ޙަޤީޤީ ޙާދިސާ: ނޯކަރު އަންހެންމީހާ ނިކަމެތިވީމާ ދެމައިން ރޮއްވަމުން ދިއަ އަންހެނަކަށް މުޅި ޢުމުރަށް ހީވެސްނުކުރެވޭވަރުގެ ވޭނާ ހިތާމަތައް ކުރިމަތިވި ގޮތުގެ ވާހަކަ ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 6ސ
ޙަޤީޤީ ޙާދިސާ: ނޯކަރު އަންހެންމީހާ ނިކަމެތިވީމާ ދެމައިން ރޮއްވަމުން ދިއަ އަންހެނަކަށް މުޅި ޢުމުރަށް ހީވެސްނުކުރެވޭވަރުގެ ވޭނާ ހިތާމަތައް ކުރިމަތިވި ގޮތުގެ ވާހަކަ ވަރަށް ޢިބްރަތްތެރި!

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. މާލެއާދެވުނީ ރަށުގައި ހުއްޓައި މާލެއިން ދިއަ މީހަކު އަޅުގަނޑުދެކެ ލޯބިވާކަމަސްބުނެ ކައިވެނިކުރުމުން އޭނާގެ އަންތބެއްގެ ގޮތުގައެވެ. އެލޯބި ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބުނުތަނާ ލޯބިވުން ނިމިއްޖެއެވެ. ދަރިފުޅަށް 2 އަހަރުގައި ވަރިކޮށްލާފައި ދެމައިން ގެއިން ނެރެލައިފިއެވެ.  

އެދުވަހު އަޅުގަނޑުމެން ދެމައިންނަށް އެހީތެރިވީ އަވަށްޓެރި އަނހެނެކެވެ. އޭނާގެ ގެއަށް ދެމައިން ގެންގޮސް ނޯކަރެއްގެ ވަޒީފާދިނެވެ. މަހަކު 2000 ރުފިޔާގެ މުސާރައެއްވެސް ދިނެވެ. ނަމަވެސް މައްސަލައަކީ އޭނާއަށް ކަމުދާ ގޮތަށް އެއްވެސް ކަމެއް ކޮށްނުދެވޭ ކަމެވެ. އަބަދު ހުންނަން ޖެހެނީ ކުށްވެރިވެފައެވެ. ކަމަކު ބޭނުންވެގެންވެސް ފިރިމީހާ އަޅުގަނޑާއި އަނގައިންބުނިކަން އެނގުނަސް އޭނާ ބުނަނީ ދެމީހުން ހިތާވެ ލޯބީގެ ގުޅުން ހިންގަނީ ކަމަށެވެ.  

އެންމެ ބޮޑަށް އަސަރުކުރާ އެއްކަމަކީ ދަރިފުޅު އަބަދުހެން ކޮޓަރިތެރޭގައި ބަންދުކޮށްގެން ގެންގުޅެން ޖެހޭތީއެވެ. އެދެމަފިރިންގެވެސް ހަމަ އެ ޢުމުރުގެ ދަރިއަކު ހުރެއެވެ. އަޅުގަނޑުގެ ދަރިފުޅު އެކުއްޖާގެ ކުޅޭ އެއްޗެތީގައި އަތްލުމަކީ މަނާ ކަމެކެވެ. އަދި އެދަރިފުޅުގެ ގައިގައި އަތްލުންވެސް އޮންނަނީ މަނާކޮށްފައެވެ. އެއީ އަޅުގަނޑުމެންނަކީ ފަޤީރު ބީރައްޓެހިން ކަމުގައިވާތީއެވެ.  

ފިރިމީހާއަކީ އެކުވެރިން ގިނަ މީހެކެވެ. ހަފްތާއަކު 2 ރޭހެން އެކުވެރިންގެ ތެރެއިން ބައަކު ކާން ގެންނާނެއެވެ. އަޅުގަނޑު ކައްކާ އެއްޗެތި މީރުވެގެން އެމީހުން ތަޢްރީފްކުރެއެވެ. ނަމަވެސް މެޑަމަކަށް ކަމަކު ނުދެއެވެ. އެމީހުންގެ ގާތުގައިވެސް ދައްކާނީ އަޅުގަނޑުގެ ނުބައި ވާހަކަތަކެވެ. މަސައްކަތްނުކުރާ ވާހަކަތަކެވެ. ކަމަކުބުނި ނަމަވެސް ކުރަނީ ވަރަށް ލަހުން ކަމަށެވެ.  

އެހާލުގައިވެސް 3 އަހަރު އެގޭގައި އުޅުނީމެވެ. ކެތްތެރިވީ ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ފިރިމީހާގެ ކިބައިން ލިބުނު ހިތްދަތިކަމާއި ދެން އުޅެންޖެހުނު ގެއިން ލިބުނު ހިތްދަތިކަމާއި ހުރިހާ ކަންކަމަށް ކެތްތެރިވުމުން ﷲ ދެއްވަވާނެ ނިޢްމަތުގެ އިންތިޒާރުގައެވެ. އެހެންވެ ހުރިހާ ކަންކަން ﷲ އަށް ވަކީލްކޮށްގެން ކެތްތެރިވާން މަސައްކަތްކުރީއެވެ.  

އެއް ރެއެކެވެ. ބޮސްގެ 10 ވަރަކަށް އެކުވެރިން ކާން ގެނައިރެއެކެވެ. އަޅުގަނޑުގެ ކެއްކުމަށާއި ކާންހަދައިދީ ކާންދިނުމަށް އެމީހުން ތަޢްރީފްކުރަނިކޮށް އެއަޑު އިވުމުން މެޑަމް އައިސް އަޅުގަނޑު ބަދުނާމުކޮށް ނުދައްކާ ވާހަކައެއް ނެތެވެ. އޭނާގެ ފިރިމީހާ އަޅުގަނޑުގެ ދިފާޢުގައި ބަހެއް ބުނުމުން އެންމެންގެ ކުރިމަތީގައި އަޅުގަނޑުމެން ދެމީހުން އުޅެނީ ލޯބިވެގެން ކަމަށްބުނެ އިލްޒާމް އަޅުވަން ވާހަކަތައް ދައްކަން ފެށުމުން އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ.  

ކޮޓަރިއަށް ވަދެ ދެމައިންގެ ހެދުންކޮޅު ދަބަހަކަށް އަޅައިގެން ދަރިފުޅު ނިދާފައި އޮއްވާ ނަގައި ކޮނޑަށް ލައިގެން ގެއިން ނުކުންނަން ހިނގައިގަތީމެވެ. ހިނގައިގަނެވުނު ނަމަވެސް ދާނެ ވަކިތަނެއްވެސް ނެތެވެ. އަލުގަނޑަށް ރޮވެއެވެ.  

އެވަގުތު އެތަނުގައި ތިބި އެންމެންހެން ތެދުވެ އަޅުގަނޑު ވަށައިލިއެވެ. އަދި ދާނެ ވަކިތަނެއް ނެތި ރޭގަނޑު ދަރިފުޅު ގޮވައިގެން ގެއިން ނުނުކުތުމަށްވެސް ބުންޏެވެ. އަޅުގަނޑަކަށް އެއިން އެއްވެސް އަޑެއް ނުއިވުނެވެ. މަސައްކަތްކުރެވުނީ ގެއިން ނުކުންނާށެވެ.  

އަޅުގަނޑު ގެއިން ނުކުތީމެވެ. ނުކުމެވުނުތަނާ އެތަނުން ދެމީހަކު އައިސް ތަކުރާރުކޮށް ސުވާލުކުރިއެވެ. ދާނެ ގެއެއް އެބހުރިތޯއެވެ؟ ނެތްކަމަސްބުނެ ބޯޖަހައިލުމުން އެތަނުން އެކަކު އަޅުގަނޑުގެ ދަބަހުގައި ހިފައި މަގުމަތީގައި އޮތް އޭނާގެ ކާރާއިދިމާއަށް ދާން ހިނގައި ގަތުމުން ދެން ހުރި މީހާ ހީނގެންފައި ބުންޏެވެ. "މައްސަލައެއް ނެތެވެ. ގެންދާށެވެ! އެކަމަކު މަހަކު 500 ޑޮލަރު މުސާރައަށް ނުދީފިއްޔާ 500 ޑޮލަރު ދީފައި އަހަރެން ގެންދާނަމެވެ." އެމިހާ ހީނގެންފައި ބުންޏެވެ. "އެހެން ހެއްޔެވެ؟ މާގިނައިން ދޭނަމެވެ. މޮޅިއްޔާ ނިކަން ގެންގޮސްބަލާށެވެ."  

އަޅުގަނޑަށް ރޮވެމުންދަނިކޮށް ދެމީހުން ހީނސަކަރާތްޖެހީމާ ކުޑަކޮށް ކަންބޮޑުވެސްވިއެވެ. ނަމަވެސް އެކަމުން ސިކުނޑިއަސް ކޮނަމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.  

އެމީހާ އަޅުގަނޑުމެން ދެމައިން ގޮވައިގެން ދިއައީ އޭނާގެ ގެއަށެވެ. ގެއަށް ވައްދައި ނިދަންވެސް ދެއްކީ ބޮޑު ކޮޓަރިއެކެވެ. ބުނީ އޭނާ އިހަށް ބޭރަށް ދަނީ ކަމަށާއި 11 ޖެހީމާ ފިހާރަ ބަންދުކޮށްފައި އައިސް ވާހަކަ ދައްކާނެ ކަމަށެވެ. ދަރިފުޅު ނިންދަވައި ހަމަޖެހިލައިގެން ހުރުމަށެވެ.  

އޭނާ ދިއުމުން ދެން ކުރިމަތިވެދާނެ ކަންކަން ހިތަށް އަރައި ކުޑަކޮށް ބިރުވެސް ގަތެވެ. ނަމަވެސް ހިތަށް އެރީ ވާނެ ގޮތެއް ވެދާނެތާއެވެ. ﷲ ކޮންމެވެސް ރަނގަޅު މަގެއް ދައްކަވާނެކަން ޔަޤީނެވެ. ދެމައިން ނިކަމެތި ނުކުރައްވަވާނެއެވެ. އިން ޝާ ﷲ  

ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖެހުމުން ނުކުތްއިރު އެމީހާއެވެ. ގޮވައިގެން ސިޓިންގރޫމަށްގޮސް އިށީނދެފައި ބުންޏެވެ. "މިގޭގެ މަތީބައިގައި އުޅޭނީ އަހަރެންގެ މަންމަ އާއި ބައްޕައާއި ކުޑަ ދެ ދަރިންނެވެ. އަހަރެންވެސް އުލެނީ މަތީގައެވެ. އަނބިމީހާ ވަނީ ވަރަށް ފަހުން ކެންސަރުގައި ނިޔާވެފައެވެ. ފަތިސް ނަމާދަށް މަންމަމެން ތެދުވީމާ ތަޢާރަފްކޮށްދޭނަމެވެ. މިއީ އަމިއްލަ ގެ ކަމަށް ބަލައިގެން އުޅޭށެވެ. މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތާށެވެ. އިތުރަށް ބުނާނެ އެއްޗެއް ކުރާނެ އަމުރެއް ނެތެވެ. ކަލޭގެ މަސައްކަތް ވަރަށް ގާތުން ފެންނަތާ އެތައް ދުވަހެކެވެ. ދެން އޮންނާނީ މުސާރަ ނޫން ހެއްޔެވެ؟ އެކަން އަހަރެންނަށް ދޫކޮށްލާށެވެ."

އެހެން ބުނެފައި ހީނގެންފައި ބުންޏެވެ. "މުސާރަކުޑަކޮށްފިއްޔާ ޙަވާލުވާނެ މީހަކުވެސް އެހެރީ ނޫންހެއްޔެވެ؟"  

ކޮންމެއަކަސް އަނެއްކާވެސް އެހެން ދިރިއުޅުމެކެވެ. މުޅިން ތަފާތު ދިރިއުޅުމެކެވެ. ނޯކަރެއް ނަމަވެސް ގެއެއްގެ ވެރިއެކެވެ. ބަނޑޭރިއެކެވެ. އަމުރުތަކެއް ނުކުރެއެވެ. ކުރަން ހުންނަ ކަންކަން އަމިއްލައަސް ފެނިގެން ކުރެވޭ ވަރަކަށް ކުރުމުން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. މަންމަ އާއި ބައްޕަވެސް ވަރަށް ރަނގަޅެވެ. ގޭގެ 2 ކުދިންނާއި އަޅުގަނޑުގެ ދަރިފުޅާއި އެއްވެސް ތަފާތެއް ނުކުރެއެވެ. އެހެންވެ އުޅެމުން ދިއައީ ވަރަށް ހިތްހަމަޖެހިގެންނެވެ. 

އެގެއަށް ބަދަލުވުމުން ކުރިން ފަދައިން އޭނާގެ އެކުވެރިންނަށް ކައްކައިދޭންޖެހެއެވެ. އެންމެން އެއްވާ ރޭރޭ މަޖާކުރަމުން ގޮސް މިކައްކާ ރިހަގަނޑު ކައްކައި ނިމޭނީ ކިހިނެއްބާވައޭ ކިޔައި ގޭގެވެރިމީހާއާއި ދިމާވެސްކުރެއެވެ.  

އެހެން އިންދައި އެއަހަރުގެ ބޮޑު ޢީދު ގާތްވުމުން ބުނީ ޢީދުގައި ދާނީ އަޅުގަނޑުގެ ރަށަށް ކަމަށެވެ. އެކަމަކު އެއިގެ ކުރިން ކުރަން ބޭނުންވާ ވަރަށް ބޮޑު ކަމެއް އެބަ އޮތް ކަމަށެވެ. އެއީ އަޅުގަނޑު ޤަބޫލު ނަމަ ކައިވެނިކުރުން ކަމަށެވެ.  

އެހެން ބުނުމުން އުފަލުން ރޮވުނެވެ. އެއީ ލޯބީގެ ކުޅިގަނޑެއް ނުހިންގައި ކައިވެނިކުރަން އެދުނީތީއެވެ. ވަޤުތުން ޝުކުރުގެ ސަޖިދަ ކުރީމެވެ. ރުހި ޤަބޫލުކަމަށް ބުނީމެވެ. ރަށުން މަންމަ އާއި ބައްޕަ ގެނުވައި އަވަސް އަވަހަށް ކައިވެނިކޮށްފިއެވެ. މަންމަމެންވެސް ރަށަށް ނުފޮނުވައި ގޭގައި އިހަށް ބެއިތިއްބީއެވެ. އަޅުގަނޑު އެދިގެނެއް ނޫނެވެ. ފިރިމީހާ ބޭނުންވެގެންނެވެ.  

ދެވަނަ ކައިވެންޏަށް މިހާރު 16 އަހަރުވެއްޖެއެވެ. ފުރަތަމަ ދުވަހާއި އެއްވެސް ތަފާތެއް ނެތެވެ. ކައިވެނިކުރިއިރު ދެމީހުންގެ ތިބި 3 ދަރިންގެ އިތުރުން މިހާރު 3 ދަރިންވެސް ލިބިއްޖެއެވެ.  

ނިންމާލުމުގެ ކުރިން އަޅަކަށް ހަދައިގެން އަލުގަނޑު ގެންގުޅުނު އަނހެންމީހާއަށް ޖެހުނު ޙާލުވެސް ކިޔައިދޭނަމެވެ. އަޅުގަނޑަށް ކަންތައް ކުރިގޮތުން ފިރިމީހާ އިތުރު ނޯކަރެއް ނުހޯދިއެވެ. ބުނީ އަމިއްލައަށް ގޭގެ ކަންކަންކޮށްގެން އުޅުމަށެވެ. އޭނާއަކަށް މަސައްކަތެއް ނުކުރެވުނެވެ. ގޭގެ އެއްވެސް ކަމެއް ނުބެލެހެއްޓުނެވެ. ނަތީޖާއަކަށްވީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްގެން ގެއަށް ގެންގޮސް އޭނާވެސް ހަމަ އެގޭގައި ގެންގުޅެން ފެށުމެވެ. ގޭގެ މަސައްކަތް ދެއަނބިންގެ މެދުގައި ހަމަހަމަކޮށް ކުރުވަން ފެށުމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ދަތިޙާލުގައި އުޅެންޖެހޭ ދުވަހު އަޅުވެތިކޮށް ހިތުގައި ޖައްސާނަމަ އެކަން އެމީހަކާއި އަރާހަމަކުރާނެ ދުވަހެއް އަންނާނެއެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާ ޢިޖާބަކުރައްވަވާނެއެވެ. ޚާއްޞަކޮށް ދޮގު އިލްޒާމްތައް ނުއަޅުވާށެވެ. ނޯކަރުންގެ ހަށިގަނޑުގައިވެސް އޮންނަނީ ހަމަ ހިތެކެވެ. ކިތަންމެ ނިކަމެތި ނަމަވެސް އަސަރުވެސް ކުރާނެއެވެ.

 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން