ޙަޤީޤީ ޙާދިސާ: ﷲ ގެ މަގު ދޫކޮށް ނުލުމުން "އަހަރެން ފަދަ ތަނަވަސް މީހަކު ތިހާ ކަޓް ދިރިއުޅުމެއް ނޫޅެން" އަނބިމީހާ ވަރިކޮށްލި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޙަޤީޤީ ޙާދިސާ: ﷲ ގެ މަގު ދޫކޮށް ނުލުމުން "އަހަރެން ފަދަ ތަނަވަސް މީހަކު ތިހާ ކަޓް ދިރިއުޅުމެއް ނޫޅެން" އަނބިމީހާ ވަރިކޮށްލި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުގެ ޢުމުރުން 22 ވަނަ އަހަރު އަޅުގަނޑުދެކެ ދެކެ ލޯބިވާކަމަށްބުނެ ގުޅަންފެށި މީހަކާއި ކައިވެނިކުރީމެވެ. ކައިވެނީގެ ކުރިން އަޅުގަނޑު އޭނާއަށް ހުށަހެޅި އެންމެ މުހިންމު ކަމަކީ އަޅުގަނޑުގެ ގޮތުގައި އަޅުގަނޑު ބަލައިގަތުމެވެ. އެގޮތަށް އަޅުގަނޑު ބުނީ އަޅުގަނޑަކީ މިޒަމާނުގެ ގިނަކުދިން އުޅޭގޮތަށް އުޅެން ބޭނުން ނުވާ އަންހެނަކަށްވާތީއެވެ. ތަޤްވާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ އަންހެނެކަށްވާތީއެވެ. 

ކައިވެނިކުރީ އެހުރިހާ ކަންކަކަމަށް އެއްބަސްވެ ޤަބޫލުކޮށްގެންނެވެ. ކައިވެނީގެ 3 ވަނަ އަހަރު ދަރިއަކުވެސް ލިބިފައިވަނިކޮށް ފިރިމީހާގެ ވިސްނުން ބަދަލުވެއްޖެއެވެ. އަޅުގަނޑު ލަމުން އަންނަ ބޮޑުހެދުންލުން ހުއްޓާލައި ވަނާތައް ފެންނަ ގޮތަށް ބާރު، ކުރުހެދުން ލައްވަން ބޭނުންވެއްޖެއެވެ. ޕާޓީތަކަށާއި ކޮފީތަކަށްގެންގޮސް އިޝްތިހާރުކުރަން ބޭނުންވެއްޖެއެވެ. 

އޭނާ ބުނީ އޭނާގެ އެކުވެރިންގެ އަނބިންގެ ތެރެއިން އެންމެ ރީތީ އަޅުގަނޑު ކަމަށްވުމުން އެކުވެރިންނަށް އަޅުގަނޑު ދައްކައި ފަޚުރުވެރިވާން ބޭނުންވާ ކަމަށާއި އެކަން ނުކުރެވޭނަމަ އެކުގައި އުޅެން ބޭނުން ނުވާކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ އަޅުގަނޑުގެ ސިފައިގައި އެއްވެސް ރީތިކަމެއް ހުރިނަމަ އެއީ ﷲ ދެއްވަވާފައިވާ ނިޢްމަތެއް ކަމަށާއި ﷲ ރުހިވޮޑިނުގަންނަވާނެ ގޮތަކަށް އެ ނިޢްމަތުގެ ބޭނުން ނުހިފާނެ ކަމަށެވެ. 

ފިރިމީހާއަކީ ކޮންމެ ވަގުތަކުވެސް އަޅުގަނޑު އެއްލާލައިފާނެ މީހެއް ކަމަށާއި ނަމަވެސް އިން ޝާ ﷲ ދުވަހަކުވެސް ﷲ އަޅުގަނޑު ދޫކޮށް ނުލައްވަވާނެ ކަމަށްވެސް ބުނީމެވެ. ކައިވެނިކުރުމުގެ ކުރިންވެސް މިވާހަކަތައް ބުނިން ކަމާއި ކައިވެނިކުރީ އެކަންކަމަށް އެއްބަސްވެގެންކަން ހަނދާންކޮށްދިނުމުން ބުނީ ވިސްނުން މިހާރު ބަދަލުވެއްޖެކަމަށެވެ. އަދި އޭނާ ފަދަ ތަނަވަސް މީހަކު އެހައި ކަޓް ދިރިއުޅުމެއް އުޅެން ބޭނުން ނުވާކަމަށްވެސް ބުންޏެވެ. 

އަޅުގަނޑުގެ އެދުމަށް އަޅުގަނޑު ވަރިކުރީމައި ދިއައީ ގެއަށެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެންކަމާއިއެކުގައިވެސް އެޙާލަތުގައި އަޅުގަނޑުމެން ދެމައިން ބަލައިގަތެވެ. އެމީހުންގެ ފެންވަރުން އެހީތެރިވިއެވެ. 

ވަރިކުރުމަށްފަހު ފިރިމީހާ އެއްވެސް ޚަރަދެއްވެސް ނުކުރެއެވެ. ދަރިފުޅަށް ބޭނުންވާ އެއްޗެއްވެސް ގަނެއެއް ނުދެއެވެ. ބުނީ ނުކިޔަމަންތެރިވާ އަނބިންނަށް ޚަރަދުކުރަން ނުޖެހޭނެ ކަމަށާއި ފައިސާ ދިނީމާ ބޭނުންކުރާނީ އަޅުގަނޑު ކަމަށެވެ. ދަރިންފުޅަށް ދެމުން އައި އަގުބޮޑު ކާއެއްޗެތި ނުދެވެން ފެށުމުން އެކަމުގެ އަސަރު ދަރިފުޅަށް ކުރިއެވެ. ފައިސާ ނުދިންތަނުގައި ބޭނުންވާ އެއްޗެއްވެސް ހޯދައެއް ނުދިނެވެ. ބަލިވުމުން ބުނީ އާސަންދައިން ބޭސްކުރެވޭނެ ކަމަށެވެ. 

އޭނާ ހީކުރީ ފައިސާ ހޯދަން އަޅުގަނޑު ގުޅާނެ ކަމަށެވެ. ނަމަވެސް ނުގުޅަމެވެ. ޖަވާބު ލިބުމުން އެހިސާބުން ﷲ އަށް ވަކީލްކޮށް ފުއްދައިލީއެވެ. ނަތީޖާވެސް ގޯހެއް ނޫނެވެ. ޢިއްދަ ހަމަވިތަނާހެން ބައްދަލުވި މީހަކާއި ކައިވެނިކުރީއެވެ. އޭނާއަކީ ތަނަވަސްމީހެއް ނޫނެވެ. ނަމަވެސް ފިރިންގެ މަސްއޫލިއްޔަތު އެނގޭ ﷲ އަށް ބިރުވެތިވާ މީހެކެވެ. ވީމާ އަޅުގަނޑު އުޅެން ބޭނުންވާފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދިއައެވެ. ކައިވެނީގެ ޙަޤީޤީ ފޮނިމީރުކަން ލިބި އުފާވެރިކަމުގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެންދިއައެވެ. 

ދެވަނަ ކައިވެނީގައި މިހާރު 12 އަހަރުވެއްޖެއެވެ. 3 ދަރިންވެސް ވަނީ ލިބިފައެވެ. މިހާރު މިއީ 4 ދަރިންގެ މަންމައެވެ. ލޯބިވާ އަޅުވެރި ފިރިއަކު ލިބުމުގެ އުފާވެރިކަން ލިބިފައިވާ އަނހެނަކީމެވެ. 

ކުރީގެ ފިރިމީހާގެ ވާހަކަވެސް ބުނެލާނަމެވެ. ދެވަނަ ކައިވެނީގައި ދެވަނަ ދަރިފުޅު ލިބުނު ތަނާ ގުޅިއެވެ. ގުޅާފައި ބުނީ ކައިވެނިކުރިމީހާ ބޭރަށްދާވަރުންނާއި ޚަރަދު ބޮޑުކަމުން ނުހިފެހެއްޓިގެން ވަރިކުރަންޖެހުނީ ކަމަށެވެ. އަޅުގަނޑާއި އަލުން ގުޅެން ބޭނުންވާ ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ އަޅުގަނޑަށް ލިބިފައިވަނީ މަދުން ނޫނީ ނުލިބޭނެ ފަދަ ތަޤްވާވެރި ފިރިއެއް ކަމަށާއި އޭނާގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. 

ކުރިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައި އޮތް ނަމަވެސް ބައްޕައާއި ދަރިފުޅުގެ ދެމެދަށް ހުރަސް އަޅަން ނެތިން ކަމަށާއި ބޭނުންނަމަ ދަރިފުޅާއި ގުޅުން ބަދަހިކުރެވިދާނެ ކަމަށްބުނުމުން އޭނާ ބުނީ ދިރިއުޅުމުގައި ދިމާވި ގޮތުން ފިހާރަ ވިއްކާލައި މިހާރު އުޅެނީ ވަޒީފާއެއްގައި ކަމަށެވެ. ލިބޭ މުސާރައިން ދެކޮޅު ޖެހެނީވެސް ކިރިޔާ ކަމަށެވެ. 

އަޅުގަނޑު ބުނީ އެއްވެސް ފައިސާއެއް ބޭނުން ނުވާ ކަމަށެވެ. އަދި އެއީ ގޯހަކަށްވީނަމަވެސް އޭނާ އަޅުގަނޑަށް ބުނި ނުބައި ބަސް ހަނދާންކޮށްލައިދިނީމެވެ. އެއީ "އޭނާ ފަދަ ތަނަވަސް މީހަކު އެހައި ކަޓް ދިރިއުޅުމެއް އުޅެން ބޭނުން ނުވާކަމަށް" ބުނި ބަހެވެ. ބުނީމެވެ. "އެހެންވީމާ ކަލޭގެ އަތުގައި ހުރީ ކަލޭގެ ތަނަވަސްކަން ނޫންކަމާއި އެއީ ﷲ ދެއްވެވީމާ ލިބިފައިވީ ނިޢްމަތެއްކަން މިހާރު އެބަވިސްނޭދޯއެވެ!" 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނަން އޮތީ ފިރިންގެ ރުހުން ހޯދަން ﷲ ގެ ރުހިވޮޑިގަތުން ލިބުމާއި ދުރުނުވާށެވެ! ލާބޮޑު ހެދުމާއި އަޅާ ބުރުގާ އެއްލައިނުލާށެވެ. ހިލޭ ފިރިހެނުން ތަކުގެ ތެރެއަށް ނުކުމެ އިޝްތިހާރުވެ އެންމެންގެ ތުންފުއްސަކަށް ނުވާށެވެ. އެކަންކަން ކުރުވާ ފިރިންނަކީ ﷲ އަށް ބިރުވެތިވާ ބައެއް ނޫނެވެ. ﷲ އަށް ބިރުވެތިކަން ނެތްމީހާ އަނބިމީހާއަށް ކުރާނީ ކޮން އިޙްތިރާމެއް ހެއްޔެވެ؟ ހިތަށް އަރާއިރަށް ބާކީކޮށްފައި އެއްލައިލާނެއެވެ. ނަމަވެސް ތިބާ ﷲ ގެ މަގުގައި ސާބިތުވެ ހުރިނަމަ ﷲ ތިބާ ދޫކޮށް ނުލައްވަވާނެކަން އަޅުގަނޑުގެ ޙަޔާތުގައިވެސް މިވަނީ އެނގިފައެވެ. 

- ނިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން