ޢަލީ އިޙްޞާން ފިރާޤް
އާދަމުގެފާނު ޚަލްޤުކުރައްވާނެ ވާހަކަ މަލާއިކަތުންނަށް އެންގެވުން:
އާދަމުގެފާނު ޚަލްޤުކުރެއްވުން:
މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރައްވަން އިރާދަކުރެއްވި ހިނދު އެ ކަމުގެ ޚަބަރު މަލާއިކަތްބޭކަލުންނަށް ދެއްވިއެވެ. އެވާހަކަ ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠﴾
މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
ކުރިން، މި މަޒުމޫނުގައި ދެންނެވިފައިވާނޭ ފަދައިން މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރައްވައިފައިވަނީ ވެލިން ނުވަތަ މަށީންނެވެ. އެކަން ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ މުއުމިނޫން ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ ﴿١٢﴾
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ."
މި ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވައި، މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ.
" إِنَّ اللَّهَ تَعَالَى خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ فَجَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 2955 / قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ .}
މާނައީ: " މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވީ ބިމުގެ ހުރިހައި ކަންކޮޅުތަކުން ނެންގެވުނު ވެލިމުށްވަރަކުންނެވެ. ފަހެ، އާދަމުގެ ދަރީން އުފެދިފައިވަނީ، ބިމުގެ މިންވަރުންނެވެ. އެމީހުންގެ ތެރޭގައި ދޮން މީހުނާއި، ކަޅު މީހުނާއި، ރަތް މީހުނާއި، އެކުލަތަކުގެ ދެމެދުގައިވާ މީހުން ވެއެވެ. އަދި މުޢާމަލާތްކުރަން ފަސޭހަ މީހުންނާއި، ގޮތްދޫނުކުރާ ހަރުކަށި މީހުންނާއި، ނުބައި ނުލަފާ މީހުންނާއި، ހެޔޮ ލަފާ ރަނގަޅު މީހުންވެއެވެ."
ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި آدم عليه السّلام ހެއްދެވުމަށްފަހު ފުރާނަ ނާޅުއްވައި ދުވަސްތަކެއްވަންދެން ބެހެއްޓެވިއެވެ. އަނަސު ބިން މާލިކުގެ ރަޟިޔަﷲ ޢަންހު ގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.
" لَمَّا صَوَّرَ اللَّهُ آدَمَ فِي الْجَنَّةِ تَرَكَهُ مَا شَاءَ اللَّهُ أَنْ يَتْرُكَهُ فَجَعَلَ إِبْلِيسُ يُطِيفُ بِهِ يَنْظُرُ مَا هُوَ فَلَمَّا رَآهُ أَجْوَفَ عَرَفَ أَنَّهُ خُلِقَ خَلْقًا لاَ يَتَمَالَكُ " .{ صحيح مسلم/ كتاب البر والصلة والآداب/ باب خُلِقَ الإِنْسَانُ خَلْقًا لاَ يَتَمَالَكُ / ޙަދީޘް ނަންބަރު 2611}
މާނައީ: "މާތްﷲ، އާދަމުގެފާނު ހެއްދެވުމަށްފަހު، ފުރާނަ ނާޅުއްވައި އެކަލާނގެ އެދިވޮޑިގެންވާ ދުވަހެއް ވަންދެން ބެހެއްޓެވިއެވެ. އެދުވަސްކޮޅު އިބިލީސް އާދަމުގެފާނުގެ ކައިރިން ބުރުޖަހާ އެއީ ކޮންއެއްޗެއްތޯ ބަލަން ފެށިއެވެ. އެހިނދު އެސޮރަށް އާދަމުގެފާނުގެ ހަށިކޮޅުގެ އެތެރެ ހުސްކޮށް ހުއްޓާ ފެނުމުން އެއީ ކެތްތެރިނުވެވޭނެ މަޚްލޫޤެއްކަން އެނގުނެވެ."