ސުވާލު:. ފިރިހެންކުއްޖާއަށް އޭނާ އިންނަންއުޅޭ މީހާއަށް ނޭނގި ކުރިން އިންމީހާގެ ދަރިންކައިރިއަށް ދެވޭނެތޯ؟
ޖަވާބު:. އަމިއްލަ ދަރިންކައިރިއަށްދާން އެހެންމީހެއްގެ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.
މިއީ އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑު މައްސަލައަކަށްވެފައި އޮންނަކަމެކެވެ. އެކަން މައްސަލައަކަށްވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދަރިންގެ ގާތަށް ދިއުމުގެ ނަމުގައި ގޮސް އެހެން ކަންތައްތަކެއްވެސް ބައެއް މީހުންނަށް ކުރެވޭތީއެވެ. ބައެއް އަނބިން ވަރިވުމަށްފަހު ދަރިފުލަކީ ހަތިޔާރަކަށް ހަދައި ދަރިފުޅުގެ ބައްޕައަށް އެކި ގޮތްގޮތުން އުނދަގޫތައްވެސް ކުރިމަތިކުރުވައެވެ.
މިދެ ކަމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ކައިވެނިކޮށްގެން އުޅުނަސް އަނބިމީހާގެވެސް ފިރިމީހާގެވެސް ދަރިން ދުރުގައި ތިބިނަމަ އެދެމެދަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެކަން ކުރާނަމަ އެކަންވާނީ ދަރިންނަށް އަނިޔާވެރިވުން ކަމަށެވެ. އެހެންކަމާއިއެކުވެސް އެފަދަ ބައްދަލުވުންތައް ވާންޖެހޭނީ ހަމައެކަނި ދަރިންނަށްޓަކައި ވެވޭ ބައްދަލުވުމަކަށެވެ. އެއިގެ ތެރެއަށް އިތުރު ކަންކަން ވައްދައި ގަޑުބަޑުކޮށްގެން ނުވާނެއެވެ.