އެދޭ ގޮތަށް ކަންކަން މެދުވެރިނުވާތީ ކަންބޮޑުވެ ފާރުގަ ބޯތެޅީމާ އެކުރެވެނީ ޔަހޫދީންގެ އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެދޭ ގޮތަށް ކަންކަން މެދުވެރިނުވާތީ ކަންބޮޑުވެ ފާރުގަ ބޯތެޅީމާ އެކުރެވެނީ ޔަހޫދީންގެ އަޅުކަމެއް!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ އަމިއްލަ ބާރު ހިންގިދާނެ ކަންކަން ވެސް މިއުޅެނީ އަހަރެމެން ކުރަން ބޭނުންވާހައި ގޮތްތަކަށް ނުކުރެވިގެންނެވެ. މިލިއަން މިލިއަން ޑޮލަރުގެ އަގުހުރި ކާރުތަކާއި ހެލިކޮޕްޓަރުތަކާއި އަދި އަމިއްލަ ޖެޓް ފަދަ ތަކެތި އަތުގައި ހުރި މީހުންނަށް އެއުޅެނީ އެމީހުން ދާން ބޭނުންވާ ތަންތަނަށް ނުދެވިގެންނެވެ.

ގިނަފަހަރު މިކަންކަން އެންމެންވެސް ގުޅުވާނީ ކޮންމެވެސް މީހަކާއިއެވެ. ޙަސަދަވެރިއަކާއިއެވެ. ނަމަވެސް ހުރިހާ ކަމެއް މެދުވެރިވަނީ ޞިޙުރާ އެސްފީނާއަކުން ނުވަތަ ޙަސަދަވެރިން ހުރަސްއެޅުމަކުން ނޫނެވެ.

އެކަމުގެ ކުޑަކުޑަ މިސާލެއް ބުނެލަން ހެއްޔެވެ؟ ދެމަފިރިން އެކުގައި އުފާކޮށް ނިދާލަން ބޭނުންވެގެން ފެންވަރާ، ރީތިވެ ސެންޓުވެސް ޖަހައިގެން އެނދަށް އަރާތަނުން އެކެއްގެ ބޮލެއްގެ ރިއްސަން ފެށުމުން، ނުވަތަ ދަރިއަކަށް ނިދީން ހޭލެވި ރޯން ފެށުމުން ކުރިން ރޭވި ޕްރޮގްރާމް ކެންސަލްކުރަން ޖެހެނީ ކިތައް ރޭ ކިތައް ދެމަފިރިންނަށް ހެއްޔެވެ؟

ހަމައެކަނިމިފަދަ ޙާދިސާތަކަށް ބެލި ނަމަވެސް އަހަރެމެން ރާވާ ރޭވުންތަކާއި ކުރާ ޕްލޭންތައް ތަންފީޒުކުރުމުގެ އެއްވެސް ބާރެއް އަހަހަރެމެންނަށް ނެތްކަން އެނގި ޔަޤީންވެގެން ނުދަނީ ހެއްޔެވެ؟

މިފަދައިން އެތައް މިސާލުތަކެއް ދެއްކިދާނެއެވެ. ބުނަން ބޭނުންވާ ވާހަކައަކީ ކުރިމަތިވާ ކަންކަމާއި ގުޅިގެން ފިކުރުކޮށް ފާރުގައި ބޯތަޅާ ބައަކަށް ނުވާށެވެ! ފާރުގައި ބޮލުން ތެޅުމަކީ ޔަހޫދީންކުރާ ކަމެކެވެ. ފާފަ ފުއްސެވުން އެދި ފާރުތަކުގައި ބޯތެޅުމަކީ ޔަހޫދީން މިހާރުވެސް ކުރަމުން އަންނަ އެމީހުންގެ އެންމެ މުހިންމު އެއް އަޅުކަމެވެ. ވީމާ އަހަރެމެންނަކީ އެފަދަ ޢަމަލުތައް ކުރާ ބައަކަށް ވެގެން ނުވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެއްވެސް މީހަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވި ބާރެއް މެނުވީއެވެ. ދެމަފިރިން އުފަލުގައި ރޭކުރުމުގެ ފުރުޞަތުގެ ވާހަކަ މިބަޔާންކުރީ އެވަރުގެ ޢާދައިގެ ކަމެއްގައިވެސް އަމިއްލަ ބާރެއް ނުހިނގާކަން ބަޔާންކުރުމަށެވެ. މި ފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ. މިވަރުންވެސް ޢިބްރަތަކަށް ފުދޭނެ ކަމަށް އުންމީދުކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން