މައިންބަފައިންނަށްވުރެ ކުރިއަރައި އިބިލީހަށް އެމީހުންގެ ދަރިން އަތުލައިގަނެވޭ ސަބަބު!- ކޮންމެ ބެލެނިވެރިއަކަށް ވަރަށް މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
މައިންބަފައިންނަށްވުރެ ކުރިއަރައި އިބިލީހަށް އެމީހުންގެ ދަރިން އަތުލައިގަނެވޭ ސަބަބު!- ކޮންމެ ބެލެނިވެރިއަކަށް ވަރަށް މުހިންމު ފިލާވަޅެއް!

ނަރަކަ އާއި ނަރަކައިގެ ގަދަފަދަ ޢަޛަބުގެ ވާހަކަތަކާއި ސުވަރުގެ އާއި ސުވަރުގެ ޙާޞިލުކުރެވުމުން ލިބޭނެ ނިޢްމަތްތަކުގެ ވާހަކަ ފަދަ ވާހަކަތައް ދަރިންނަށް ކިޔައިދޭންޖެހޭނީ ބޮޑުވުމުން ކަމަށް ޤަބޫލުކޮށްގެން ކިޔައިނުދީ ބައެއް މައިންބަފައިން އެބަތިބެއެވެ. 

އެވާހަކަތައް ކިޔައި ނުދީ ތިބެފައި ކިޔައިދޭން ބަލާއިރު ގިނަ ފަހަރަށް އޮންނަނީ ކުއްޖާގެ ސިކުނޑިއަށް ޝައިޠޯނާ ވައްދަން ޖެހޭ ވަސްވާސްތައް ވައްދައި ފުރާލައިފައެވެ. ނަތީޖާއަކަށްވެގެންދަނީ ފަހުން ކިޔައިދޭން ބެހެއްޓި ވާހަކަތައް ކިޔައިދޭން ބަލާއިރު ދަރިންގެ ހިތާއި ސިކުނޑިން އެވާހަކަތަކަށް ޖާގަ ނުލިބުމެވެ. އެންމެ ކުޑަމިނުން ސަމާލުކަންވެސް ނުލިބުމެވެ! 

މިހެން ބުނުމުން ތިއަދައްކަނީ ކޮންފާޑެއްގެ ވާހަކަތަކެއްތޯ ސުވާލުކޮށްފާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މިދެއްކި ވާހަކައަށް އެންމެ ސާފު ހެކި އެންމެ ފަސޭހައިން ފެންނާނީ ޖޫނިއަރ ސްކޫލްގެ ދަރިވަރުން ގެންގުޅޭ ފޯނާއި ލެޕްޓޮޕުންނެވެ. އެތަކެތި ރަނގަޅަށް ބަލާލައިފިނަމަ ގިނަ ދަރިވަރުންނާއި ޝައިޠޯނާ ގުޅުން އުފައްދައި އެގުޅުން ބަދަހިކޮށްފައިވާ މިންވަރު އެނގިގެންދާނެއެވެ. އެތަކެތިން ފެންނަން ހުންނާނެއެވެ. 

އެންމެ ރަނގަޅެވެ! ދަރިން ކައިރީގަ އެންމެ ފަހަރަކުވެސް "ފޯނު ނަގައިގެން ނިކަން ގޭމެއް ކުޅެލަބަލާށޭ!" ބުނަން ޖެހޭ ހެއްޔެވެ؟ އެއިގެ ބަދަލުގައި ނަމާދެއް ކުރުވެނީ ކިތައް ފަހަރު ބުނެ އާދޭސްކޮށްގެން ހެއްޔެވެ؟ ކީރިތި ޤުރްއާން ކިޔަވަން ބެއިންދެނީ ކިހައިވަރަކުން ހެއްޔެވެ؟ 

މިބުނި ކަންކަމަށް ބެލުމުން ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ފޭލްވެފައި ތިބިވަރާއި އިބިލީސް ކުރިއަރާފައިވާ މިންވަރު އެނގިގެންދާނެއެވެ! 

ކަންކަން މިހެންވަމުން މިދަނީ ﷲ ތަޢާލާ ތިއަބައިމީހުންނަށް ކުރެއްވެވި އަމުރުފުޅަށް ޢަމަލުނުކުރެވޭތީއެވެ! ﷲ ތަޢާލާގެ މަގުގައި ކުދިން ތަރުބިއްޔަތު ނުކުރީތީއެވެ. އެކުދިންނަށް އިސްލާމް ދީނާއިމެދު އުނގަންނައިދޭން ޖެހޭ މައުލޫމާތު އުނގަންނައި ނުދޭތީއެވެ. 

ހަމައެއާއިއެކު ކުދިންނަށް ވާހަކަތައް ކިޔައިދޭން ޖެހޭނީ އެކުދިންގެ ޢުމުރާއި ގުޅޭވަރަށެވެ! ކުއްޖާގެ މިޒާޖާއި އަދި މޫޑް ހުންނަވެސް ގޮތަށް ބަލައިގެންނެވެ. އެކުދިންނަށް އެކަންކަން ފަހުމްވާނެ ޢިބަރާތްތަކުންނެވެ. 

"---- ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިއަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރުދެއްވާ، އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކީމެވެ." 

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ! ކޮންމެ މީހަކީވެސް އެމީހާގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މީހެކެވެ. ދަރިންގެ މަސްއޫލިއްޔަތަކީ އެންމެ މުހިންމު އެއް މަސްއޫލިއްޔަތެވެ. ބައިނަބަފައިން ޒިންމާ ނުއުފުލުމުގެ ސަބަބުން ދަރިއަކު ނުބައި މަގުން ހިނގައްޖެ ނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަން ނުޖެހިއެއް ނުދާނެއެވެ! 

ދަރިން ދީނުގައި ސާބިތުކުރުވަން އެދޭ ނަމަ ދަރިންގެ ޢުމުރާއި އަދި ވިސްނުމާއި ގުޅޭ ގޮތުން ނަރަކަ އާއި ސުވަރުގޭގެ ވާހަކަތައް އަބަދުވެސް ދަރިންނާއި ދައްކާށެވެ! ގިނަގިނައިން ދައްކާށެވެ! އަދި ދަރިންނަށް އަޑު އިއްވައި ﷲ ތަޢާލާއަށް ޙަމްދުކުރުމާ ﷲ ތަޢާލާ މަތިވެރިކުރުން ގިނަކުރާށެވެ!  ލިބޭ ކޮންމެ ނިޢްމަތަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ދަރިންނަށް ގިނަގިނައިން ހަނދާންކޮށްދޭށެވެ! މައިން ބަފައިން ދައްކާ ވާހަކަތަކުގައި ﷲ ތައާލާއަށް ޝުކުރުކުރުން ގިނަކޮށް އެއަޑު ދަރިންނަށް އިއްވަމުން ގެންދާށެވެ! 

މުސްލިމް ބައެއް މުޖުތަމައުތަކަށް މިހާރަކަށް އައިސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ ޒުވާނުންގެ ތެރެއިން ގިނަ ބައަކަށް އިސްލާމް ދީނުގެ ޙަޤީޤަތް ރަނގަޅަށް ނުއެނގުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެވެ. އެކަން އެހެން އެވަނީ އެކުދިންނަށް އެކަންކަން ވިސްނައިދޭން ޖެހޭ ޢުމުރުގައި އެކަންކަން ނުކުރެވޭތީއެވެ. 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ ދަރިންދެކެއެވެ. ތީމާ އެހައި ބޮޑަށް ލޯބިވާދަރިން ނަރަކައިން ސަލާމަތްނުކުރެވިއްޖެނަމަ އެވެވުނީ ކޮން ލޯތްބެއް ކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން