ޙަޤީޤީ ޙާދިސާ: ދެދަރިންނަށް ތަފާތުކުރި މަންމައަކަށް މަރުވަންދެން ކަރުނައަޅަންޖެހުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ- ދަރިންގެ މެދުގަ ތަފާތުކުރާ މައިންނަށް ވަރުގަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ޙަޤީޤީ ޙާދިސާ: ދެދަރިންނަށް ތަފާތުކުރި މަންމައަކަށް މަރުވަންދެން ކަރުނައަޅަންޖެހުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ- ދަރިންގެ މެދުގަ ތަފާތުކުރާ މައިންނަށް ވަރުގަދަ ފިލާވަޅެއް!

މަންމައަށް ލިބުނީ 2 ފިރިހެންދަރިންނެވެ. އެއީ އޭނާގެ 2 ދަރިންނަމަވެސް 2 ދަރިންގެ މެދުގައި ވަރަށް ތަފާތުކުރެއެވެ. އަބަދުވެސް އިސްކަންދެނީ ދޮށީދަރިފުޅަށެވެ. ހަގު ދަރިފުޅަށް ހުންނަން ޖެހެނީ ކުޑަވެ ހިމަވެގެންނެވެ.  

ހަގު ދަރިފުޅު ބޮޑުވެ އަމިއްލައަށް ވަޒީފާ އަދާކުރަންފަށައި މުސާރަލިބެން ފެށުމުން ކައިވެނިކުރިއެވެ. ނަމަވެސް މަންމައަށް ދައްކާލަންވެސް އަނބިމީހާ ނުގެންނާތީ ޝަކުވާކުރަމުންގޮސް ޝަކުވާތައް މާގިނަވީމާ އަނބިމީހާ ގެއަށް ގެނައެވެ.  

4 އަހަރުގެ ކުޑަ ކުއްޖަކާއިވެސް އެކުގައެވެ. މަންމަ ފުރަތަމަވެސް ރުޅިގަދަވިއެވެ. އެއީ އެހައި ބޮޑު ދަރިއެއް ހުރި އަދި ދަރިފުޅަށްވުރެ ޢުމުރުން ދުވަސްވެފައިހުރި އަންހެނަކާއި ކައިވެނިކުރިތީއެވެ. އެހެންކަމާއިއެކުވެސް ދުވަސްކޮޅަކު ގޭގައި ތިބެލުމަށް ދަޢުވަތުދިނެވެ.   

އެދުވަސްކޮޅުވެސް މަންމަގެ ކަމަކަށް އޮންނަނީ އެދަރިފުޅު ކުރާ ކަންކަމާއިހުރެ އުނދަގޫވެގެން  ޝަކުވާކުރުމެވެ. ދަރިފުޅާދިމާއަށް އެއްޗެތިވެސް ގޮވައެވެ. އެދަރިފުޅުގެ ސަބަބުން ގޭގައި އަޑުގަދަވެ މާހައުލު ޚަރާބުވެގެންދާކަމަށްވެސް ބުނެއެވެ. ބައެއް ފަހަރު ގެންގުޅޭ ކުޅޭތަކެތި އަތުލައި ހަލާކުވެސް ކުރެއެވެ.

އެކަމަކުވެސް ދެމަފިރިންކުރެ އެކަކުވެސް މަންމައަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މާމަބުނާ ބަސް ޤަބޫލުކުރަން ދަރިފުޅުގާތު ބުނުން ނޫންކަމެއް ނުކުރެއެވެ. އެފަދަ ގޮތަކަށް 2 ހަފްތާވަންދެން އެގޭގައި ތިބެފައި އަނބިމީހާގެ ގެއަށްދާން ފޮށިހިފައިގެން ނުކުތް ވަގުތު މަންމަ އެތަނަށް ދިއުމުން ދަރިފުޅު ބުންޏެވެ. "ލޯބިވާ މަންމާއެވެ! އަހަރެމެން މިވަގުތު މިދަނީއެވެ. މަންމަގެ ޙާލު ބަލާނަމެވެ. އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަވެސް ގުޅާށެވެ. މަންމާއެވެ. އެކަމަކު އެއްވާހަކަ މަންމަ ގާތުގައި ބުނެލަން އެބަޖެހެއެވެ. އަޅުގަނޑަށްވުރެ 3 އަހަރު ދޮށީ އަނހެނަކާއި ކައިވެނިކުރީ ކައިވެނިކުރާނެ ޒުވާން އަންހެނަކު ނުލިބިގެނެއްވެސް ނޫނެވެ. ތިއައީ ބޭބެ ނިޔާވިއިރު ލޯބިވެގެން އުޅުނު އަންހެނާއެވެ. މަންމަ ތިއަ ނިކަމެތިކުރީ ބޭބެގެ ދަރިފުޅެވެ. އަޅުގަނޑު މީނާއާއި ކައިވެނިކުރީ ޙަލާލަސް ނުޙަލާލަސް ބޭބެ ދޫކޮށްފައި ދިއަ ދަރިފުޅަށް އެހީތެރިވެ ބލަހައްޓައިދިނުމަށެވެ. އަނބިމީހާއަކީ ވަރަށް އަޚްލާޤް ރަނގަޅު އަންހެނެކެވެ. އޭނާއަށް ކުރެވުނު ފާފައެއް ކުރެވުނީވެސް ބޭބެގެ ސަބަބުންނެވެ. ބޭބެގެ ލޯބީގެ އަވާގައި ޖެހެވިގެންނެވެ." 

އެހިސާބަށް ބުނާއިރަށް މަންމަ ރޮމުންގޮސް ދަރިފުޅުގައިގައި ބައްދާލައި އިރާލިއެވެ. މާމައަށް މާފުކޮށްދޭން ދެމައިންގެ ކިބައިންވެސް އެދުނެވެ. އަދި ދެން ވަރަށް ރަނގަޅަށް ކަންކަން ކުރާނެ ކަމަށާއި އެގެއިން ނުގޮސް ތިބުމަށްވެސް އެދުނެވެ.  

ނަމަވެސް ދަރިފުޅު ބުނީ ވަޤުތު ފާއިތުވެއްޖެ ކަމަށެވެ. ކުޑަކުދިންނަށް ކަމޭހިތައި އެކުދިން ދެކެ ލޯބިވެ ލޯބިދޭންޖެހޭނީ ތިމާ އެންމެ ލޯބިވާ ދަރިފުޅުގެ ދަރިއަކަށްވުމަކުން ނޫން ކަމަށެވެ. އަދި އަނބިމީހާ މިގެއިން ދާން ނިންމި ނިންމުން ބަދަލުކުރަން ބުނުމުގެ ޙައްޤު އޭނާއަށް ނެތްކަމަށެވެ.

މަންމަ ވަރަށް ދެރަވެފައި އާދޭސްކުރިއެވެ. ކިތަންމެ ވަރަކަށްވެސް މާފަށް އެދުނެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ އޭނާގެ ގެއަށްދާންކަމަށްވެފައި އަނބިމީހާ ނިންމުމަކީ އިންޞާފުވެރި ނިންމުމެއް ކަމަށް ޤަބޫލުކުރެވޭތީ އަނބިމީހާ ގޮވައިގެން ނުކުމެގެން ދިއައީއެވެ. މަންމަ ރޮއިރޮއި ހުއްޓައެވެ.   

މިއަދު ނޫހުގެ ކިޔުންތެރިންނަށް ވާހަކައެއްގެ ގޮތުގައި މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގެ ވާހަކައެވެ. މަންމަ އަޅުގަނޑާއި ބޭބެއަށް ތަފާތުކުރިވަރެވެ. އަޅުގަނޑަށް ކައިވެނިކުރެވުނީ ބޭބެއަށް ކައިވެނި ނުކުރެވުނަސް ފަހަރިއާއި އެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 15 އަހަރުވީއެވެ. އިރާދަކުރެއްވީތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ.  

އަޅުގަނޑުގެ ބޭނުމަކީ މިގޮތަށް ދަރިންގެ މެދުގައި ތަފާތުނުކުރަން ބުނުމެވެ. މައިންނަށްވެސް ޙައްޤުތަކެއް އޮތްފަދައިން ދަރިންނަށްވެސް ޙައްޤުތަކެއް އޮވެއެވެ. މައިން ހިތުގައި ޖެހޭ ފަދައިން ދަރިންވެސް ހިތުގައި ޖެހެއެވެ. އަޅުގަނޑާއިމެދު މަންމަ އެގޮތަށް ކަންކަންކުރިނަމަވެސް އެކަމެއް ނުދައްކަމެވެ. މަރުދުވަހާއި ހަމައަށް ވީއެންމެ ރަނގަޅަކަށް ބެލީމެވެ. މުސްކުޅިވެ ބަލިކަށިވުމުން ގެއަށް ދިރިއުޅުންވެސް ބަދަލުކުރީމެވެ. އެކަމަކު ހުރިހާ ދަރިން މިގޮތަށް ކަންކަން ކުރާނެ ކަމަށް މައިން ދެކޭކަށް ނުވާނެއެވެ.  

މިވާހަކައިގެ އެންމެ އަސަރުގަދަ އެއްބައަކީ އެދަރިފުޅުގެ ބައެވެ. މާމައާއިއެކު ގޭގައި އުޅެންފެށުމުން ދަރިފުޅަށް ލޯބިދީ ގާތްކުރަން ވަރަށް މަސައްކަތްކުރިއެވެ. ގާތްކުރުވަން އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރީމެވެ. ނަމަވެސް ދަރިފުޅަށް މާމަ ފެންނަމުން ދިއައީ ބިރުވެރި މީހެއްގެ ގޮތުގައެވެ. މާމަ ކިތަންމެ ލޯބިން ގޮވާލިޔަސް ބިރުގަނެއެވެ. އޭނާއާއިމެދު ފުރަތަމަ މާމަ ޢަމަލުކުރި ގޮތް ހިތުން ފިލުވައެއް ނުލެވުނެވެ. މަންމައަށް ޖެހުނީ އެކަމާއި ދެރަވެ ހިތާމަކުރުންމަތީގައި ހުރެ ނިމިދާށެވެ.  

މިހިރީ ކޮންމެ މައަކުވެސް ވިސްނައިލުން ރަނގަޅު ކަންކަމެވެ. ވިސްނާލަންޖެހޭނެވެސް ކަންކަމެވެ. އަޅުގަނޑުގެ ހިތް މަންމައަށް ހަމަ ވަރަށް ސާފެވެ. އިރާދަކުރެއްވިއްޔާ މުޅި ޢުމުރުގައިވެސް މަންމައަށް ހެޔޮދުޢާކުރާނަމެވެ. މަންމައަށް އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަންވެސް ކުރާނަމެވެ. އިން ޝާ ﷲ

 

- ޢަލީ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން