ޢަލީ އިޙްޞާން ފިރާޤް
އިބްލީސްގެ ވާހަކަ ތާރީޚުން:
ކީރިތި ޤުރްއާނުގެ ނައްޞުން އިބްލީސްވަނީ ޖިންނީންގެ ތެރެއިންކަން އެނގެއެވެ. ނަމަވެސް އިންސާނާ ޚަލްޤުކުރެއްވުމުގެ ކުރީން އިބްލީހުގެ ޙާލަތު އެނގޭކަށް ނެތެވެ. އެ ގޮތުން މި މައުލޫގައި ޞައްޙަ ޙަދީޘެއް ވާރިދުވެގެން އައިސްފައިވާތީ އަޅުގަނޑުބެލި ފޮތްތަތަކުން ފެންނާކަށް ނެތެވެ. ނަމަވެސް ޞަޙާބީންގެ ބަސްފުޅުތަކުގައި އިބްލީހުގެ ވާހަކަ އައިސްފައިވެއެވެ. ނަމަވެސް ރިވާޔަތްތަކަކީ ތާރީޚީ ރިވާވަޔަތްކެކެވެ.
ތާރީޚަކީ މާ އިތުބާރު ހުރި އެއްޗެއް ނޫންނެވެ. އެއީ އެފަދަ ރިވާޔަތްތަކުގެ ޞައްޙަކަން ދެންގަނެވޭނެ ގޮތެއްނެތީމައެވެ. އެރިވާޔަތްތަތައް ރިވާކޮށްފައިވާ ބޭކަލުންގެ ޙާލަތު އެނގެންނެތީމައެވެ. ނަބީބޭކަލުންގެ ވާހަކައިގެ ތެރެއަށް ވަރަށް ބޮޑަށް އިސްރާއީލިއްޔާތު ވަދެފައިވެއެވެ. ގިނަ ރިވާޔަތްތައް ރިވާވެގެން އައިސްފައިވަނީ އިހު އުޅުނު ފޮތުގެ އަހުލުވެރިން ފަރާތުންނެވެ. ފޮތުގެ އަހުލުވެރިންވަނީ އެބައިމީހުންގެ ފޮތްތައް ބަދަލުކޮށްފައެވެ. އެހެންކަމުން އެފަދަ ރިވާޔަތްތަކާމެދު މާތް ރަސޫލާ ﷺ އިރްޞާދު ދެއްވައިފައިވަނީ އެފަދަ ރިވާޔަތްތައް ދޮގުވެސް ނުކުރުމަށެވެ. އަދި ތެދުވެސް ނުކުރުމަށެވެ. ޝައްކެތްނެތެވެ. އެ ފޮތްތަކުގައި ހުރި ވާހަކަތަކުން ޤުރްއާނާއި ސުންނަތަކުން ސާބިތުވާ ކަންތައްތައް ތެދުކުރެވޭނެއެވެ. ޤުރްއާނާއި ސުންނަތާ ފުށުއަރާ ކަންތައްތައް ދޮގުކުރެވޭނެއެވެ.
ދެން މިދަންނަވައިލަނީ، އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނު ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި ޖިންނީނާއި އިބްލީހުގެ ވާހަކަ ގެންނަވައިފައިވާ ގޮތުގެ މައްޗަށެވެ.
އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. [އިބްލީސް ނުކިޔަމަންތެރިވުމުގެ ކުރީން އޭނާގެ ނަމަކީ عزازيل އެވެ.] އިބްނު މަސްޢޫދުގެފާނާއި އިބްނު ޢައްބާސްގެފާނާއި ސަޢީދު ބިން މުސައްޔަބު ވިދާޅުވެފައިވެއެވެ. [އިބްލީސްވީ ދުނިޔޭގެ އުޑުގެ މަލާއިކަތުންގެ ވެރިޔާކަމުގައެވެ.]
އިބްނުޢައްބާސްގެފާނުގެ އެހެން ރިވާޔަތެއްގައިވެއެވެ. އިބްލީސް ހިމެނިގެންވަނީ މަލާއިލަތުންގެ ތެރެއިން [ޖިންނި] އޭ ކިޔުނު ޖަމާޢަތެއްގެ ތެރެއިންނެވެ. އޭނާއަކީ އެޖަމާޢަތުގައި ހިމެނޭ އެންމެ މާތް، އެންމެ އަޅުވެރި، އެންމެ ޢިލްމުވެރި މީހާކަމުގައެވެ. އޭނާއަށް ހަތަރު ފިޔަ ލިބިގެންވެއެވެ. ދެން އޭނާ މާތްﷲ ގެ އަމުރުފުޅަށް އުރެދިގެން ހިނދު އެކަލާނގެ އޭނާގެ މައްޗަށް ކޯފާލެއްވިއެވެ. ލަޢުނަތްލިބިގެންވާ ޝައިޠާނެއްކަމުގައި ލެއްވިއެވެ.]
އަދިވެސް އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. [އިބިލީހަކީ މަލާއިކަތުންގެ ތެރެއިން އެންމެ މަތިވެރި މީހާއެވެ. ޤަބީލާގެ ގޮތުންވެސް އެންމެ މަތިވެރި އަރާހުރި މީހެކެވެ. ސުވަރުގެތަށް ބެލެހެއްޓުމާ ޙަވާލުވެގެން ހުރީ އޭނާއެވެ. ފުރަތަމަ އުޑުގެ ވެރިކަމާއި ބިމުގެވެރިކަން ޙަވާލުކުރެވިގެންވަނީ އޭނާއަށެވެ.]
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "آدم عليه السّلام ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން މާތްالله سبحانه وتعالى، ޖިންނީން ޚަލްޤުކުރެއްވިއެވެ. ދެން ޖިންނީންގެ ބާގަތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދި ލޭއޮހޮރުވުން ފެށުމުން، މަލާއިކަތްބޭކަލުންގެ ލަޝްކަރައެއް ޖިންނީންގެ ބާގަތަކާ ދިމާއަށް ފޮނުއްވިއެވެ. މަލާއިކަތްބޭކަލުން ވަޑައިގެން ޖިންނީންތައް ކަނޑުގެ އަޑީގެ ޖަޒީރާތަކަށް ފައްސަވައިލެއްވިއެވެ.
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އަޅުގަނޑުމެން އިތުބާރުކުރަން ޖެހެނީ ކީރިތި ޤުރްއާނާއި ޞައްޙަ ޙަދީޘް ބަސްފުޅުތަކަށެވެ. ކުރިންދެންވުނު ބައެއް ރިވާޔަތްތަކާއި އަދި އިތުރު ބައެއް އެހެން ރިވާޔަތްތަކުގައި އިބްލީހަކީ މަލާއިކަތެއްކަމުގައިވެސް އައިސްފައިވެއެވެ. ނަމަވެސް ޤުރްއާނުން ދަލީލުލިބެނީ އެއީ ޖިންނިއެއްކަމަށެވެ. ދަލީލަކީ ކަހަފް ސޫރަތުގެ 50 ވަނަ އާޔަތެވެ.
އިބްނު ޖަރީރު ޞައްޙަ ސަނަދުން ޙަސަނުލް ބަޞަރީގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. [ކުޑަހިނދުކޮޅަކަށް ނަމަވެސް އިބިލީސް މަލާއިކަތުންގެ ތެރެއަކުން ހިމެނިގެންނުވެއެވެ. އާދަމްގެފާނަކީ އިންސާނުންގެ ބަފައިކަލުންނަށްވީ ފަދައިން އޭނާއަކީ ޖިންނީގެ ބައްޕައެވެ.]