ޕެރިސްގެ އެންމެ އަގުބޮޑު ފިހާރަތަކުން ފިހާރައަކަށްވަން މާބަނޑު އަންހެނެކެވެ. ބަނޑުބޮޑުކަމުން ހިނގެނީވެސް ހަމަކިރިޔާއެވެ. ފިހާރައިގައި ގަޑިއެއްހައިއިރު ހޭދަކޮށްފައި ނުކުންނަމުން ގަތީ ހަމައެކަނި ބްރާއެކެވެ.
ފިހާރައިން ނުކުތްވަގުތު ސެކިޔުރިޓީ 2 އޮފިސަރުން އައިސް އޭނާ ހުފަހައްޓައި އެތެރެއަށްވެއްދިއެވެ. ބޮޑު މޭޒެއްގެ މަތީގައި ބާއްވާފައި އަންހެން 2 އޮފިސަރުން އޭނާ އާއި ކައިރިވެ ހެދުން ހިއްލައިލިއެވެ. ބަނޑުކޮޅުން އަތްބާނާފައި ހެދުންތަކެއް ނެރެފިއެވެ. އެއިރު ގިނަ ބައަކު އެއްވެ ކުޅިބަލަން ތިއްބެވެ. ހެދުންތައް ނެރެ ނިމުމުން އަރިއަކަށް ބާއްވާފައި ބުރަކަށީގައި ހުރި ބަކަލްތައް ނައްޓާލާފައި އެބޮޑު "މާބަނޑު"ވެސް ނަގައި އެންމެންނަށް ދައްކައިލިއެވެ.
އޭނާ ފިހާރައަށްވަނީ ޕްލާސްޓިކުން ހަދާފައިވާ ބަނޑެއް ޖަހައިގެންނެވެ. ހަރުކޮށްފައި ހުރީ ބުރަށިގައި ބަކަލް އަޅުވައިގެންނެވެ. ވަގަށް ހެދުން ނަގައި މީހުންނަށް ނިވާވެހުރެ ޕްލާސްޓިކް ބަނޑުގެ ކޮޅުން އެތެރެއަށް އަޅައި ފުރައިލީއެވެ. ސެކިޔުރިޓީން ކެމެރާތަކުން ބަލަންތިބިކަން ނުއެނގުނީއެވެ. އެބަނޑުން ނެގިހެދުންތައް އަގުކޮށްލިއިރު ބައިލައްކައަށްވުރެ ގިނަ ޑޮލަރު އަރައެވެ.
މިހާރުވެސް ބޮޑެތި ދަބަސްތައް ކޮނޑުގައި އަޅުވައިގެން ފިހާރަތަކަށްވަދެ ވައްކަންކުރާތަން މިދަނީ ފެންނަމުންނެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ހަމަ މިރާއްޖޭގައިވެސް ދާނީ ހިނގަމުންނެވެ. ދުވަސްކޮޅަކުން މިބާވަތުގެ ހެދުން ވިހާ ބަނޑުތައްވެސް ފެންނަން ފަށާނެއެވެ. ފިހާރަތަކަށް އޮތީީ ތައްޔާރުވެގެން ތިބުމެވެ.