ޙަޤީޤީ ޙާދިސާ: އަންބަކުވެސް ދަރިއަކުވެސް ނެތްކަމަށްބުނެ ލޯބިވެރިއަކު ގެންގުޅެނިކޮށް ބޭޒާރުވީމާ އަމިއްލަ ފޮޓޯތައްވެސް ދޮގުކުރި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
ޙަޤީޤީ ޙާދިސާ: އަންބަކުވެސް ދަރިއަކުވެސް ނެތްކަމަށްބުނެ ލޯބިވެރިއަކު ގެންގުޅެނިކޮށް ބޭޒާރުވީމާ އަމިއްލަ ފޮޓޯތައްވެސް ދޮގުކުރި މީހެއްގެ ވާހަކަ-

އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރެވެ. 2 އަހަރުގެ ދަރިއަކުވެސް އޮތެވެ. ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. އަޅުގަނޑުގެ މައިންބަފައިންގެ ގެއިން ދީފައިވާ ފްލެޓެއްގައެވެ. ފިރިމީހާ އަކީ އޮފީހެއްގައި ވަޒީފާއަދާކުރާ މުވައްޒިފެކެވެ. 

ލިބޭ މުސާރައިން އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ބޭނުންވާ އެތައް ކަމެއް އޮންނަނީ ނުކުރެވިފައެވެ. އެހެންކަމާއިއެކުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކެތްތެރިވެލައިގެން ހުރީއެވެ. އެންމެންނަށް ފައިސާ ލިބޭނީ އެއްވަރަށް ނޫންކަން އަބަދުވެސް ޤަބޫލުކުރާތީއެވެ. 

ފިރިމީހާ ގާތު އަބަދުވެސް ބުނަމުން އައީ ލިބޭ އާމްދަނީ މަދުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ފިރިމީހާގެ ލޯބި ފުރިހަމަ ގޮތުގައި ލިބެމުން އަންނަނަމަ ކެތްތެރިވެގެން އަބަދުވެސް އިންނާނެ ކަމަށެވެ. އެންމެ މުހިންމީ ފައިސާ ނޫން ކަމަށާއި ލޯތްބާއި އަޅައިލުންކަމަށެވެ. ތެދުވެރިކަމާއި ވަފާތެރިކަން ކަމަށެވެ. 

ފިރިމީހާއަށް އަޅުގަނޑުގެ ބަސް މުހިންމެއް ނުވިއެވެ. އަޅުގަނޑުގެ ކެތްތެރިކަމާއި އިޚްލާޞްތެރިކަންވެސް ވަޒަނެއް ނުކުރިއެވެ. އަޅުގަނޑު ފަދައިން އަމިއްލައަށް ދިރިއުޅުމުގެ ތަނަވަސްކަން ލިބިފައިވާ އަންހެނަކު ދެމީހުންގެ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރަން ދިން އިސްކަމަކީ އަގެއް ހުރި ކަމަކަށް ނުހެދިއެވެ. 

ފިރިމީހާ ޒުވާން ލޯބިވެރިއަކު ހޯދައިގެން ގެންގުޅެން ފެށީއެވެ. އެކަން ފަޅާއެރީ އޭނާ ނިދާފައި އޮއްވާ ފޯނަށް އައި މެސެޖުތަކަކުންނެވެ. ވަރަށް ދެރަވިއެވެ. އަސަރުވެސް ކުރިއެވެ. އެއީ ކައިވެނިކުރާނެ އެތައް ބައަކު ތިއްބައިވެސް ތެދުވެރިވާނެކަމަށް ބަލައިގެން ކައިވެނިކުރެވުނު މީހާ ބޭވަފާތެރިވީމައެވެ. އަޅުގަނޑަކީ ކަމެއްވުމުން އެކަމާއިދެރަވެ ހިތާމަކުރުމުގެ ބަދަލުގައި މުސްތަޤްބަލަށް ވިސްނާ އަންހެނަކަށްވުމުން އެހިސާބުން ދެން ވިސްނީ މިހާރުގެ ފައިލް ލައްޕައިލާނެ ގޮތަކަށެވެ. 

ފިރިމީހާ އޮފީހަށް ދިއުމުން އެއަންހެން މީހާއަށް ގުޅީމެވެ. އަދި އެކަމާއި ރުޅި ނުއަންނަ ކަމަށާއި ދެމީހުންގެ ދެމެދަށް ނުވަންނާނެ ކަމަށްވެސް ބުނީމެވެ. އެދުނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ފިރިމީހާ ގާތުގައި ނުބުނެ ސިއްރުކޮށްގެންހުރެ ހަވީރު ގެއަށް އައިސްދިނުމަށެވެ. 

އޭނާ ބުނީ އަންތބަކު ނުއިންނަ ކަމަށް ފިރިމީހާ ބުނެފައިވާ ކަމަށެވެ. އަދި ދަރިއަކު ލިބިފައިނުވާކަމަށް ވެސް ބުނެފައިވާކަމަށެވެ. ޙަޤީޤަތް އެނގުމުން އޭނާހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި ރުޅިވެސް ގަދަވެފައެވެ. 

އޭނާ ގެއަށް އައީ ފިރިމީހާ ހަވީރު ސައިބޯން އިންދައެވެ. ބެލްޖެހީމާ ދޮރުހުޅުވައި ވައްދައި ފިރިމީހާ އާއި އެއްމޭޒުގައި ސައިބޯން ބެއިންދުމުން ބަލައިވެސް ނުއްޔެވެ. ދަންނަ އަންހެނަކަށްވެސް ނުހެއްޖެއެވެ. ދަންނަންތޯ ސުވާލުކުރުމުން ބުނީ ނުދަންނަ ކަމަށެވެ. އަދި ދުވަހަކުވެސް ބައްދަލު ނުވާކަމަށާއި ފޯނުންވެސް މެސެޖުކޮށް ވާހަކަވެސް ނުދައްކާކަމަށެވެ. 

އަޅުގަނޑު އޭނާ ލައްވައި ފިރިމިހާގެ ފޯނަށް ގުޅުވީމެވެ. ފޯނު އޮތީ އޭނާގެ ޖީބުގައެވެ. ފޯނު ޖީބުން ނަގަން ބުނީމާ ނުނެގިއެވެ. އެވަގުތު އަޅުގަނޑަށް ރުޅިއާދެވުނެވެ. ޖީބަށް އަތްކޮއްޕާލައި ނަގަން އުޅުމުން ނެގިއަކަ ނުދިނެވެ. 

އަޅުގަނޑު ބުނީމެވެ. "ފޯނުނަގަން ނުކެރުނީ ހެދި ދޮގުތައް ފަޅާއަރާނެތީ ނޫންހެއްޔެވެ؟ ކުށްކުރެވޭނީ އިންސާނުންނަށެވެ. ދެންވެސް ތެދުބަހުން ވާހަކަދައްކައި މާފަށް އެދިބަލާށެވެ! މާފުކުރެވޭނީވެސް އެއިރުން ނޫންހެއްޔެވެ؟" 

އޭނާ ބޭނުންވީ އަޅުގަނޑާއިއެކު ދުރަށް ގޮސް ވާހަކަދައްކާށެވެ. އެކަމަށް ދެކޮޅުހެދީމެވެ. ދެއަންހެނުންނާއި ގުޅުންހުރިކަމެއްގައި އެކަނި ތިބެ ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނީމެވެ. އަދި މިއީ ދެއަންހެނުންގެ މެދުގައި ގުޅުންބަދަހިކުރަންވީ ވަޤުތުކަމަށާއި އަނެކެއްގެ ހިތުގައި ޝައްކު އުފެދޭފަދަ ކަންކަން ކޮށްގެން އެއްވެސް ކަމެއް ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ބުނީމެވެ. 

ލޯބިވެރިޔާ ނުވެސްދަންނަކަމަށް އޭނާ ތަކުރާރުކޮށް ބުނަންފެށިމައި ލޯބިވެރިޔާ ރުޅިގަދަވެ އޭނާގެ ފޯނުގައި ހުރި ފޮޓޯތަކާއި މެސެޖްތަކާއި ކޯލް ހިސްޓްރީ ދެއްކުމުންވެސް ބުނީ އެއީވެސް ޙަޤީޤަތް ނޫންކަމަށާއި އުފައްދާފައިވާ އެއްޗެތިކަމަށެވެ. 

އެހިސާބުން އަޅުގަނޑު ބުނީމެވެ. "ކަލެއަކީ އެއްވެސް ގޮތެއް ފޮތެއް، ހަމައެއް ލަމައެއް ހުރި މީހަކު ނަމަ އަދި އެއްވެސް ހިތްވަރެއްވެސް ހުރި މީހަކުނަމަ، އަދި ދުވަހަކުވެސް ތެދުވެރިވާނެ މީހަކުނަމަވެސް މިވަރުގެ ބޮޑު ކުށެއް ކުރީމާވެސް ރުޅިނައިސް މިހާރީތިކޮށް ވާހަކަދެއްކީމައި އެންމެ ކުޑަމިނުން ކުރެވުނު ކަންކަމަށް އެއްބަސްވީހެވެ. ތިއަހައި ބޮޑެތި ދޮގުތަކެއް ނުހަދާނެއެވެ. ކަލެއާއި ލޯބިވެރިޔާއާއި ދެމެދަށް ނުވަންނަން އަހަރެން އޮންނާނީ ލޯބިވެރިޔާ ގާތު ވަޢުދުވެފައެވެ. ވީމާ ތިއަ ދެމީހުންގެ ދެމެދަށް ވަންނާކަށް ނެތީމެވެ. އަވަހަށް އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެންދާށެވެ. ދަރިފުޅު ގޮވައިގެން އުޅެވުނު ގޮތަކަށް އުޅޭނަމެވެ. އަންތބަކު ނުއިންނާނެ ކަމަށާއި ދަރިއަކު ނުލިބޭކަމަށްވެސް ލޯބިވެރިޔާ ގާތުގައި ބުނީމެއް ނޫންހެއްޔެވެ؟ ވީމާ އަހަރެމެން ދެމައިންނަކީ ނެތްބައެއް ކަމަށް ބަލައިގެން ދެމީހުން ރަނގަޅު ގޮތުގައި ދިރިއުޅެވޭތޯ ބަލާށެވެ! ދެމީހުންކުރެ މީހަކަށް އެއްވެސް ރުޅިވެރިކަމެއްވެސް ނެތެވެ. ހަމަ ހިތްޙަލާލެވެ!" 

އޭނާގެ ލޯބިވެރިޔާ ބުނީ ކުރެވުނު ކަމެއް ކުރެވުނީ ދޮގުހަދައި އޮޅުވައިލިވަރުން ނުއެނގިހުރެ ކަމަށާއި މިވަރުގެ ބޮޑެތި ދޮގުތައް ހަދާ މަކަރުވެރިއަކާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫން ކަމަށާއި ދުވަހަކުވެސް ވާހަކަވެސް ނުދައްކާނެ ކަމަށެވެ. އަދި އަޅުގަނޑު ކަންކަން ކުރި ގޮތުން ވަރަށް ޙައިރާންވެއްޖެ ކަމަށާއި އުފާވެސް ވެއްޖެ ކަމަށެވެ. 

ފިރިމީހާ އަށް ބުނެވޭނެ އެއްޗެއް ނެތުމުން ބަލަހައްޓައިގެން ހުންނަން ފެށީމާ މަޑުން ނުހުރެ އަވަހަށް ނުކުމެގެންދާން ބުނެ ގެއިން ނެރެލީމެވެ. 

ކަންކަން މެދުވެރިވި ގޮތް އެނގުނީމާ ޢާއިލާގެ އެހީތެރިކަން ލިބެންފެށިއެވެ. އެއްވެސް ކަމަކަށް ދަތިވެގެން ހުންނާކަށް ނުޖެހެއެވެ. ދައްތަމެން ދަރިފުޅު ބަލައިދީ ވަޒީފާއަށް ދެވޭނެ މަގުވެސް ތަނަވަސްކޮށްދިނެވެ. އެއިގެ އަހަރެއްހައި ދުވަސް ފަހުން 2 ވަނަ ކައިވެނިކޮށް ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި އަޅުގަނޑުވެސް ބުނެލަން ބޭނުންވަނީ އެންމެ ކުޑަމިނުން ކުރެވޭ ކުށަށް އިޢްތިރާފްވެސްވާން ނުކުރޭ މީހުންނާއި ކައިވެނިކޮށްގެން ދިރިއުޅެން ނުވެސް ވިސްނާށެވެ. ކުށަށް އިޢްތިރާފްނުވެ ދޮގުހެދުމަކީ އެމީހަކު ދުވަހަކުވެސް އިޞްލާޙްނުވާނެ ކަމުގެ ހެއްކެކެވެ. 

ދިރިއުޅުމުގައި އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުމަށްވެސް އެދެމެވެ. ފިރިމީހާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވެ، ކެތްތެރިވެ އެކުގައި ދިރިއުޅެން ކުރި މަސައްކަތަށް ލިބުނު ނަތީޖާއަށްވެސް ވިސްނައިލާށެވެ. ހުރިހާ ފިރިހެނުން އެއްގޮތެއް ނުކުރާނަމެވެ. މިހާރުގެ ފިރިމީހާއަކީ ހާދަރަނގަޅު މީހެކެވެ.

 

ނަމަވެސް ބުނެލަން ބޭނުންވަނީ އެމީހުން ބޭނުންވެއްޖެނަމަ އަންހެނުން ވާވައްދައިލަން ނުހަދާނެ ދޮގެއް ނުއޮންނާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާކުރެވިފައެވެ. ވީމާ ހަނދު ގެނެސް އުނގަށް ލައިދިން ނަމަވެސް އެއީ ހަނދުކަން ޔަޤީންކުރަން އެބަޖެހޭ ނޫންތޯއެވެ؟

 

--ޝަރަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން