އެހެން މީހަކު ބުނެފާނެ ބަހަށް ސަމާލުކަން ދޭ މީހަކަށް ވެގެން އާޚިރަތް ނުލިބިދާނެކަމުގެ ބިރު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އެހެން މީހަކު ބުނެފާނެ ބަހަށް ސަމާލުކަން ދޭ މީހަކަށް ވެގެން އާޚިރަތް ނުލިބިދާނެކަމުގެ ބިރު ވަރަށް ބޮޑު!

- އިމާމް ޙަސަނުލްބަޞަރީގެ މި އަގުހުރި ބަސްފުޅަށް ވިސްނައިގެން ނޫނީ އާޚިރަތް ލިބުން ވަރަށް ދުރު!

 

ލޮބުވެތި އަޚުންނާއި އުތުންނޭވެ! ހަނދާންކޮށްލަންވީ އިމާމް ޙަސަނުލްބަސަރީގެ ބަސްފުޅެވެ. "ތިމަން ކަލޭގެފާނާއިމެދު އެހެން މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުވެވަޑައި ނުގަންނަވަނީ ދުނިޔެއަށް އައީ ވެސް އެކަންޏެވެ. މަރުވާނީ އެކަންޏެވެ. ވަޅުލެވޭނީ އެކަންޏެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ އެކަންޏެވެ. ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނީ ވެސް އެކަންޏެވެ."

މި ބަސްފުޅުތަކުން އެނގެނީ ކޮންމެ މީހަކީވެސް އެމީހާގެ އަމިއްލަ ޒިންމާތައް އެކަނި އުފުލަން ޖެހޭނެ މީހެއް ކަމަށެވެ. ދުނިޔޭގައި ހުންނައިރު ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ގޮތްތަކެއް ހޯދިދާނެއެވެ. އެކަމަށް އެހެން މީހުންގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. އަދި އެކަމަކުންއަރައިގަތުމަށް މަސައްކަތް ވެސް ކުރެވިދާނެއެވެ.

ނަމަވެސް ފުރާނަ ހިއްޕަވަން މަލާއިކަތާ ވަޑައިގަންނަވާ ވަގުތުން ފެށިގެން މީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދެއެވެ. އެއްވެސް އެހެން މީހަކަށް އެމީހާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮވެއެވެ. އެއީ ކިތަންމެ މޮޅު މީހެއް ނަމަވެސް ކިތަންމެ ބޮޑު ފައިސާވެރިއެއް ނަމަވެސް އަދި ކިތަންމެ ބޮޑު ވެރިކަމެއްގައި ހުރި މީހަކު ނަމަވެސް މެއެވެ. ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން ވަށައިގެން ބައިތިއްބައިގެން ތިބި ނަމަވެސްމެއެވެ. އަދި އެންމެ ޒަމާނީ ހަތިޔާރުތަކާއިއެކު ކިތަންމެ ގިނަ ޢަދަދެއްގެ ސިފައިން ބައިތިއްބައިގެން އުޅޭ މީހެއް ނަމަވެސްމެއެވެ. 

ލޮބުވެތި އަޚުންނާއި އުތުންނޭވެ! އެންމެ މުހިންމު މަރުހަލާ ފެށިގެންދަނީ މިހިސާބުންނެވެ. އެމީހެއްގެ ފުރާނަ ހިއްޕަވާ ވަގުތުން ފެށިގެންނެވެ. ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ޙަޔާތުގައެވެ. ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގައެވެ. މި ހުރިހާ މަރުޙަލާތަކެއްގައި ވެސް އުޅެން ޖެހޭނީ ހަމަ އެކަންޏެވެ. ތިމާގެ އެއްވެސް އާރެއް ބާރެއް ނެތް މީހެއްގެ ގޮތުގައެވެ.

ވީމާ އެއްވެސް މީހަކު ނުވަތަ ބައަކު ކިޔައިފާނެ އެއްޗަކާއިމެދު ކަންބޮޑުނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ފުރިހަމައަށް ސާބިތުވާށެވެ! ﷲ ތަޢާލާއަށް ޖަވާބުދާރީ ވެވޭނެ ގޮތަށް ހުރިހާ ޢަމަލުތަކެއް ވެސް ބަހައްޓާށެވެ! ޙަޤީޤީ ބޭނުން ޖެހޭ ހިނދު އެހީތެރިވެވޮޑިގެން ދެއްވެވޭނެ ހަމައެކަނި ފަރާތަކީﷲ ތަޢާލާއެވެ!

މީސްތަކުންގެ ތެރެއިން އެންމެ ގިނަ ބައަކު މިއަދު އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅޭތަން ފެންނަނީ އެހެން މީހަކު ތިމާ އާއިބެހޭ ގޮތުން ބުނެފާނެ ބަހަކާއިމެދުގައެވެ. ދައްކައިފާނެ ވާހަކައަކާއިމެދުގައެވެ.

މީސްތަކުން ބުނެފާނެ ބަހަކަށްޓަކައި މުސްލިމެއްގެ ޙަޤީޤީ ސިފައިގައި ފެންނަން ޖެހިލުންވާ މީހުން ވެސް މަދެއް ނޫނެވެ. އަލަށް އިސްލާމްވާ މީހުންގެ ތެރޭގައި އެމީހާ އިސްލާމްވިކަން ހާމަކުރަން ޖެހިލުންވާ މީހުންވެސް އެބަ އުޅެއެވެ. މިކަންކަމަކީ އެއްވެސް މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން