ސަހަރަކުން ފެނުނު އާދައާ ޚިލާފަށް ރީތި އަންހެން ކުއްޖަކާ ކައިވެނިކުރަން ބޭނުންވެގެން ރޭސްޖެހި އެންމެން މަރުވީމާ އެކުއްޖާ ބުނިވާހަކަ- ކޮންމެހެން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސަހަރަކުން ފެނުނު އާދައާ ޚިލާފަށް ރީތި އަންހެން ކުއްޖަކާ ކައިވެނިކުރަން ބޭނުންވެގެން ރޭސްޖެހި އެންމެން މަރުވީމާ އެކުއްޖާ ބުނިވާހަކަ- ކޮންމެހެން ދަސްކުރަންޖެހޭ ފިލާވަޅެއް!

އެއް ދުވަހަކު ސަހަރަކުން ވަރަށް ސިފަ ރީތި އަންހެނަކު ފެނުނެވެ. ސަހަރުގެ ހުރިހާ ބޮޑުންނާއި ތަނަވަސް މީހުން އަދި އެންމެންވެސް އޭނާއާއި ކައިވެނިކުރަން ބޭނުންވިއެވެ. އެކަމާއިހުރެ ބޮޑު ތަޅާފޮޅުމަކަށް ދިއުމުން އެކުއްޖާ ބުންޏެވެ. "ތަޅާފޮޅަން ނުހަދާށެވެ. އަހަރެންގެ ފަހަތުން ދުވާށެވެ. ކައިވެނިކުރާނީ އެންމެ ބާރަށް ދުވެ އެންމެ ކުރިން އަހަރެންނާއި އަރައި ހަމަކުރެވުނު މީހަކާއިއެވެ. 

ގިނަ ބައަކު އެކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ދުވަމުންގޮސް ހަކަތަ ހުސްވެ ވަރުބަލިވެގެން މަރުވެ ވެއްޓުނުއިރުވެސް ދުވީއެވެ. އެއްވެސް މީހަކަށް އޭނާއާއި އަރައި ހަމައެއް ނުކުރެވުނެވެ. އޭނާގެ ފަހަތުން ދުވި އެންމެން މަރުވުމުން އެނބުރިލާފައި އޭނާ ބުންޏެވެ. 

"މިތިބަ ބޮޑެތި މޮޔައިންތަކާއެވެ! ކަލޭމެން އެކަކަށްވެސް އަހަރެން އަތެއް ނުވާނެއެވެ! އަހަރެންނަކީ ދުނިޔެއެވެ! ދުނިޔެ ފަހަތުން ދުވީމާ ވާނެ ގޮތް ތިއަވީއެވެ. ކަލޭމެން ދުނިޔެއަށް ފޮނުއްވުނީ ދުނިޔެ ފަހައިދުވާކަށް ނޫނެވެ. އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ! ވީމާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ދުނިޔެ ޙާޞިލެއް ނުކުރެވޭނެއެވެ. ނަމަވެސް އާޚިރަތް ލިބިގަންނަން މަސައްކަތްކޮށްފި މީހަކަށް އާޚިރަތް ލިބިގަނެވޭނެއެވެ! އިން ޝާ ﷲ" 

މިއީ ދުނިޔެ ލިބިގަންނަން މަސައްކަތްކުރާ މީހުންނަށް އެކަން ޙާޞިލްނުކުރެވޭނެކަން ބަޔާން ކުރައްވައި ޢިލްމްވެރިއަކު ކިޔައިދެއްވާފައިވާ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކިތަންމެ ބައިވަރެއް ލިބުނަސް ހިތްފުރިގެން ދުނިޔެއިން ނުކުމެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަން ބަޔާންކުރައްވަވައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އާދަމްގެ ދަރިޔާއަށް ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަށް އެދޭނެ ކަމަށެވެ. ﷲ ދެއްވެވި މިންވަރުން ހިތް ނުފުރޭ މީހުންގެ ބަނޑު ފުރޭނީ މަރުވެ ވަޅުލެވުމުން ކިލަލުން (ވެލިން) ކަމަށެވެ. 

ވީމާ ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅު މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާ އެމީހަކަށް ދެއްވެވި މިންވަރަށް ޝުކުރުވެރިވެ އާޚިރަތް ހޯދަން މަސައްކަތްކުރާށެވެ! ކުރިންވެސް ބުނި ފަދައިން އެއްވެސް މީހަކަށް ދުނިޔެ ޙާޞިލެއް ނުކުރެވޭނެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އާޚިރަތް ޙާޞިލްކުރެވިދާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން