އަމިއްލައަށް ކައްވަޅުކޮންނަ މީހުން ދަނީ ގިނަވަމުން! މުސްލިމުންނަށް އޮތީ އަމިއްލައަށް ކައްވަޅުކޮނުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އަމިއްލައަށް ކައްވަޅުކޮންނަ މީހުން ދަނީ ގިނަވަމުން! މުސްލިމުންނަށް އޮތީ އަމިއްލައަށް ކައްވަޅުކޮނުމެއް ނޫން!

އަމިއްލައަށް ކައްވަޅު ކޮނުމަކީ އެއްވެސް މުސްލިމަކު ކުރަން އޮތް ކަމެއް ނޫނެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެއިގެ ބަދަލުގައި ކުރަން އޮތް ކަމަކީ މަރަށް ތައްޔާރުވުމުގެ ކުރަން ﷲ ތަޢާލާ އަނގަވާފައިވާ ކަންކަން ކުރުމެވެ. އެހެންކަމާއިއެކުގައިވެސް އަމިއްލައަށް ކައްވަޅުކޮންނަ މީހުން މިދަނީ ގިނަވަމުންނެވެ.

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.

"ހިތަދަތިކަމެއް ކުރިމަތިވާއިރަށް ނުވަތަ ބައްޔެއްވާއިރަށް ނުވަތަ މުޞީބާތެއް ކުރިމަތިވާއިރަށް އެކަމުން ސަލާމަތް ނުވެވޭނެ ކަމަށް ވިސްނަމުން ގޮސް ނަފްސާނީ ޑޮކްޓަރުންކަމަށް މިކިޔާ މާޔޫސްބަލީގެ ޑޮކްޓަރުންގެ ކިބައިން ފަރުވާ ހޯދަން ޖެހޭ މީހުންގެ މިސާލަކީ އަމިއްލައަށް ކައްވަޅުކޮންނަ މީހުންގެ މިސާލެވެ.

ސަބަބަކީ އެއްވެސް މީހަކަށް އެމީހަކު މަރުވާނެ މަގުތު ނުއެނގޭނެތީއެވެ. ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާ މީހަކަށް ނަމަވެސް އެބައްޔާއިއެކު ކިތަންމެ ދިގު މުއްދަތެއްގައި ވެސް ދިރިއުޅެވޭތީއެވެ. އެކަމުގެ ހެކިތައްވެސް ހާމަކުރަނީ ޑޮކްޓަރުންނެވެ. "

ބައެއް މީހުން މަރުވުމުން އެމީހުން މަރުވި ސަބަބު ހޯދަން ކުރާ ތަޙްލީލްތަކުން، ހަދާ ޓެސްޓްތަކުން އެމީހަކު އެއީ ނުރައްކާތެރި ބައްޔެއްގައި އެތައް އަހަރެއް ވޭތިކޮށްފައިވާ މީހަކުކަން އެބަ އެނގެއެވެ. އެއްވެސް ފަރުވާއަކާއި ނުލައި އެމީހާއަށް އެހައި ގިނަ ދުވަހު ދުނިޔޭގައި އުޅެވުނު ސަބަބާއިމެދު ޑޮކްޓަރުން ސުވާލު އުފައްދައެވެ. ލިޔުންތަކާއި ރިޕޯޓްތައް ލިވެ ހާމަކުރެއެވެ.

މިކަންކަމުން އެނގެނީ އެއްވެސް މީހަކު މަރުވުމާއި އޭނާއަށް ޖެހޭ ބައްޔަކާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ބަލިވުމަކީ ވަކި މައްސަލައެއް ކަމާއި ދިރިހުރުމާއި މަރުވުމާއި ބަލިވުމާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ހަމައެއާއިއެކު ބަލިވުމާއި ޝިފާލިބުމާއި ދިރިހުރުމާއި މަރުވުމާއި މި އެންމެހައި ކަންކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.

ﷲ ތަޢާލާ އަންގަވާފައިވަނީ ކެތްތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. ކޮންމެ ކަމަކަށްވެސް ޙައްލު މިންވަރުކޮށްދެއްވަވާނެ ކަމަށެވެ. މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ތިމަން ﷲ އާއި ކުއްތަންވުން އިތުރުކުރުމަށެވެ.

ނަފްސާނީ ޑޮކްޓަރުން ގިނައިން ދައްކާނީ މީސްމީހުންނަށް ގިނަގިނައިން ފޯނުކުރާ ވާހަކަ އާ މަޖާކުރާ ވާހަކަތަކާ ގިނައިން ގެއިން ބޭރުގަ އުޅުން ރަނގަޅުވާހަކައާ ޕާޓީކުރާ ވާހަކަ އާ ޓީވީ ބަލާ ވާހަކައާ ގޭމްކުޅޭ ވާހަކަތަކެވެ. މިކަންކަމަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ދުރުކުރުވައި ކުޑަކުރުވާ ކަންކަމެވެ.

މީހަކަށް އެމީހެއްގެ ލޯބިވެރިޔާ ގެއްލުން، ކައިވެނި ރޫޅުން ފަދަ ޙާލަތެއް މެދުވެރިވާ ވަގުތު އިބިލީސްވެސް ވަސްވާސް ދޭނީ ހަމަ މިކަންކަމަށެވެ. އެމީހަކާއި ﷲ ތައާލާ އާއި ދުރުކުރެވޭނެ ހުރިހާ ކަންކަން އެމީހަކު ލައްވައި ކުރުވަން މަސައްކަތްކުރާނެއެވެ.

ވީމާ މިފަދަ ކަންކަމަށް އެންމެންވެސް ސަމާލުވާށެވެ! އަހަރެމެންނާއި އަހަރެމެންނަށް ކުރިމަތިވާ ޙާލަތުގެ ވެސް މިލްކުވެރިފަރާތަކީ ހަމަ ﷲ ތަޢާލާއެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޙައްލުވެސް ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން