ދެމަފިރިން ކަމުގަ ވިޔަސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެއްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދެމަފިރިން ކަމުގަ ވިޔަސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެއްކަން ޤުރްއާނުން-

އަހަރެމެން ކޮންމެ މުސްލިމަކުވެސް ގަދައަޅައި ަމސައްކަތްކުރަނީ ސުވަރުދެއްވަވާ އަޅުންގެތެރޭގައި ހިމެނުމަށެވެ. އެހެންކަމަށްވާއިރު ސުވަރުގެ ލިބެން އޮތް ކޮންމެ ކަމެއްކުރަންވެސް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.

އެންމެ ދީލަތި މީހަކީ އެއްވެސް ޝަރުޠެއް ނެތި ގިނަގިނައިން މާފުކުރާ މީހާކަމުގައި ބުނެއެވެ. އަދި މާފުކުރަން އަވަސްވެގަންނަ މީހުން ހިމެނެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާ އަޅުންގެތެރޭގައެވެ. ވީމާ ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެކެވެ! 

އެކަން އެނގިގެންދަނީ އަންނަނިވި 2 އާޔަތުންނެވެ! 

"އަދި، ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިއަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ". (އާލްޢިމްރާން: 133) 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ  ލޯބިވެވޮޑިގެންވެއެވެ." (އާލްޢިމްރާން: 134) 

ފުރަތަމަ އާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ ތިއަބައިމީހުންގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް އަވަސްވެގަތުމަށެވެ. އަދި އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށް ކަމަށެވެ. 

ދެވަނަ އާޔަތުގައި އެވަނީ ތަޤްވާވެރިންނަކީ ކޮންބައެއް ކަމެވެ. ތަޤްވާވެރިންގެ ބައެއް ސިފަތަކެވެ.

ތަޤްވާވެރިންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އަދި، ރުޅި މަތަކޮށް ހިފަހައްޓާ އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި މިފަދަ މީހުންނަކީ އިޙްޞާންތެރިން ކަމާއި އިޙްޞާންތެރިންދެކެ ﷲ  ލޯބިވެވޮޑިގަންނަވާ ކަމަށެވެ. 

ކޮންމެ ދެމަފިރިއަކުން ވިސްނައިލަންވީ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވި ނަމަވެސް ރުޅި އިސް ނުކުރުމަށެވެ. ރުޅި ކޮންޓްރޯލްކޮށް މައިތިރިކުރުމަށެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް ގިނަގިނައިން މާފުކުރުމަށެވެ! އެއިރުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު މި އާޔަތްތަކުގައިވާފަދަ ބައަކު ކަމުގައި ވެވި ސުވަރުގެ ލިބުމަށް އެދަނީ މަގުފަހިވެގެންނެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން