ޙަޤީޤީ ޙާދިސާ: އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށްލައިގެން ﷲ އަށްޓަކައި އަންހެނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ފަޤީރަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޙަޤީޤީ ޙާދިސާ: އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށްލައިގެން ﷲ އަށްޓަކައި އަންހެނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ފަޤީރަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

މަގުހުރަސްކުރަން މަސައްކަތްކުރި ޒުވާން އަންހެނެކެވެ. ބަލަންވީ ވަރަށް ނުބަލައި ކުރިއަށްދިއައީ ފޯނަށް ބަލަމުންނެވެ. އެހެންކަމުން ދުއްވަމުން އައި ކާރަކުން ޖެހިދާނެ ކަމުގެ ބިރު އުފެދުނެވެ. އެވަގުތު މަންޒަރު ބަލަން މަގުމަތީގައި ހުރި ޒުވާނަކު ކުލިއަކަށް ޑައިވެއްޖަހައި އަންހެންކުއްޖާ ޖަހައިގަނެ އެއްފަރާތްކުރިއެވެ. 

އަންހެން ކުއްޖާ ވެއްޓި އެއްފައަށް ކޮންމެވެސް ވަރަކަށް ތަދުވެސްވިއެވެ. ފިރިހެން ކުއްޖާގެ ދެކަކޫ މަސައިގެންދިއައެވެ. ނަމަވެސް ދެމީހުންކުރެ އެކަކަށްވެސް ބޮޑު އަނިޔާއެއް ނުލިބެއެވެ. ފިރިހެން ކުއްޖާ އެގޮތަށް ކަންތައް ނުކުރިނަމަ އަންހެންކުއްޖާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓުނީސްކަން އެކުއްޖާއަށް އެނގުނެވެ. އެހެންވެ ފިރިހެން ކުއްޖާއަށް ޝުކުރު އަދާކުރިއެވެ. 

ފިރިހެން ކުއްޖާއަށް ފައިސާގެ ހަދިޔާއެއް ދިއްކޮށްލަމުން ބުންޏެވެ. "މިއީ ފުރާނަ ސަލާމަތްކޮށްދިން ކަމުގެ އަގެއްނޫނެވެ. ކަލެއަށް ރަނގަޅު ބަދަލެއް ދޭނަމެވެ. ނަމަވެސް މިއީ މިވަޤުތު ދަބަހުގައި ހުރި ފައިސާކޮޅެވެ. ރަމްޒީހަދިޔާއަކަށް މީގައި ހިފާށެވެ." 

ޖަވާބުގައި ފިރިހެންކުއްޖާ ބުންޏެވެ. "އަހަރެންނަކީ ވަޒީފާއެއްވެސް ނުލިބި މަގުމަތީގައިއުޅޭ ފަޤީރަކީމެވެ. ނަމަވެސް އެއްވެސް ހަދިޔާއެއް ބޭނުމެއް ނޫނެވެ. އަހަރެންގެ ފުރާނައިން ރިސްކް ނަގައިގެން މަސައްކަތްކުރީ ކަލޭގެ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. އެކަމަށް އެދެނީ ﷲ ގެ ހެޔޮ ޖަޒާއެވެ." 

އަންހެންކުއްޖާ އޭނާގޮވައިގެން އަނެއްފަރާތަށްގޮސް ޕާކުކޮށްފައި އޭނާގެ ކާރުގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ބޭސް އަޅައިދިނެވެ. ހުރިހާ ކަމެއް ނިމުމުން އެޑްރެސްކާޑުދީފައި ބުންޏެވެ. "މާދަމާ އޮފީހަށް ގޮސް ބައްދަލުކޮށްލާށެވެ. މިއީ ރަނގަޅު ގުޅުމެއްގެ ފެށުން ކަމަށް ދެކޭށެވެ. ކަލޭކަހަލަ ހިތްހެޔޮ ޒުވާނުން ވަރަށް މަދުވާނެއެވެ. އަހަރެންގެ އޮފީހުން ވަޒީފާއެއް ހަމަޖައްސައިދޭން ބޭނުމެވެ."

ޒުވާނާ އަނެއް ދުވަހު ގޮސް ބައްދަލުކުރުމުން ބުންޏެވެ. "މިއީ ކުޑަކުޑަ އޮފީހެކެވެ. އަހަރެންނަކީވެސް ކުރިއަރަން މަސައްކަތްކުރަމުން އަންނަ އަންހެނަކީމެވެ. ކަލެއަށް މިދިނީ އަހަރެންގެ ސެކެޓްރީއެއްގެ ވަޒީފާއެވެ. މަސައްކަތުގައި ތަމްރީނު ލިބިފައި ނެތުމަކީ މައްސަލައެއް ނޫނެވެ. އިޚްލާޞްތެރިކަން ހުރިނަމަ ކުރިއަށް ދެވޭނެއެވެ. އިން ޝާ ﷲ"

އެ އޮފީހުގައި އިތުރު 7 މުވައްޒިފުން މަސައްކަތްކުރެއެވެ. އެއިގެ ތެރޭގައި 3 ފިރިހެނުންވެސް ހިމެނެއެވެ. އެ 3 މީހުންވެސް ތިބީ އަންހެންކުއްޖާ އާއި ގުޅެން ބޭނުންވެގެން ކަމަށްވުމުން ދިމާއަށް ނުބުނި ނަމަވެސް އެޒުވާނާއަށް ހުރަސްތައް ކުރިމަތިކުރުވިއެވެ. ދަތިތަކާއިއެކުވެސް ޒުވާނާ އޭނާގެ ފެންވަރުގައި ދިއައީ ވެރިމީހާ ބުނި ފަދައިން މަސައްކަތްކުރަމުންނެވެ. 

އަހަރެއްހައި ދުވަސްފަހެވެ. ވެރިމީހާ ހުރިހާ މުވައްޒިފުންނާއި ބައްދަލުކުރި ދުވަހަކު ބުންޏެވެ. "މިޒުވާނާއަށް ވަޒީފާ ދިނުމުން އެއީ މަގުމަތީގައި ހޫރުނު ޒުވާނެއް ކަމަށްބުނެ ޝަކުވާތައް ކުރިނަމަވެސް އަޅާނުލައި އަހަރެން މިހުރީ ކަންކަން ޔަޤީންކުރެވެންދެންނެވެ. މިއަދު އޭނާއަކީ މިކުންފުނީގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެކެކެވެ. އޭނާގެ ސަބަބުން އަންނަނީ ކުންފުންޏަށް އިތުރު ފައިދާތަކެއްވެސް ލިބެމުންނެވެ. އަހަރެން އެދެނީ ހުރިހާ މުވައްޒިފުންވެސް ވީހައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްދިނުމެވެ."

އެގޮތަށް ވާހަކަދެއްކިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޒުވާނާ އާއި ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމަށްފަހު ޒުވާނާ ގާތުގައި ބުންޏެވެ. "ފުރަތަމަ ކަމަކީ ކަލެއަކީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން މީހާއެވެ. އެދުވަހު ކަލޭ ވަރަށް ދަތިޙާލުގައި ހުރެމެ އަހަރެންދިން ފައިސާގައި ނުހިފާ ދެއްކިވާހަކަތައް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ﷲ އަށް ބިރުވެތިވާ މީހަކަށް ނޫނީ ބުނެވޭނެ ބަސްތަކެއް ނޫނެވެ. ދެވަނަ ކަމަކީ ވަޒީފާގައި ކަލެއަކީ ވަރަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހެކެވެ. ވީމާ އަހަރެންގެ ޙަޔާތަށް ކަލެއަށްވުރެ މުހިންމު މީހަކު ނުލިބޭނެއެވެ. ތަނަވަސް މީހުންނާއިވެސް ކައިވެނިކުރެވެން އޮއްވައި ކަލެއާއި ކައިވެނިމިކުރީ އެހެންވެގެންނެވެ. ދެން އޮތީ ދެމީހުންގެ މަސައްކަތުން ދިރިއުޅުމުގެ ހުރިހާ ކަންކަން ކުރިއަރުވަން ގަދައަޅައި މަސައްކަތްކުރުމެވެ."

ދެމީހުންގެ ކައިވެންޏަށް 5 އަހަރުފުރުނުއިރު އަންހެންމީހާގެ ކުންފުންޏަކީ ކުޑަކުންފުންޏެއް ނޫނެވެ. ފުޅައުދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެކެވެ. ދެމަފިރިންނަކީ ތަނަވަސްކަމުގައި ދިރިއުޅޭ ދެމަފިރިންނެވެ. ކައިވެންޏަށް މިހާރު 16 އަހަރެވެ. ދެމަފިރިންގެ މެދުގައި އޮތީ ލޯތްބާއި ކުލުނެވެ. ވަފާތެރިކަމެވެ. 3 ދަރިންނާއިއެކު ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.   

މިއީ ޙަޤީޤީ ޙާދިސާއެއް ކަމަށް ބުނެފައިވާ ފިލްމަކުން އަޅުގަނޑު ފާހަގަކުރަން ބޭނުންވި ކަންކަމެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ތިމާގެ އަމިއްލަ ފުރާނައަށް ނުބަލައި، އަމިއްލަ އެދުމެއް ނެތި ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެން އެޒުވާނާ ފަދައިން ކަންކަން ކުރާނަމަ ހަމަ މިފަދަ ރަޙްމަތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ ބޭނުންވަނީ ވެސް ނެތިގެން މިއުޅެނީވެސް ހަމަ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ.

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން