އަޅުގަނޑުމެން ދެމަފިރިންނަށް ލިބުނީ އެންމެ ދަރިއެކެވެ. އެއީ ވަރަށް ލޯބިލޯބި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން އަހަރުވެގެންއައިއިރު ކުއްޖާގެ ފައިގައި ނުކުޅެދުންތެރިކަން ހުންނަކަން ފާހަގަކުރެވުނެވެ. އެކަންވީ ދާއިމީ މައްސަލައަކަށެވެ. އެތައް ބައިވަރު ޑޮކްޓަރުންނަށް ދައްކައިގެން ކުރި މަސައްކަތުންވެސް އެނގުނީ ކުއްޖާއަށް ނުހިނގޭނެކަމެވެ. އިންނަން ޖެހޭނީ ފުރޮޅުލީ ގޮނޑީގައިކަމެވެ.
ދަރިފުޅުގެ ޢުމުރުން 5 އަހަރުގައި ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ހިނގައްޖެއެވެ. ދަމުން ދިއަ ސަބަބެއް ނުބުނެއެވެ. ނަމަވެސް ފަހަކަށް އައިސް ފެނުނު ޢަމަލުތަކުންނާއި އަޑުއިވުނު ބަސްތަކުން މައްސަލައަކަށްވެގެން އުޅެނީ ނުކުޅެދުންތެރިކަންހުރި ދަރިއަކު ބަލަންޖެހުންކަން ފާހގަކުރެވުނެވެ.
އަޅުގަނޑަކީ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ އަންހެނަކީމެވެ. އެހެންކަމުން މާލީ ގޮތުން އަޅުގަނޑަށް އެހީތެރިވެދެވޭނެ ފެންވަރުގެ ނުވަތަ ތަނަވަސްކަންހުރި މީހަކު ނެތެވެ. ފިރިމީހާ ދަމުން އެއްވެސް ފައިސާއެއް ނުދެއެވެ. ތެދަށްބުނާނަމަ މާދަމާ ކައިބޮއިހަދައިލެވޭނެ މިންވަރުވެސް ގެއަކު ނެތެވެ.
ދިރިއުޅެނީ މައިންބަފައިންގެ ގެއިން ލިބިފައިވާ ކޮޓަރިއެއްގައެވެ. ފިރިމީހާ އާއިއެކުގައި އުޅުނުއިރު ވަކި ދިރިއުޅުމެއް އުޅުނީތީ އަޅުގަނޑުމެން ދިރިއުޅެން ދީފައިހުރީ ގެއިން ބޭރުގައި ވަކިން ހުރި ކޮޓަރިއެކެވެ. އެއީ ކާފަ އާއި މާމަ ދިރިއުޅުނު ކޮޓަރިއެވެ.
ފިރިމީހާ ފޮށިހިފައިގެން ނުކުމެގެން ދިއުމުން ބައްޕަ އެދަނީ ކޮންތަނަކަށްތޯ ދަރިފުޅު ތަކުރާރުކޮށް ސުވާލުކުރުމުންވެސް ތެދަށް ބުނެފިނަމަ ދެރަވާނެތީ އަޅުގަނޑު ބުނީ އޮފީސް ދަތުރެއްގައި ދިއައީ ކަމަށެވެ. ފަހުން ދަރިފުޅުގެ ގާތަށް އަންނާނެ ކަމަށެވެ.
އަޅުގަނޑަކީ ﷲ ގެ ޙަޟްރަތުގައި ކަރުނައަޅައި ދުޢާކުރަން ވަރަށް ބޭނުންވާ އަނހެނަކީމެވެ. އެކަމަށް މަސައްކަތްވެސް ކުރަމެވެ. ނަމަވެސް އެއީ ޙާޞިލްނުކުރެވި އޮތް ކަމެކެވެ. ފިރިމީހާ ދިއަ ދުވަހުގެ ރޭ ދަމުނަމާދުކުރުމަށްފަހު ދުޢާކުރަން ފެށިތަނާ ކަރުނައެޅިއްޖެއެވެ. ކުޑަކޮށެއްވެސް ނޫނެވެ. ގިސްލާ ރޮވުނެވެ. ރޮައި ކަރުނައަޅައި ﷲ ގެ ޙަޟްރަތުގައި އާދޭސް ދެންނެވީމެވެ. ދެމައިންގެ މައްޗަށް ރަޙުމްކުރައްވަވައި ހަމްދަރުދީވެވޮޑިގެން ދެއްވެވުމަށެވެ. އެގޮތުގައި ފަތިސްވަންދެން އިނީމެވެ.
އަނެއް ދުވަހު ހެނދުނެވެ. އަޅުގަނޑާއިއެކު ސްކޫލްގައި ކިޔަވަން އުޅުނު އެކުވެރި އަންހެންކުއްޖަކު ވަރަށް ގިނަ ދުވަސްކޮށްފައި ގުޅިއެވެ. ގުޅާފައި ޙާލުގެ ވާހަކަ އެހުމުން ޖަވާބުނުދީ ރުވުނީއެވެ. ރޮވުމުން އޭނާ "މަޑުކުރާށޭ" ބުނެފައި ފޯނު ކަނޑައިލިއެވެ.
އިރުކޮޅަކުން އޭނާ އަތުވެއްޖެއެވެ. ބުނީ އަޅުގަނޑަށް ރޮވުމުން ދެގޮތަކަށް ވިސްނުނު ކަމަށެވެ. ދަރިފުޅަށް ދެރަގޮތެއް މެދުވެރިވުން ނުވަތަ އެކަނިވެރިވުން ފަދަ ގޮތެއް މެދުވެރިވީ ކަމަށް ފުރަތަމަވެސް ޤަބޫލުކުރެވުނު ކަމަށެވެ. ފޯނު ކަނޑާލަން ބުނީ އަވަހަށް އަންނަން ބޭނުންވެގެން ކަމަށެވެ.
މެދުވެރިވި ޙާލަތު ކިޔައިދިނުމުން އަތަށް 3000 ރުފިޔާ ދީފައި ބުނީ އޭނާއަކީ މިހާރު ފޮތިފިހާރަ ހިންގާ އަނހެނެއް ކަމަށާއި ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި ދެރަ ނުވުމަށާއި މަގެއް ފެންނަންދެން އެހީތެރިވެދޭނެ ކަމަށާއި ދެވަނަ ދިރިއުޅުމެއް ހޯދައިދޭންވެސް މަސައްކަތްކޮށްދޭނެ ކަމަށެވެ. އެހެން ބުނެފައި ފަހުން ގުޅާނެ ކަމަށް ބުނެފައި ދިއައީއެވެ.
އޭނާ އަޅުގަނޑަށް އެހީތެރިވިއެވެ. ޢިއްދަ ހަމަވިތަނާހެން އަޅުގަނޑުގެ ގާތުގައި ބުނީ އޭނާގެ ބޭބެގެ އަނބިމީހާ ނިޔާވެގެން ވަރަށް ދެރަވެފައި ހުންނަ ކަމަށާއި އަޅުގަނޑު ބޭނުންނަމަ ބޭބެ އާއި ވާހަކަދައްކައިގެން ކުރިއަށް ގެންދަން ބޭނުން ކަމަށެވެ. އެއިރުން ހިތްދަތިކަމުގައި ތިބި ދެމީހަކަށް މަގެއް ހޯދައިދެވުނީ ކަމަށާއި އެކަމުން ވަރަށް ގިނަ ޘަވާބު ދެއްވެވުމަށް އުންމީދުކުރާކަމަށެވެ.
ބޭބެގެ ފޮޓޯ ދައްކަން އުޅެން ފެށުމުން ބުނީމެވެ. "މިވަގުތު ބަލަން ބޭނުންވަނީ ރީތިކަމަށް ނޫންކަމަށާއި ބަލަން ބޭނުންވަނީ މިދަރިފުޅަށް އަޅާލައި އަޅުގަނޑުގެ މަސްގަނޑު ދެކެ ލޯބިވާނެ އަޚްލާޤް ރަނގަޅު ފިރިއެކެވެ. އެކަން ވެއްޖެނަމަ އެނިމުނީއެވެ. ބޭބެގެ 2 ދަރިންނަށްވެސް ލޯބިދީގެން ގެންގުޅޭނަމަވެ."
އެކުވެރިޔާ އޭނާގެ ބޭބެ އާއި ވާހަކަދައްކާފައި ބޭބެ ގޮވައިގެން ގެއަށް އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. އޭނާއަކީ ފިރިމީހާއަށްވުރެ މާރީތިވެސް މީހެކެވެ. އަޚްލާޤްވެސް ވަރަށް ރަނގަޅު މީހެކެވެ. ދެމީހުންގެ ކައިވެނި ކުރެވުނެވެ. ކައިވެނިކުރުމަށްފަހު އޭނާގެ ގެއަށް ދެމައިން ބަދަލުކުރިއެވެ.
އޭނާއަކީވެސް ވިޔަފާރިކުރާ ތަނަވަސް މީހެކެވެ. ގެދޮރުވެސް ހުރީ ހަދާފައެވެ. އޭނާ ފުރަތަމަވެސް ބޭނުންވީ ވިޔަފާރިކަމުގައި ބެންކޮކަށްދާއިރު ޢާއިލާ އެކުގައި ބެންކޮކަށް ގެންގޮސް ޑޮކްޓަރަށް ދައްކައި އަޅުގަނޑުގެ ދަރިފުޅަށް ފަރުވާ ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ.
ﷲ ގެ ރަޙްމަތްފުޅުން ދަރިފުޅުގެ ފައި އެކުގައިހެން ރަނގަޅުވިއެވެ. ހިނގާއިރު ކުޑަކޮރެއް ހުރުން ފިޔަވައި އެކުގައި ރަނގަޅުވިއެވެ. ޑޮކްޓަރުން ބުނީ ފަހުން އެކަންވެސް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ލިބުނު އުފާ ބުނެދޭންވެސް ނުއެނގެއެވެ.
3 އަހަރުވަންދެން އެކުގައި ދިރިއުޅެ އަޅުގަނޑުގެ އަޚްލާޤާއި އުޅުން ޔަޤީންކުރުމަށްފަހު އަޅުގަނޑަށް މައިންބަފައިންގެ ގެއިން ލިބޭ ބިންކޮޅުގައި ފިރިމީހާގެ ފެންވަރުން މިހާރު ވަނީ ގެއެއްވެސް އަޅައިދީފައެވެ. 6 ބުރިއަށް ފައުންޑޭޝަން އަޅައި 2 ބުރިވަނީ ނިންމައިދީފައެވެ.
ކައިވެންޏަށް މިހާރު 8 އަހަރެވެ. ދެމީހުންގެ މެދުގައި މައްސަލައެއްކަމަށް ބުނެވޭނެ ވަރުގެ އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން އެކުގައި ޢުމުރަށް ދިރިއުޅެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ވަނީ ލިފައެވެ. އިން ޝާ ﷲ
ނިންމާލުމުގެ ކުރިން ބުނެލާނަމެވެ. ކާރުގަ މައްސަލައެއް ޖެހުނު ދުވަހަކު ދަރިފުޅު ސްކޫލް ނިމިގެން ގެއަށް އައި މަގުމަތީގައި ދަރިފުޅު ހިނގާފައި އަންނަތަން ފިރިމީހާއަށް ފެނުމުން ބަލަހައްޓައިގެން ހުއްޓެވެ. ގަތްލަދުން ނަމަވެސް އަނގައިންވެސް ނުބުނެއެވެ. ފިރިމީހާގެ ފިހާރައަކުން ދެމަފިރިން އެކުގައި ފެނުނު ރޭވެސް އިސްދަށަށް ޖަހައިގެންހުރެ ނުކުމެގެން ދިއައީއެވެ.
އޭނާއަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ހަމައެކަނި ފާހަގަކޮށްލަން ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ލޮލުން ކަރުނައަޅައި ދުޢާކުރުމުން އަޅުގަނޑަށް ކުރި ފައިދާއެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ދަތި ޙާލު ކުރިމަތިވިނަމަވެސް މާޔޫސްވެ ބޭކާރު ރުއިން ރުއިމުގެ ބަދަލުގައި އަޅުވެރިކަން އިތުރުކޮށް ﷲ ގެ ޙަޟްރަތުގައި ކަރުނައަޅައި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް