ބުރަ އުފުލައިގެން ދުނިޔޭގަ ގިނަ ހެޔޮ އަމަލުތަކެއް ކުރިނަމަވެސް އެންމެ ކަމެއް ސީދާނުކުރާނަމަ ޤިޔާމަތް ދުވަހު ޘަވާބު ނުލިބި ފޭލްވެދާނެ! އެއިރުން ލިބޭނެ ދެރައަށް މިއަދު ވިސްނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ބުރަ އުފުލައިގެން ދުނިޔޭގަ ގިނަ ހެޔޮ އަމަލުތަކެއް ކުރިނަމަވެސް އެންމެ ކަމެއް ސީދާނުކުރާނަމަ ޤިޔާމަތް ދުވަހު ޘަވާބު ނުލިބި ފޭލްވެދާނެ! އެއިރުން ލިބޭނެ ދެރައަށް މިއަދު ވިސްނާތި!

ކުރާ ކޮންމެ ކަމެއްގައި ވެސް ﷲ ތައާލާއަށް ހިތް ނިޔަތް ޚާލިޞްކުރުމުގެ އާދައަކީ ހަމަކޮންމެހެން ދިރުވައި އާލާކުރަންޖެހިފައި އޮތް އާދައެކެވެ. ނޫން ނަމަ ޢާޚިރަތް ދުވަހު ވަރަށް ހިތާމަކުރަން ޖެހޭ ގޮތެއްވެސް މެދުވެރިވެދާނެއެވެ. އެހެނީ ތިބާއަކީ ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރެވިފައިވާ މީހަކަށްވާއިރުވެސް އެކަންކަން ކޮށްފައިވަނީ ﷲ ތައާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދި ނިޔަތްގަނެގެން ކަމަށް ނުވެއްޖެ ނަމަ އެ އަމަލުތައް ކުރިކަމުގެ ޘަވާބު ނުލިބިދާނެތީއެވެ! 

ވީމާ ކޮންމެ ކަމެއް ކުރާއިރުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދިގެން ކުރަމުން ގެންދާށެވެ! އެއީ ދެމަފިރިން އެކަކު އަނެކަކަށް އަދި ދަރިންނަށް ޚިދުމަތްކުރުން ކަމުގައިވީނަމަވެސް، އަދި މައިންބަފައިނަށް ޚިދުމަތްކުރުން ކަމުގައިވީނަމަވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ އަވަށްޓެރިއަކަށް ގަހުން މޭވާއެއް ބިނދެދިނުން ނަމަވެސްމެއެވެ. 

ރަސޫލް () ގެ އެތައް ޙަދީޘްފުޅުތަކަކުން އެނގެންއޮތް ގޮތުގައި ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އިންސާގެ ހަށިގަނޑުގެ ބޭރުފުށުގެ ސިފަތަކަކަށް ނޫނެވެ. ރީތިކަމާއި ބުރުސޫރައަކަށްވެސް ނޫނެވެ. ދޮންކަޅު މިނަކަށް ވެސް ނޫނެވެ. ދަތްތަކުގެ ސައިޒާއި ދަތްތައް ހުރި ގޮތަކަށް ވެސް ނޫނެވެ. 

ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ ހަމައެކަނި އިންސާނާގެ ހިތަށެވެ! ކުރާ ކޮންމެއަމަލަކަށް ޖަޒާލިބުން ވެސް ވަނީ އެކަންކުރުމުގައި ނިޔަތްގަތް ގޮތުގެ މައްޗަށެވެ. ކޮންމެކަމެއް ވެސް ކުރުމުގެ ކުރިން ނިޔަތް ގަންނަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. 

ވަރަށް ގިނަ މީހުން ތަފާތު ހެޔޮ އަމަލުތައް ކުރެއެވެ. ފަޤީރުން އެހީތެރިކަމަށް އެދުމުން ޞަދަޤާތްވެސް ކުރެއެވެ. ނަމަވެސް ތެދަށް ބުނާނަމަ ބުނަން ޖެހޭނީ އެކަންކަން ކުރާއިރު، ތިމާ އެކަންމިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެންކަމަށް ހިތަށް އަރުވައިލެވެނީ ވަރަށް މަދު މީހަކަށެވެ. އަޅުކަމުގެ އަޞްލަކީ ހިތުން ކުރާ އަޅުކަމެވެ. ހަށިގަނޑުގެ ގުނަވަންތަކުން ކުރާ ކަމަކީހަމައެކަނި ހިތުން ކުރާ އަޅުކަން ފުރިހަމަކުރުމެވެ. ނުވަތަ ފުރިހަމަކޮށްދިނުމެވެ. 

ހިތާއިމެދު ފަރުވާކުޑަނުކުރާށެވެ! މިބުނަނީ ކޮންމެކަމެއް ކުރާއިރުވެސް އެކަމަކުން ތިމާއަށް ޘަވާބާއި ދަރުމަދެއްވެވުން އެދިގެންކުރާށެވެ. އެކަމަށް ނިޔަތްގަނެގެންކުރާށެވެ. ތިމާއަށް ކުރެވޭ އެތައް ބައިވަރު ހެޔޮ އަމަލުތަކެއް، އެއްވެސް ނިޔަތެއް ނެތި ކުރެވިފައިވުމުން، އެކަންކަމުން ލިބެން އޮތް ޘަވާބާއި ދަރުމަ ނުލިބި ހިނގައްޖެ ނަމަ ކުރަންޖެހޭނެ ހިތާމައަށް ވިސްނައިލާށެވެ! 

މިކަން ކުރަން އެންމެ ފަސޭހަވާނެގޮތަކީ ކޮންމެކަމެއް ކުރިނަމަވެސް ﷲ ތައާލާއަށްޓަކައި ކުރާކަމެއް ކަމަށް ނިޔަތް ގަނެގެން ކުރާށެވެ! ޙަޤީޤަތަށް ބަލައިފިނަމަ އިންސާނާގެ ޢާންމު ދިރިއުޅުމުގައި ކުރަން ހުރި ކޮންމެ ކަމަކީ އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ ޢަމަލެކެވެ. އަނބިދަރިންނަށް ޚިދުމަތްކުރުމާއި ދިރިއުޅެން މަސައްކަތްކުރުމާއި ގެތެރޭގެ މަސައްކަތް ކުރުމާއި އެންމެ ކުޑަމިނުން ގާތުން ކިރުދިނުމާއި ދަރިން ފެންވަރުވައި ރީތިކުރުން މިއީވެސް ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެވެ. އަދި ކީއްހެއްޔެވެ؟ ކިތަންމެ ގާތް އެކުވެރިއަކަށް ބޯނެ ފެންފޮދެއް ދިއްކޮށްލުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.  

އަޅުކަންކުރާއިރު އެންމެ ޢަމަލެއް ސީދާކުރުމުގެ ވާހަކައަކީ ނިޔަތް ސީދާކުރުމެވެ. ހިތް ސީދާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން