ނުވެސް އެނގިހުއްޓާ ކުއްލިއަކަށް ބޮޑުސޭޓުކަން ލިބުނު ސަބަބު- މިއަދު އެންމެންވެސް ފޭލް މިވަނީ އެސަބަބު ނެތީމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ނުވެސް އެނގިހުއްޓާ ކުއްލިއަކަށް ބޮޑުސޭޓުކަން ލިބުނު ސަބަބު- މިއަދު އެންމެންވެސް ފޭލް މިވަނީ އެސަބަބު ނެތީމަ-

އެއީ މިހާރުހެން މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރި ދުވަސްވަރެއް ނޫނެވެ. އެއިރު ރާއްޖޭގައި ބޭންކެއް ނުވެސް ހުންނާނެއެވެ. މުސާރައަށް ލިބޭނީވެސް މަހަކު 30، 40 ރުފިޔާއެވެ. ބޮޑު ފިހާރައެއްގެ ވެރިމީހާ މުސްކުޅިވެ ފިހާރައަށް ގޮސް ކޮންމެ ދުވަހަކު ނުއުޅެވޭވަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެހެންވީމާ ކޮންމެވެސް މީހަކަށް ބޮޑުސޭޓުކަންދޭންޖެހުނެވެ. 

ފިހާރައިގައި އެކަން ޙަވާލުކުރެވޭވަރުގެ 4 މީހުން ތިބެއެވެ. މިޖެހެނީ އެތަނުން އެކަކަށް ބޮޑުސޭޓުކަންދޭންވީމާ އެމީހަކު ކަނޑައަޅާނެ ގޮތަކާއިމެދު ސޭޓު ދިއައީ ވިސްނަމުންނެވެ. ދުވަސްކޮޅަކު ކަންކަން ބެލުމަށްފަހު އެއްރޭ ފިހާރަ ބަންދުކުރި ގަޑީގައި 4 މީހުންގެ ޙާޒިރުގައި އެކަކަށް ބޮޑުސޭޓުކަން ޙަވާލުކޮށްފިއެވެ. 

ދެން ތިބި 3 މީހުން މޫނުކުނިކޮށްލީމާ އޭނާ އެކަންކުރިގޮތް ކިޔައިދިނެވެ. "ކަލޭމެން 4 މީހުންކުރެ އެކަކުވެސް ވައްކަމެއް ނުކުރެއެވެ. ނޫނީ ވައްކަންކުރިކަން އެނގިފައެއް ނެތެވެ. ނަމަވެސް އިޚްލާޞްތެރިކަން ހުރީ ޙަސަނުގެ އެކަންޏެވެ. ބޮޑުސޭޓަކަށް ޙަސަނު މިހަމަޖެއްސީ އެހެންވެގެންނެވެ. 

އަޑުއަހާށެވެ. މިދިއަމަހު މުސާރަދިންއިރު ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް ގިނައިން ދިނީމެވެ. ނަމަވެސް ފޮތުގައި ލިޔެފައި އޮންނާނީ އިތުރުކުރި ޢަދަދު ނުލައެވެ. 4 މީހުންނަށްވެސް އެނގޭނެއިރު އެކަން އެނގުމުން އަހަރެންގެ ސަމާލުކަމަށް އެކަން ގެނެސް އިތުރަށް ދިން ރުފިޔާ އަނބުރާ ޙަވާލުކުރަން މަސައްކަތްކުރީ ޙަސަނު އެކަންޏެވެ. ވީމާ އަހަރެންކުރި އިމްތިޙާނުން ފާސްވީ ޙަސަނެވެ. 

އިތުރަށް ދިން ރުފިޔާގެ ވާހަކަ ނުބުނެ ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ލިބުނީ އަހަރެން ދިނުމުން ކަމަށްވީމައެވެ. ނަމަވެސް ނުބުނެ ބޭނުންކުރީމަ އެވާގޮތަކީ އިޚްލާޞްތެރިކަމެއް ނެތީއެވެ. ވީމާ ދެންވެސް އެކަމަށް ވިސްނައިގެން އުޅޭށެވެ. ﷲ ކުރިއެރުން ދެއްވަވާނީ އިޚްލާޞްތެރިންނަށެވެ. ތެދުވެރިންނަށެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަށާއި އަދި ޢާންމުކޮށް އެންމެންގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ މިއަދު ބޭބެގެ އުމުރުން މިވަނީ 80 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. މުޅި ޢުމުރުގައިވެސް ބޭބެއަށް ފެނުނު ކަންކަމުގައި އަބަދުވެސް ކުރިއަރައިގޮސްފައިވަނީ އިޚްލާޞްތެރިންނެވެ. އިޚްލާޞްތެރިކަން ނެތްނަމަ ކޮންމެވެސް ހިސާބަކުން ކޮނަމެވެސް ކަމެއް ކުރިމަތިވެ މީހާ ނިކަމެތިވެގެންދެއެވެ. ތިއަކުދިންނަށްވެސް ކަންކަން ރަނގަޅަށް ބަލައިފިނަމަ ބޭބެ މިބުނީ ތެދެއްކަން އެނގޭނެއެވެ. ވީމާ އަޅުކަމުގައިވެސް ދިރިއުޅުމުގައިވެސް އެންމެ ކުރިއަށް އިޚްލާޞްތެރިކަން ނެރޭށެވެ. ޙަޤީޤީ، ފައިދާހުރި ކުރިއެރުން ލިބޭނީ އެއިރުންނެވެ.

- އިބްރާހީމް ފުޅު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން