އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅުނީ ކައިވެންޏަށް 4 ވަނަ އަހަރުގައެވެ. ލިބުނު ދަރިފުޅަށް 2 ވަނަ އަހަރުގައެވެ. ވަރިކޮށްލާފައި ދިއުމުން އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަމެވެ. ގޭގައި ކުދިންނަށް ޓިޔުޝަންދޭތީ ދެމައިންގެ އަސާސީ ކަންކަން ކޮށްލެވޭވަރުވެއެވެ. ޝުކުރުވެރިވެލައިގެން އެޙާލުގައި އިންދާ މީހަކު އަޅުގަނޑާއި ގުޅެން ބޭނުންވެގެން ވާހަކަދައްކަން ފެށިއެވެ.
ދަރިފުޅާއިއެކު އަޅުގަނޑު ބަލައިގަންނާނެ ކަމަށް ބުނެ ދަރިފުޅަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އަމިއްލަ ދަރިފުޅެއް ފަދައިން އަޅުގަނޑުގެ ދަރިފުޅު ބަލައިދޭނެ ކަމަށް ބުނުމުން ކައިވެނިކުރީމެވެ. އޭނާގެ އެދުމުގެމަތިން އޭނާގެ ގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. އެހިސާބުން އަޅުގަނޑަށް އާމްދަނީ ލިބުން ހުއްޓިއްޖެއެވެ.
ކައިވެނީގެ ކަންކަން އޭނާ ބުނިގޮތަށް ކުރިއަށް ދިއައީ 6 މަސްވަންދެންނެވެ. ދަރިފުޅަށް ޚަރަދުކުރަންޖެހޭތީ ޝަކުވާކުރަން ފަށައިފިއެވެ. ދަރިފުޅުގެ ބައްޕަ ކޯޓަށް ފައިސާ ނުދައްކާތީ ކޯޓަށް ހިނގައިގެން ޚަރަދުހޯދަން ބުނަން ފަށައިފިއެވެ. ކައިވެނި ދެމހެއްޓޭތޯ ބަލަންވެގެން ކޯޓަށްވެސް ހިނގީމެވެ. ނަމަވެސް އޭނާގެ އަތުން އެންމެ ރުފިޔާއެއްވެސް ލިބޭނެ ގޮތެއް ނުވިއެވެ.
އެހިސާބުން އަޅުގަނޑުގެ ސިފައަށް މަލާމާތްކުރަން ފަށައިފިއެވެ. ދަރިއަކު އޮތް މީހަކާއި އިނދެވުނުކަން އެއީ ހެދުނު ގޯހެއްކަމަށް ބުނަން ފަށައިފިއެވެ. އެއިން އެއްވެސް ކަމަކަށް ބަހެއް ނުބުނެ ކައިވެނި ދެމެހެއްޓޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަން އެގޮތަކަށް ކާމިޔާބެއް ނުވިއެވެ. ވަރިކޮށްލާފައި ފޮނުވާލައިފިއެވެ.
އެއިގެ އެއް އަހަރުފަހުން 3 ވަނަ ކައިވެނިކުރީމެވެ. އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ. ދެމައިންނަށްވެސް ވަރަށް ހެޔޮކޮށް ހިތިއެވެ. ދަރިފުޅަށް ކިޔަވައިދިނެވެ. އެއިގެބަދަލުގައި އޭނާގެ 2 ދަރިން ބަލައިދިނީމެވެ. ދެދަރިންގެ މަންމައަކަށްވެގެން އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް ކަންކަންކުރީމެވެ.
އަހަރުތައް ފާއިތުވަމުން އައިސް ދަރިފުޅު ކިޔަވައިނިމި ވަޒީފާއަދާކުރަން ފަށައިފިއެވެ. އޭނާވީ އެކައުންޓެންޓަކަށެވެ. އެހެންވެ ރަނގަޅު މުސާރައެއްވެސް ލިބެއެވެ. މުސާރަ ލިބެން ފެށުމުން ފިރިމީހާ ބުނީ މުސާރަ ރައްކައުކުރުމަށެވެ. ގޭގެ އެއްވެސް ކަމަކަށް ޚަރަދުނުކުރުމަށެވެ.
ވަޒީފާގައި ދުވަސްކޮޅަކު އުޅުމަށްފަހު އަމިއްލައަށް އޮފީހެއް ހަދައި ކުންފުނިތަކުގެ ހިސާބު ބަލެހެއްތުމުގެ މަސައްކަތްކުރަން ފަށައިފިއެވެ. ދަރިފުޅުވީ ވަރަށް ހަރުދަނާ ކުއްޖަކަށެވެ. ބޭކާރު އެއްވެސް ޚަރަދެއް ނުކުރެއެވެ. ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ. އެކަމަކުވެސް ބުނަން ޖެހެނީ ބޭރުން ނުކާންވެގެން މެންދުރު ކާނެ އެއްޗެތިވެސް ގެއިން ހިފައިގެންދާ ކަމަށެވެ. ލިބޭ އާމްދަނީ ދިއައީ ޖަމާކުރަމުންނެވެ.
ދުވަސްކޮޅެއް ފަހުން އެއްދުވަހަކު ބުނީ ލޯނު ނުދައްކައިގެން ބޭންކުން ވިއްކައިލި ގެއެއް ގަނެފިން ކަމަށާއި ގޭގެ ވެރިމީހާ ގެހުސްނުކޮށްގެން އުޅޭވާހަކައެވެ. އަދި ހުކުރުދުވަހު ގެ ދައްކާލަން އަޅުގަނޑާއި ފިރިމީހާ ގެންދާނެ ކަމަށެވެ.
އެދުވަހު އަޅުގަނޑުމެން ގޮވައިގެން ދިއައީ 2 ވަނަ ފިރިމީހާގެ ގެއަށެވެ. އަނގައިން ނުބުނެ ހުރީމެވެ. ދަރިފުޅުގެ ތަޅުދަނޑިން ގެ ހުޅުވައި ގެއަށް ވަންއިރު ފިރިމީހާ ސޯފާގައި ވަރަށް ދެރަވެފައި އިނެވެ. ދަރިފުޅު ގޮސް ބުނީ ވަރަށް ގިނަ މުއްދަތު ދެވިއްޖެކަމަށާއި އެއް ހަފްތާތެރޭގައި ގެ ހުސްނުކުރިނަމަވެސް ގެއަށް ވަންނާނެ ކަމަށެވެ. އިތުރު މުއްދަތަށް އެދި ވަރަށް އާދޭސްކުރިއެވެ. ނަމަވެސް ދަރިފުޅު އެނޫން ބަހެއް ނުބުންޏެވެ.
އެހިސާބުން އަޅުގަނޑު ބުނީމެވެ. "ދަރިފުޅާއެވެ! ނުބައިކޮށް ކަންކަންކުރާ މީހުންނަށް އޮތީ ރަނގަޅަށް ކަންކަން ކުރުމެވެ. އޭނާއަށް އަދި އެއްމަސްދުވަސްދޭށެވެ. އަހަރެމެންނަށް އަދިވެސް މަޑުކޮށްލެވިދާނެއެވެ."
އަޅުގަނޑަކީ ކާކުކަން އޭނާއަށް ޔަޤީންވީ އަޅުގަނޑުގެ އަޑުންނެވެ. އަޅުގަނޑު ބުނީމެވެ. "އަހަރެންނަކީ ކާކުކަމާ ކަލޭގެ ކުރިމަތީގައި ހުރެގެން މިގެ ހުސްކުރަން މިއަދު އެބުނަނީ އެދަރިފުޅު ބަލިވުމުން ގޭގެ ޚަރަދަށް ދީފައި ހުންނަ ފައިސާއިން ބޭސްނަގާތީ ކަންބޮޑުވެގެން ކަލޭ ގެއިން ބޭރުކޮށްލި ޢުމުރުން 3 އަހަރުގެ ދަރިފުޅުކަން ކަލެއަށް އެނގޭހެއްޔެވެ؟ އެއީ އެދުވަހު ދެމައިން ރޮއިރޮއި ތިއްބާ މިގެއިން ގަދަކަމުން ކަލޭ ބޭރުކޮށްލި ކަލޭގެ ދޮންދަރިފުޅެވެ."
ގަނެވިގެން މިއުޅެނީ ދޮންބައްޕަގެ ގެކަން ދަރިފުޅަށް އެނގުނީވެސް އެހިސާބުންނެވެ. އެނގުމުންވެސް ދަރިފުޅު އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ. ދަރިފުޅު ދަރިފުޅު، މާފުމާފު ކިޔައިގެން ވާހަކަދައްކަން ވަރަށް މަސައްކަތްކުރިއެވެ. އަޑުއިވުނު ކަމަށްވެސް ނުހަދައި ހަފްތާއެއްގެ ތެރޭގައި ގެ ހުސްކުރަން ބުނެފައި ނުކުމެގެން އައީއެވެ. އެގެއަށް ދަރިފުޅު ބަދަލުވީ އަޅުގަނޑު ބުނިފަދައިން މަސްދުވަސްދީ ގެ ހުސްކުރުވައިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދަރިން ތިބޭ މީހުންނާއި އިނދެފައި ދަރިންނިކަމެތި ނުކުރާށެވެ. ހެޔޮކޮށް ހިތާށެވެ. ދޮންބައްޕަގެ ކަންކަން ބަލަހައްޓައި އެހީތެރިވެދޭނެ ދަރިއަކަށްވެސް އެދރިފުޅު ނުވަތަ އެދަރިންވެދާނެއެވެ. ﷲ ގެ ޙަޟްރަތުން ވާގިއެދިގެން ނިކަމެތި ދަރިން ހެޔޮގޮތުގައި ބެލުމުން ﷲ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
މިއަދު މިހުރީ ހުރިހާ ގޮތަކުންވެސް ﷲ ގެ ބޮޑު ރަޙްމަތުގައެވެ. ތަޤްވާވެރި ހެޔޮލަފާ ފިރިއަކު އެބަހުއްޓެވެ. ކިޔަވައިގެން ތިބި ހަރުދަނާ ދަރިން އެބަތިއްބެވެ. އިން ޝާ ﷲ. އެހެންވީމާ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ.
--މުނިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް