ބޮޑުދައިތަ ނިކަމެތިވި ދުވަހު ދުނިޔޭގަ އިންނަމަ މަންމަ ބޮޑުދައިތަ ބަލާނެ ފަދައިން ބޮޑުދައިތަ ބެލުމުން ލެއްވެވި ރަޙްމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 15ސ
ބޮޑުދައިތަ ނިކަމެތިވި ދުވަހު ދުނިޔޭގަ އިންނަމަ މަންމަ ބޮޑުދައިތަ ބަލާނެ ފަދައިން ބޮޑުދައިތަ ބެލުމުން ލެއްވެވި ރަޙްމަތުގެ ވާހަކަ!

އަަހރެމެންގެ ތެރޭގައި މިހާރަކަށް އައިސް އެންމެ ގިނައިން ކުރެވޭ އެއް ޝަކުވާއަކީ ޢާއިލާގެ މީހުން ނިކަމެތިވާދުވަހު އަޅައިނުލުމުގެ ވާހަކައެވެ. އެކަމަށް ކުރާ ޝަކުވާގެ ވާހަކަތަކެވެ. މިހެން މިވަނީ ކޮންމެ ކަމަކަސް ޤާނޫނު ބަލާތީއެވެ. ތިމާގެ މީހުން ޙާލުގައި ޖެހުމުން އެހީތެރިވާން ޤާނޫނުތަކުގައި ލިޔެފައި ނުހުންނާތީ ނުވަތަ އެހީތެރިނުވީމާ ދޭނެ އަދަބެއް ނުއޮންނާތީ އަޅައިނުލަނީއެވެ. 

ކޮންމެ ކަމަކަށް އަހަރެމެން ބަލަންވީ ޤާނޫނު ފޮތްތަކެއް ނޫނެވެ. ޤުރްއާނެވެ. ޤުރްއާން ބެލީމާ ޤާނޫނުތަކުން ނުފެންނަ ހުރިހާ ކަމެއްވެސް ފެންނާނެއެވެ. މިސާލަކަށް ޙާލުގައި ޖެހިފައިވާ ކޮންމެ މީހަކަށް، ވަކިން ޚާއްޞަކޮށް ޢާއިލާގެ މީހުންނަށް އެހީތެރިވުމުން ދެއްވަވާނެ ހެޔޮޖަޒާ އެނގިގެންދާނެއެވެ. 

މިކަމަސް ބާރުއަޅައި ވަރަށް ގިނައިން ދަރުސްތަކުގައި އަހަރެން ދައްކާ ވާހަކައެއް މިރޭވެސް ދައްކައިލާނަމެވެ. އެއީ މިކަމަށް ސަމާލުކަންދޭންޖެހިފައިވާވަރު ހަމަ ބޮޑުކަމުންނެވެ. 

ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވުމަކީ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެކެވެ. ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ މީހަކަށް ނިކަމެތިކަމެއް ލިބިއްޖެ ނަމަ އެހީތެރިވެދިނުމުގެ މަތިވެރިކަން އަދި މާބޮޑެވެ! އަދި މަންމަ ދުނިޔޭގައި އިންނަމަ އުފަލުން ކުރާނެ ކަންކަން މަންމަ ނެތް ދުވަހުގައި ކުރުމަކީ ހަމަ އެހައިމެ ރަނގަޅުކަމެކެވެ. އަދި އެފަދަ ޢަމަލެއް ކުރުމަށްފަހުގައި އެކަމުގެ ޘަވާބު މަންމައަށް ހަދިޔާކޮށްފައިވާނަމަ އެކަން ޤިޔާމަތް ދުވަހު މަންމައަށް އެނގިގެންދާހިނދު މަންމް ހާދަ އުފަލެއް ކުރާނެއެވެ! 

މި ޢިބްރަތްތެރި ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! 

މަރްޔަމްގެ ތިބީ 2 ދަރިންނެވެ. އެއީ އަންހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. 2 ދަރިން ތިބުމާއިއެކު ދެ ދަރިން އެދުނުހައި ކަމެއް މަރްޔަމް އައީ އޭނާގެ ފެންވަރުން ކޮށްދެމުންނެވެ. ރަނގަޅު ގޮތުގައި ބަލައިބޮޑުކުރުމުގެ އިތުރުން މަރްޔަމް އެނާގެ ފިރިހެން ދަރިފުޅަށް މެޑިސިން ކިޔަވައިދިނީ އަމިއްލަ ގެ މޯގޭޖްކޮށް ދަރަނިވެރިވެ ފައިސާ ހޯދައިގެންނެނެވެ. އަންހެން ދަރިފުޅުގެ ކައިވެނިކޮށްދިނީ އަތުގައިގައި ހުރި ހުރިހާ ގަހަނާއެއް ވިއްކައި ފައިސާ ހޯދައިގެންނެވެ.  މަރްޔަމްގެ ހުރިހާ ވެސް އުންމީދަކީ އޭނާ މުސްކުޅިވާ ދުވަހު ދަރިންގެ ލޯތްބާއި އަޅައިލުން ލިބުމެވެ. 

ނަމަވެސް ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. މަރްޔަމް މުސްކުޅިވި ދުވަހު 2 ދަރިންވެސް މަރްޔަމް ބާކީކޮށްލީއެވެ. ދެ ދަރިންނަށް މަންމަގެ އެހީތެރިކަމާއި ނުލައި އުޅޭވަރުވުމުން މަންމަގެ އެއްވެސް ބޭނުމެއް ނެތްކަމަށް ހެދީއެވެ. ދެ ދަރިންވެސް ބޭނުންވީ މަންމަ ގެއިންވެސް ނެރެލުމަށެވެ. މަރްޔަމްގެ އަމިއްލަ ގޭގައި ވެސް އުޅެން އުނދަގޫވާވަރަށް މުޞީބާތްތައް ކުރިމަތިކުރުވީއެވެ. އެހާލަތަށް ދިއުމުން ކަންކަން ހުރި ގޮތް ހިއްޞާކޮށްލުމުގެ ބޭނުމުގައި މަރްޔަމްއަށް ބޮޑުދައިތަ ކިޔާ 3 ކުއްޖަކު ދިރިއުޅޭ ގެއަކަށް ދިއައެވެ. 

3 ކުދިން ފެނުމާއިއެކު މަރްޔަމްއަށް ގިސްލާފައި ރޮވެން ފެށިއެވެ. ކަންބޮޑުވެގެން ސުވާލުތައް ކުރަން ފެށުމުން އަމިއްލަ 2 ދަރިން އޭނާ ޢާއިމެދު ކަންތައްތައް ކުރާ ގޮތް ކިޔައިދިނެވެ. ކިޔައިދީދީ އިންދާ ހޭނެތިގެން ވެއްޓުމުން އެ 3 ކުދިންނަށް ވަރަށް އާދައާއި ޚިލާފް އަސަރުތަކެއް ކުރިއެވެ. 

މޫނަށާއި މެއަށް ފެން އަޅައި ޚިދުމަތް ކުރުމުން މަރްޔަމް ހޭއެރިއެވެ. ހޭއަރައި ޙާލަތު ކިޔައިދިނުމުން 3 ކުދިންވެސް ބޮޑުދައިތަގެ ކިބައިން އެދުނީ އެކުދިންގެ ބެލުމުގެ ދަށުގައި އެގޭގައި އިނދެދިނުމަށެވެ. 3 ކުދިންވެސް ވައުދުވީ ބޮޑުދައިތަ އެގޭގައި އިންހައި ދުވަހަކު އެކުދިން، އެކުދިންގެ މަންމަ ބެލި ފަދައިން ބޮޑުދައިތަ ވެސް ބަލައިދޭނެ ކަމަށެވެ. 

އަދި ބުންޏެވެ. އަހަރެމެންގެ މަންމަ ދުނިޔޭގައި އިންނަމަ ތިހާލުގައި ބޮޑުދައިތަ އުޅެން ދޫކޮށެއް ނުލާނެއެވެ. މިގެއަށް ގެންނާނެއެވެ! ބޮޑުދައިތަ ބަލާނެއެވެ! މިއަދު މަންމައެއް ނެތެވެ. ވީމާ ބޮޑުދައިތައަށް ހެޔޮކޮށް ހިތުމަކީ މަންމައަށްޓަކައިވެސް ކުރަން އަހަރެމެންނަށް ޖެހޭނެ ކަމެކެވެ. އެކަން އަހަރެމެން ނުކޮށްފިނަމަ ޤިޔާމަތް ދުވަހު މަންމަ އަހަރެމެންނަށް ހިތް ހަލާލުވެސް ނުދޭނެއެވެ. ބޮޑުދައިތަ ދެކެ މަންމަ އެހައިވަރަށް ލޯބިވެއެވެ. 

ވީމާ އަހަރެމެންނަށް މަންމަގެ ހިތްހަލާލު ހޯދައިދިނުމަށް ނަމަވެސް ބޮޑުދައިތަ މިގޭގައި އަހަރެމެންނާއިއެކު އިނދެދޭށެވެ! 

3 ކުދިން އެމީހުންގެ މަންމަ ދެކެވާ ލޯބި ބޮޑުދައިތައަށް ރަނގަޅަށް އެނގެއެވެ. އަދި އެފަދަ ލޯތްބެއް އަމިއްލަ ދަރިންގެ ކިބައިން ވެސް ލިބުމަށް އެދެވުމުން ކަންކަން ވެގެންދިއަގޮތް ވެސް އޮތީ ފެންނާށެވެ! 

3 ކުދިން ދިން ދައުވަތު ޤަބޫލުކޮށް މަރްޔަމް އެގޭގައި ދިރިއުޅެން ފެށިއެވެ. 3 ކުދިންވެސް ބޮޑު ދައިތައަށް ވަރަށް ހެޔޮކޮށް ހިތައި މައާއިމެދު ކަންތައްތައް ކުރާނެ ގޮތަށް ދިއައީ ކަންތައްތައް ކުރަމުންނެވެ. މަންމައަށް އަޅައިލުން ދިންފަދައިން ގެންދިއައީ އަޅައިލުން ދީ ބަލަހައްޓަމުންނެވެ.

ﷲ ތަޢާލާ އެކަމުގެ ބަދަލު މިދުނިޔޭގައިވެސް އެ ޢާއިލާއަށް މިންވަރުފުޅު ކުރެއްވެވިއެވެ. އެގޭގެ އެއް ކުއްޖަކަށް ލިބިފައިވާ އުމުރުން 5 އަހަރުގެ ދަރިފުޅަކީ ފިޓްޖެހޭ ކުއްޖެކެވެ. ދެވަނަ ކުއްޖާއަށް ލިބިފައިވާ 7 އަހަރުގެ އަންހެން ދަރިފުޅަކީ ނޭވާ ހިއްލާ ކުއްޖެކެވެ. އެކުދިން ޑޮކްޓަރަށް ދެއްކުނު ވަރެއްވެސް ނުއެނގެއެވެ. ނަމަވެސް އެކަށީގެންވާ ފަރުވާއެއް ވަނީ ނުލިބިފައެވެ. އަބަދުހެން ޢާއިލާގެ އެންމެންނަށް އުޅެންޖެހެނީ އެ ދެ ކުދިންގެ ކަންކަމުގައި ކަންބޮޑުވެގެންނެވެ. 

ބޮޑު ދައިތަ އެގޭގައި ގެންގުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ކުދިން ބަލިވުމުގެ ދޭތެރެ ދުރުވާން ފެށިއެވެ. ޢާއިލާއަށް ހަމަޖެހުން ލިބެން ފެށިއެވެ. 2 އަހަރެއްހައި ދުވަސްވީއިރު 2 ކުދިންގެ ބަލި ވަނީ އެކުގައިހެން ފަސޭހަވެފައެވެ. 

މި 3 ބައިންގެ ތެރެއިން ދޮށްޓަށް ހުންނަ ޙަސަން އަކީ އުރްދުންގެ މިސްކިތެއް ބަލަހައްޓާ މަސައްކަތު މީހެކެވެ.  މިވާހަކަ ހަސަން ކިޔައިދީފައިވަނީ އޭނާ މަސައްކަތްކުރާ މިސްކިތުގެ އިމާމަށެވެ. 

މިރޭގެ ދަރުސް ފަށަމުން މިވާހަކަ މިކިޔައިދިނީ މިއީ މިރޭގެ މައުޟޫއާއި ވަރަށް ބޮޑަށް ގުޅުންހުރި ވާހަކައަކަށްވާތީއެވެ. އޯގާތެރިވުމާއި އެހީތެރިވުމުގެ މުހިންމު ކަމާއި އެކަމުން މިދުނިޔޭގައި ވެސް ލިބޭ ނިޢްމަތްތައް މިވާހަކައިންވެސް ވަރަށް ބޮޑަށް އެނގިގެންދާތީއެވެ. 

ވިސްނަން ޖެހޭނެ ކަމެއް އެބައޮތެވެ. ކިތަންމެ ގާތް މީހަކަށް ނަމަވެސް އަދި ދުރު މީހަކަށް ނަމަވެސް އެހީތެރިވެދީ ކަމެއް ކޮށްދޭން ޖެހޭނީ ބަދަލުގައި މިދުނިޔެއިން އެއްވެސް ކަމެއް އެދިގެނެއް ނޫނެވެ! ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. އާޚިރަތް އެދިގެންނެވެ. އެކަމުގެ ސަވާބުން ﷲ ތަޢާލާ މިދުނިޔޭގައި ރަޙްމަތްފުޅެއް މިންވަރު ކުރައްވަވައިފިނަމަ އެއީ ތިމާއަށް ދެއްވެވި އިތުރު ބޯނަސްއެކެވެ! ބޯނަސްއަށް އެދިގެން ނުވާނެއެވެ! ކޮންމެ ކަމެއްވެސް ކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެންނެވެ! މިދުނިޔޭގައި ދެއްވެވުމާއި އާޚިރަތުގައި ދެއްވެވުމާއި ދެދުނިޔޭގައި ދެއްވެވުން ވެސް ވަނީ ﷲ ތަޢާލާއަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން