މީހާ ބާކީކޮށްލާ އުޞޫލުން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ނަމަނަމަ އެފަދަ ކަމެއް ނުކުރާށެވެ! ދެމަފިރިއެއްގެ ގުޅުން ބަދަހިކުރަން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން މިންވަރު ކުރައްވަވާނެތެވެ.
މިވާހަކަކޮޅުވެސް އަޑުއަހައިލާށެވެ! މުހިންމީ ކައިވެނީގެ އިޤްރާރުގައި ކުރާ ސޮޔެއް ނޫނެވެ! ދެމަފިރިން އެކުގައި ސުވަރުގެ ވަނުމަށް ކުރާ މަސައްކަތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން