ޙަޤީޤީ ޙާދިސާ: އަމިއްލައެދުން މިނަށްވުރެ ބޮޑުވީމާ ތަނަވަސް ލޯބިވެރިޔާ ގެއްލި، ލޯބިވެގެން ނުވެސް އުޅެ އަޚްލާޤް ރަނގަޅު އަންހެނަކަށް ތަނަވަސް މީހާގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
ޙަޤީޤީ ޙާދިސާ: އަމިއްލައެދުން މިނަށްވުރެ ބޮޑުވީމާ ތަނަވަސް ލޯބިވެރިޔާ ގެއްލި، ލޯބިވެގެން ނުވެސް އުޅެ އަޚްލާޤް ރަނގަޅު އަންހެނަކަށް ތަނަވަސް މީހާގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑު މިކިޔައިދެނީ މި ފުރަ މާލޭގައި މީގެ 10 ވަރަކަށް އަހަރުކުރިން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. މިއީ ވަރަށް ޢިބްރަތްތެރި ޙާދިސާއެކެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ. 

ތަނަވަސް ޢާއިލާއެއްގެ ހުރި އެންމެ ފިރިހެންދަރިފުޅު ކައިވެނިކުރާނެ އަންހެނަކު ހޯދިއެވެ. އެކަން ޢާއިލާއަށް އެނގުނީވެސް ލޯބިވެގެން އެތައް ދުވަހަކު އުޅުނުފަހުންނެވެ. ކައިވެނިކޮށްދޭން ޢާއިލާގައި އެދުމުންނެވެ. 

މަންމައަށް އެ އަންހެން ކުއްޖާ ކަމަކު ނުދިއައެވެ. އޭނާގެ އަޚްލާޤާއިމެދު ހިތްހަމަނުޖެހުނީއެވެ. އެހެންވެ ދަރިފުޅަށް ވިސްނައިދޭން އެކި ގޮތްގޮތުން މަސައްކަތްކުރުމުންވެސް ޤަބޫލުނުކުރުމުން މަންމަ ދަރިފުޅުގާތު ވަރަށް އާދޭސްކޮށްގެން އޭނާ އިމްތިޙާން ކުރުމަށްޓަކައި ވަރުގަދަ ޑްރާމާއެއް ޖެއްސިއެވެ.

އޭނާހެ ހަގަށް އަނހެން ކުއްޖަކު ހުރެއެވެ. ދެބެއިން އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ދެބެއިންގެ އިތުރުން ބެސްޓް ފްރެންޑުންނަކީވެސް ދެބެއިންނެވެ. ކުއްލިއަކަށް ކޮއްކޮ ވާގިނެތި އެނދުގައި އޮންނަން ޖެހުނީއެވެ. އެފަދަ ޙާލެއްގައި ކޮއްކޮ އެނދުގައި ބާއްވާފައި ލޯބިވެރިޔާ ގެއަށް ގެނެސް ދެއްކިއެވެ. 

ބުނީ ކައިވެނިކޮށްގެން ދެމަފިރިން ބަދަލުވާގެއަށް ކޮއްކޮ ގެންދަން ޖެހޭނެ ކަމަށެވެ. މިޙާލަތުގައި ކޮއްކޮ ބެލުމަކީ މަންމައަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުރެވޭނީ ލޯބިވެރިޔާފަދަ ހޭލުންތެރި ގައިގައި ބާރުވެސް ހުރި އަނހެނަކަށް ކަމަށެވެ. 

ލޯބިވެރިޔާ ވަގުތުން ދެކޮޅުހެދިއެވެ. ބުނީ ގޭގައި ނޯކަރަކު ބެހެއްޓީމާ މަންމަގެ ބެލުމުގެދަށުން ކޮއްކޮ ބެލެހެއްޓިދާނެ ކަމަށެވެ. އެހައި ބަލި ކުއްޖަކު ގެންގޮސްގެން ގެންގުޅޭނަމަ އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ކައިވެނިކުރުމަށްފަހު ބައްޕަގެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް ގިނަ ވަޤުތު އޮފީހުގައި އުޅެން ކަމަށެވެ. ބަލި ކޮއްކޮއަކު ގެންގުޅެމުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. 

އެވާހަކަތައް ދެއްކީ ދެމީހުން އެކަނި ތިބެ ސިއްރުންނެވެ. ދައްކާފައި ނނުކުމެގެން ދިއުމުން މަންމަ ސުވާލުކުރީމާ ލޯބިވެރިޔާ ދެއްކި ގޮތަކަށް މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން މަންމަ ބުންޏެވެ. 

"ދަރިފުޅާއެވެ! މަންމަ ބުނިގޮތަށް ކަންކަންވެ ނިމުނީއެވެ. އެނދުގައި އޮންނަން މިމަންމައަށް ޖެހިއްޖެނަމަވެސް އޭނާ ކަންކަން ކުރާނީ އެގޮތަށް ނޫން ހެއްޔެވެ؟ މަންމައަށް އޭނާގެ ކިބައިން އެއްވެސް އަލައިލުމެއް އެހީތެރިކަމެއް ނުލިބޭނެ ނޫންހެއްޔެވެ؟ އެޙާލަތަށް ދަރިފުޅަށް ކެތްކުރެވޭނެ ހެއްޔެވެ؟ 

ދަރިފުޅާއެވެ! ވަޤުތާއި ޙާލަތު ތަންދޭ ވަރަކުން އޮފީހުގެ މަސައްކަތުގައި އުޅުމަކީ ތަފާތު ކަމެކެވެ. ނަމަވެސް މިއުލެނީ އަތުގައި ފައިސާ މަދުވެގެނެއް ނޫނެވެ. ބޭނުންވެގެން މިއުޅެނީ މަންމަ އާއި ބައްޕަ މުސްކުޅިވީދުވަހު ގޭގެ ކަންކަމުގެ ޒިންމާ އުފުލާނެ އަންހެނެކެވެ. ދަރިފުޅަށް ޚިދުމަތްކުރާނެ އަންހެނެކެވެ. ތިއައީ އަހަރެމެންނަށް އެއްވެސް ބޭނުމެއް ހިފޭނެ އަނހެނެއް ނޫނެވެ. އެކަމަކުވެސް ގޮތް ނިންމާނީ ދަރިފުޅެވެ." 

މަންމަ ދިން ނަޞޭޙަތް ދަރިފުޅު ޤަބޫލުކުރިއެވެ. އޭނާ އާއި ގުޅުން ކަނޑައިލިއެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރަން ބޭނުން ކަމަށާއި މަންމަ ތިއަބުނާ ބޭނުންތައް ހިފޭނެ އަނހެނަކު ހޯދައިދޭން މަންމަގެ ގާތުން އެދުނެވެ. އަޞްލުގައި އެހެންބުނީ ސަމާސާއަކަށެވެ. ނަމަވެސް މަންމަ އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނެގިއެވެ. 2،3 ދުވަސްފަހުން ކޮންމެ ރެއަކު ކުއްޖަކު ގެއަސް ގެނެސް އޭނާގެ ވަނަވަރު ކިޔައިދޭން ފަށައިފިއެވެ. 

އެތައް ކުދިންނެއް ދެއްކި އިރުވެސް ދަރިފުޅަށް ކަމުދާ ކުއްޖަކު ނުދެއްކުނެވެ. ދަރިފުޅު ބޭނުންވީ އޭނާ ކައިވެނިކުރަން ކަނޑައަޅާފައިވާ ތާރީޚުގައި ކޮންމެވެސް އަންހެނަކާއި ކައިވެނިކުރާށެވެ. އެހެންވެ އެންމެން އެކުގައި އެއްރޭ ކާން ތިބެފައި ވަރަށް ވިސްނާފައި ސުވާލުކުރިއެވެ. "މަންމައަށް ވަރުކަމުދާކަން ޔަޤީންވާ ކުއްޖަކާއި ކައިވެނިކުރަން ބޭނުންވެގެން އެދިއްޖިއްޔާ ކޮށްދޭނަން ހެއްޔެވެ؟" ބައްޕައާއި މަންމަގެ ޖަވާބަކަށްވީ ވަގުތުން ކޮށްދޭނެ ކަމަށެވެ. 

އެހިސާބުން އަނގައިން ނުބުނެ އިރުކޮޅަކު އިނދެފައި އެގޭގައި ހަމަ ދަރިއެއްގެ ދަރަޖަ ދީގެން އެކަމަކު ނޯކަރަކަށް ގެންގުޅޭތާ ވަރަށް ދުވަސްވީ ކުއްޖަކަށް ގޮވާލާފައި ސައިތަސްޓެއް ގެންނަން ބުންޏެވެ. ކުޑައިރުންސުރެ ގޭގައި ގެންގުޅެ އެކުއްޖާއަށް ކިޔަވައިދީ ތަރުބިއްޔަތުކުރީވެސް މަންމައެވެ. އެއީ އަޚްލާޤްގެ ގޮތުން ވަރަށް ރަނގަޅު ކުއްޖެކެވެ. އެހެންވެ އެންމެންވެސް އޭނާދެކެ ވަރަށް ލޯބިވެސްވެއެވެ. 

ސައިތަށި ގެނެސްދީފައި ދާން ހިނގައިގަތުމުން މަޑުކުރުވާފައި ބުންޏެވެ. "އަބަދު އުޅޭހެން ލަދުން މޫނުގައި ބުރުގާ އަޅަންވީއެއް ނޫނެވެ! މިތާ ނިކަން މަޑުކޮށްލަބަލާށެވެ! ނިކަން ޖަވާބުދީބަލާށެވެ! ނާޒިމާ އަށް އަހަރެން ކަމުދޭ ހެއްޔެވެ؟ މީސީރިޔަސް ވާހަކައެކެވެ. އަހަރެންނާއި އިންނަން ކެރޭނެ ހެއްޔެވެ؟" އެހެން ބުނާއިރަށް ނާޒިމާ ލަދުން ދުވެ ފިލައިފިއެވެ. 

ނާޒިމާ ދިއުމުން ދަރިފުޅު ބުންޏެވެ! "މަންމާއެވެ! މިހާރު ބޯޅަ އޮތީ މަންމަގެ ކޮޅުގައެވެ. ނާޒިމާ އާއި ވާހަކަދެއްކޭނީވެސް މަންމައަށެވެ. ނާޒިމާ ޤަބޫލުނަމަ އަޅުގަނޑާއި ނާޒިމާގެ ކައިވެނިކޮށްދެއްވާށެވެ! ހަމަ ޤައިމުވެސް މަންމަ ބުނި ހުރިހާ ޝަރުޠުތަކެއް ނާޒިމާގެ ފުރިހަމަވާނެއެވެ!" 

އޭނާ ކަނޑައަޅާފައި އޮތް ތާރީޚުގައި ކައިވެނިކުރެވުނެވެ. ދިރިއުޅެމުން އަންނަނީވެސް ވަރަށް އުފަލުގައެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ދުނިޔޭގެ އެދުމަށް ދަހިވެތިވެގެން ކައިވެނިކުރަން އުޅުމުން ގިނަފަހަރު ލިބޭނީ ގެއްލުންކަން ބުނެލުމަށެވެ. މިނަށްވުރެ އަމިއްލައެދުން ބޮޑުވީމާ، އަދި އިންސާނިއްޔަތުކަން ކުޑަވީމާ އެލޯބިވެރިޔާއަށް ގެއްލިގެން އެދިއައީ ކޮންފަދަ އަގުހުރި ފުރިޞަތެއްކަމާއިމެދު ވިސްނާލައިފިނަމަ ކުރިން ބުނިފަދައިން މިހާދިސާއަކީ ވަރަށް ޢިބްރަތްތެރި ޙާދިސާއަކަށް ވެގެންދާނެއެވެ. އިން ޝާ ﷲ 

- ޙަފީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން