އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 6: ނަން ކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތް ބަޔާން ކުރެއްވެވުން

ކިޔުމަށް ހޭދަވާނީ 5މ 9ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 6: ނަން ކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތް ބަޔާން ކުރެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

 

ނަންތައް އުނގަންނަވައި ދެއްވެވުން: 

އަރަހުށި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވުމަށްފަހު، އެކަލޭގެފާނަށް އެންމެހައި ތަކެއްޗެއްގެ ނަންތައް އުނގަންނަވައިދެއްވިއެވެ. ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވިއެވެ. ދެން އެތަކެތި މަލާއިކަތްބޭކަލުންނަށް ހުށައެޅުއްވުމަށްފަހު، އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް މަލާއިކަތްބޭކަލުންނަށް އެންގެވިއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ ﴿٣١

މާނައީ: "އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!" 

މަލާއިކަތްބޭކަލުންނަށް އެންމެހައި، ތަކެތީގެ ނަންތަކާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް އެންގެވުމުން އެބޭކަލުން ވިދާޅުވި ބަސްފުޅު ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢

މާނައީ: "އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ." 

ދެން މާތްالله سبحانه وتعالى، آدم عليه السّلام އަށް އެންގެވީ، އެތަކެތީގެން ނަންތަކާއި ޙަޤީޤަތްތައް މަލާއިކަތްބޭކަލުންނަށް ބަޔާންކޮށްދެއްވުމަށެވެ. މިކަން ބަޔާންކުރައްވަމުން ބަޤަރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

قَالَ يَا آدَمُ أَنبِئْهُم بِأَسْمَائِهِمْ ۖ فَلَمَّا أَنبَأَهُم بِأَسْمَائِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ﴿٣٣

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު، އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ؟" 

 

މިއަދު އޮންލައިން