މަންމައަށް ނުދީ މީރުއެއްޗެތި ކަމުން ގެންދިއަ ދަރިއަކަށް ޖެހުނު އާދައާ ޚިލާފް ބައްޔާއި ބަލިން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
މަންމައަށް ނުދީ މީރުއެއްޗެތި ކަމުން ގެންދިއަ ދަރިއަކަށް ޖެހުނު އާދައާ ޚިލާފް ބައްޔާއި ބަލިން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އޭނާ، އޭނާގެ މަންމަ ދެކެ ރުޅިއައުދެއެވެ. ނަފްރަތުކުރެއެވެ. ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ބައްޕައަކީ އޭނާ ކުރާ އެއްވެސް ކަމެއް މަނާކުރާ މީހަކަށް ނުވެފައި މަންމައަކީ ވަރަށް ގިނަ ކަންކަން މަނާކުރާ މީހަކަށްވާތީއެވެ. 

ބައްޕަ މަންމަ އާއި ދަރިފުޅު ދޫކޮށްލާފައި ދިއައީ ދަރިފުޅުގެ ޢުމުރުން 14 އަހަރުގައެވެ. އެއިގެފަހުން ދަރިފުޅު ގެންގުޅެ ބޮޑުކުރީ މަންމަގެ މަސައްކަތުންނެވެ. ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބިއެވެ. އެކަން ދަރިފުޅަށްވެސް އެނގެއެވެ. ނަމަވެސް މައްސަލައަކީ ރަނގަޅަށް އުޅެން ބުނުމާއި ކުރަން ބޭނުންވާ ނުރަނގަޅު ކަންކަން މަނާކުރާކަމެވެ. 

ދަރިފުޅު ބޮޑުވެ ވަޒިފާއަދާކޮށްގެން ފައިސާ ލިބެންފެށިފަހުން މީރު އެއްޗެތި ގަނެގެން ގެނެސް މަންމަގެ ކުރިމަތީގައި ކައިހަދައެވެ. މަންމައަކަށް ނުދެއެވެ. ކާނަންތޯ އަހައިވެސް ނުލައެވެ. މަންމަ މުސްކުޅިވެ ގައިގެ ބާރު ދެރަވެ މަސައްކަތް ނުކުރެވޭ ޙާލަތަށް ދިއުމުންވެސް އަޅައެއް ނުލައެވެ. 

އެހެން އުޅެނިކޮށް ދަރިފުޅުގެ ބަނޑުގައި ރިއްސަން ފަށައިފިއެވެ. ޑޮކްޓަރުންދޭ ބޭހަކަށް ނުގުޑައެވެ. ހަދާ ޓެސްޓްތަކުން ބައްޔެއްވެސް ނުފެނެއެވެ. ގިނައިން ބަނޑުގައި ރިއްސަނީ ރޭގަނޑުއެވެ. މުޅި ރޭގަނޑު ހަތަރުދަމުގައިވެސް ބައެއް ރޭރޭ ރިއްސައެވެ. މުސްކުޅިވެ ބަލިކަށިޙާލުގައި އުޅެމުންވެސް ދަރިފުޅަށް މަންމަ އެހީތެރިވެއެވެ. ހެޔޮދުޢާކުރެއެވެ. 

ދަރިފުޅު މިފަދަ ޙާލެއްގައި އުޅެނިކޮށް ގެއަށް ދިއަ ހެޔޮލަފާ މީހަކުގެ ގާތުގައި ދަރިފުޅުގެ ޙާލުގެ ވާހަކަ ކިޔައިދިނުމުން ފުރަތަމަވެސް ސުވާލުކުރީ ދެމައިންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއިމެދުގައެވެ. ހިތާއި ދެކޮޅަށް ދަރިފުޅުގެ ކުރިމަތީގައި ދަރިފުޅު މަންމައާއިމެދު ކަންކަންކުރާ ގޮތް ކިޔައިދިނެވެ. އެކަމާއި މަންމަގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަމަށާއި ދަރިފުޅަށް ހެޔޮއެދިގެން ދުޢާކުރާ ކަމަށްވެސް ބުންޏެވެ. 

އެމިހާ ބުންޏެވެ. "މަންމަގެ ޝަކުވާއެއް ނެތް ނަމަވެސް އަހަރެމެން އެންމެން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވެއެވެ. ބައެއް މީހުންނަށް ދުނިޔޭގައިވެސް ޢަޛާބު ދެއްވަވައެވެ. ވީމާ މިވެނިކަމެއް މިހެން މިވަނީ މިވެނި ސަބަބަކާއިހުރެކަން ބުނާކަށް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.

އެކަމަކު އަހަރެންނަށް ފެންނަގޮތް ބުނެފާނަމެވެ. ފުރަތަމަ ކަމަކަށް މަންމަގެ ކިބައިން މާފަށް އެދޭށެވެ. ތައުބާވެސްވާށެވެ. މަންމަގެ ހިތުގައި ނުޖެއްސުމަށާއި މަންމައާއި އަޅާލައި ލޯބިދޭން އިޚްލާޞްތެރިކަމާއިއެކު ނިޔަތް ގަންނާށެވެ. އެކަންކަން ކުރަމުން އަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ. ﷲ ގެ ރަޙްމަތަށް އުންމީދުކުރާށެވެ." 

އެމީހާ ބުނިގޮތަށް ދަރިފުޅު ކަންކަން ކުރަން ފެށުމާއިއެކު މަޑުމަޑުން ޝިފާލިބެމުން އައިސް ބަލިފަސޭހަވިއެވެ. ކުރިންވެސް އުޅެމުން އައިފަދައިން ދިރިއުޅެވެން ފެށިއެވެ. 

މިހުންނަނީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. މީރު އެއްޗެއް ލިބިއްޖެނަމަ އެމީހުންނަށް ދީގެންކާށެވެ. ތިބާ ބޮޑުވެ އަމިއްލައަށް ކަންކަންކޮށް ފައިސާ ހޯދެންފަށަންދެން އެމީހުން ތިބާއާއިމެދު ކަންކަންކުރި ގޮތް އަބަދުވެސް ހަނދާންކުރަންވާނެއެވެ. އެމީހުން މީރު އެއްޗެތި ނުކައި ތިބާއަށް ކިތައް ދުވަހު ކިތައްފަހަރު މީރު އެއްޗެތި ކާންދިންކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ. 

މައިންބަފައިން ގޭގައި އާދައިގެ ގޮތަކަށް ކަމުން ގެންދާއިރު ތިބާ ރެސްޓޯރަންޓްތައް ފަދަ ތަންތަނުން އަގުބޮޑު، މީރު އެއްޗެތި ކެއުމަކީ ޢާންމުކޮށް ކުރާކަމަކަށް ނުހަދައި ވީހައި ގިނައިން އެމީހުންނާއިއެކުގައި ކައިބޮއިއުޅޭށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން