ޙަޤީޤީ ޙާދިސާ: ހަގު އަނބި ގެއަށް ގެންގޮސް ދޮށީ އަނބި ނިކަމެތިކޮށް އަޅަކަށް ހެދި ފިރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޙަޤީޤީ ޙާދިސާ: ހަގު އަނބި ގެއަށް ގެންގޮސް ދޮށީ އަނބި ނިކަމެތިކޮށް އަޅަކަށް ހެދި ފިރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

ޒަވްއަކީ ވަރަށް ރިތި އަންހެންކުއްޖެކެވެ. އެހެންވެ ގިނަ ބައަކު އޭނާގެ ފަހަތުން ދުވެއެވެ. ތަނަވަސްމީހުންވެސް އެއިގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ޒަވްއަށް ލޯބިވެވުނީ ފަޤީރު ޒުވާނަކު ދެކެއެވެ. ލޯބީގެ ގުޅުމުގެ ތެރެއިން އެންމެ ހިތްދަތި ޙާލަތު ޒަވްއަށް ކުރިމަތިވިއެވެ. އެއީ ކައިވެނީގެ ބޭރުން ބަލިވެއިނުމެވެ. 

އެޙާލަތުގައި ލޯބިވެރިޔާއާއި މަޝްވަރާކޮށް ރާވައިގެން ޒަވް ލޯބީގެ ގޮތުން މީހަކާއި ގުޅި ދެއަންބަށް ކައިވެނިކޮށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަލިވެއިނީ އޭނާއަށް ކަމަށް ހަދައިފިއެވެ. އެމީހާއަކީ ކައިވެންޏަށް 8 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން އެކަމުގެ ހިތާމައިގައި ހުރި މީހެކެވެ. އެހެންވެ އަވަސް އަވަހަށް ޒަވް ގޮވައިގެން ގެއަށް ގޮސް އަނބިމީހާއަށް ތަޢާރަފްކޮށްދީފައި ޒަވް ދެން ހުންނާނީ އެގޭގައި ކަމަށް ބުންޏެވެ. 

އެއީ ދޮށީ އަނބީގެ އަމިއްލަ ގެއެއް ނަމަވެސް އޭނާ އެކަމަށް ކެތްތެރިވިއެވެ. ޒުވާބުނުކޮށް މަޑުންހުރީއެވެ. އެހެންކަމާއިއެކުގައިވެސް ފިރިމީހާ އޭނާ ހެދީ ގޭގެ ނީކަރަކަށެވެ. ހަގު އަނބިމީހާ އާއި ދެމީހުންގެ އަޅަކަށެވެ. 

ދުވަސްކޮޅެއްފަހުން ޒަވް އަކަށް އެކަމަކަށް ކެތެއް ނުކުރެވުނެވެ. ކެނޑިނޭޅީ ދޮށީ އަނބިމީހާއަށް ގޮވާ އެއްޗެއްސަށާއި އޭނާއަށް ކަންކަންކުރާ ގޮތް ބަލައެއް ނުގަނެވުނެވެ. ޒަވްއަށް ވިސްނުނީ އޭނާ އާއިމެދުގައިވެސް ހަމަ އެގޮތަށް ކަންތައްކުރާނެ ދުވަހެއް އަންނާނެ ކަމެވެ. އެދުވަހުން މާބޮޑަށް ދެރަވެ ހިތާމަކުރަންޖެހޭނެ ކަމެވެ. 

އެހެންވެ ޒަވް އޭނާގެ ޙަޤީޤަތް ދޮށީ އަނބިމީހާއަށް ކިޔައިދިނެވެ. އަދި ދަރިފުޅުގެ ބައްޕަ ގެއަށް ގެނެސް ދައްކައި ކަންކަންވެގެން ދިއަ ގޮތް ތެދުބަހުން ކިޔައިދީ މާފަށް އެދުނެވެ. 

ދެންވެސް ދޮށީ އަނބިމީހާ އަނގައިން ނުބުނެ ކެތްތެރިވެގެންހުރީއެވެ. ޒަވް ވިހައި ގަދަވެގެން ގެއަށް ގެނައުމުން ޒަވްގެ ލޯބިވެރިޔާ ގެއަށް ގެނުވައި ދަރިފުޅުގެ ޙަޤީޤަތް ފިރިމީހާއަށް ކިޔައިދިނެވެ. ޒަވް ބުންޏެވެ. "އަހަރެން ކަލެއާއި ގުޅުނީ ހަމައެކަނި މިލަދުން ސަލާމަތްވާކަށް ނޫނެވެ. ރަނގަޅު ދިރިއުޅުމެް އުޅުމުގެ ބޭނުމުގައެވެ. ނަމަވެސް ކަލޭ، ކަލޭގެ ދޮށީ އަނބިމީހާ އާއިމެދު ކަންކަންކުރިގޮތުން ކަލެއަކީ އިންސާނެއްކަމަށް ޤަބޫލުކުރަން އުނދަގޫވީއެވެ. މިއީ އަޞްލު ކައިވެންޏަކަށްވެސް ނުވާނެއެވެ. އެއީ ބަލިވެއިނދެގެންހުރެ ކައިވެނިކުރީތީއެވެ. އަހަރެންނަށް ކުރެވުނު ފާފަތަކަށް ތައުބާވެއްޖައީމެވެ. އަދި މިވަޤުތުން ފެށިގެން ކަލެއާއި ހުރިހާ ގުޅުމެއް ކަނޑައިލީއެވެ. މިކުޅިވަރު ނިންމައިލީއެވެ." 

ޒަވް ވާހަކަދައްކައި ނިމުމުން ދޮށީ އަނބިމީހާ ބުންޏެވެ. "ފުރަތަމަ ކަމަކަށް ކަލޭމެން ދެމީހުން ކައިވެނިކުރާށެވެ. ކައިވެނިކޮށްގެން މިގޭގައި ތިބޭށެވެ. ހުރިހާ ގޮތަކުންވެސް އެހީތެރިވާނަމެވެ. ފިރިމީހާ ގާތު ބުނަން އޮތީ އަހަރެން ވަރިކޮށްފައި ހަމަ މިހާރު މިގެއިން ނުކުމެގެންދާށެވެ. އެންމެ ހިނދުކޮޅަކަށްވެސް މިގޭގައި މަޑުކޮށްގެން ނުވާނެއެވެ. މިގެއަށް ދެން ވަދެގެންވެސް ނުވާނެއެވެ. ކަލޭގެ އަނިޔާވެރިކަމުގައި ކެތްތެރިވެ ހުރީ އަހަރެންނަށް ދަރިއަކު ނުލިބޭތީ ކޮންމެހެން ދަށުވާންޖެހިގެނެއް ނޫނެވެ. 

އަހަރެން އަދި ކައިވެނިކުރާނަމެވެ. ދަރިންވެސް ލިބޭނެއެވެ. އިން ޝާ ﷲ. އަހަރެންނަށް ދަރިއަކު ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން މިއަންނަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އެކަމަކު މިހައިދުވަސްވީއިރުވެސް އެންމެ ފަހަރަކުވެސް ކަލޭ ޑޮކްޓަރަކަށް ނުދައްކަމެއް ނޫންހެއްޔެވެ؟ އެވާހަކަ ދައްކާއިރަށް ކަލޭ މޫނުހަދާފައި ދުރަށްދަނީ ނޫންހެއްޔެވެ؟" 

ފިރިމީހާއަށް ޖެހުނީ ގެއިން ނުކުމެގެންދާށެވެ. ދޮށީ އަނބިމީހާ ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނިކުރިތަނާހެން ބަލިވެ އިނދެ ވިހައިފިއެވެ. ޒަވްގެ ދެމަފިރިންނާއި ދެޢާއިލާ އެގޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ގުޅިގެން އުފަލުގައެވެ. ކުޑަކުޑަ ދެކުދިން ތިބުމުން ގެއަށް ވަނީ ވަރަށް ބޮޑު ދިރުމެއް އައިސްފައެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކައިން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ތިމާއަށް އުފަލެއް ލިބޭއިރަށް އަނބިން ނިކަމެތިކޮށް ހިތުގަ ޖައްސައި ބޭނުންހައި ގޮތަކަށް ކަންކަން ކުރުމުން އެކަމުގެ ރަހަ ދެކެންޖެހޭ ކަމެވެ. ދެވަނަ ކަމަކީ މަކަރުން އުފާ ހޯދަން އުޅުމުގެ ބަދަލުގައި ތެދުވެރިވުމުން ކުރާ ފައިދާ މާބޮޑުކަމެވެ. ތިންވަނަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ ދޮށީ އަނބިމީހާގެ ހިތްތިރިކަމާއި ކެތްތެރިކަން ބޮޑުކަމެވެ. އެކަންކަމުގެ ސަބަބުން އޭނާއަށް ކުރި ފައިދާގެ ބޮޑުކަމެވެ. މިއިން ކޮންމެ ކަމަކީވެސް ވަރަށް އަގުހުރި ފިލާވަޅެކެވ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން