އަހަރެންގެ ކައިވެނިވެސް ރޫޅުނެވެ! ކައިވެނި ރޫޅުމަކީ ޙަޔާތުގެ ނިމުންކަމަށް ނުދެކޭށެވެ. މިބުނަނީ ހަމަ ތެދަށެވެ! އަހަރެންގެ ކައިވެނި ވެސް ރޫޅުނެވެ. އެއީ 1999 ވަނައަހަރެވެ! މީގެ 24 އަހަރު ކުރިއެވެ. އެކި ޢުމުރުގެ ދަރިންވެސް ތިއްބެވެ! 20 އަހަރުގެ ކުދިންވެސް ތިއްބެވެ! ބައެއް ދަރިން ތިބީ ކައިވެނިވެސްކޮށްގެންނެވެ!
ޙަޔާތުގައި އެކި މީހުންނަށް ކަންކަން ދިމާވާނީ އެކިގޮތަށެވެ. ދިމާވާ ގޮތުން އެތައް ފަހަރަކު ވަރިކުރަން ނުވަތަ ވަރިވާން ޖެހިދާނެއެވެ. ކަންބޮޑުނުވާށެވެ! 3، 4 ވަނަ ބައިވެރިޔާއަކީ ތިބާ ހުވަފެނުން ދެކެމުން އަންނަ ރަސްގެފާނު ކަމަށްވެސް ވެދާނެއެވެ!
އިންސާނުންނަށްވާގޮތަކީ މުޞީބާތެއް މެދުވެރިވާއިރަށް ދުނިޔެ ނިމުނީ ކަމަށް ޤަބޫލުކުރެވެނީއެވެ. އެހެން ނުހަދާށެވެ! ހިތްވަރުކޮށްފައި ކުރިއަށް ދާން މަސައްކަތްކުރާށެވެ! ރާޅު ބޮޑުވާ ފަހަރުވެސް އަންނާނެއެވެ! ކިތަންމެ ގަދަ ކަނޑުގައި ނަމަވެސް ކުރިއަށް ދަތުރުކުރަން މަސައްކަތްކުރާށެވެ!
ކެތްތެރިވާށެވެ! ﷲ ތައާލާ އާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ! އެންމެފަހުން ހިނިގަނޑު އަނގައިން ބޭރުވާ ވަގުތު އަންނާނެއެވެ! އެންމެ ފަހުން ހިނިގަނޑު ޖަހާ މީހާއަކީ އެންމެ އުފާވެރިކަމާއިއެކު ހިނިގަނޑުޖަހާ މީހާކަމަށް ބުނާ ބުނުމަކީ ރަނގަޅުވާހަކައެއް ކަމަށް ޤަބޫލުކުރާށެވެ! އެއީ ހަމަ ތެދު ޙަޤީޤަތެކެވެ. ކަންކަން ހިނގަމުންދާ ގޮތެވެ!
--މުފްތީ މެންކުގެ ދަރުސަކުން