ޙަޤީޤީ ޙާދިސާ: މާބަނޑު އަންހެނެއްގެ "ބަނޑުން" ފެނުނު އާދަޢާ ޚިލާފް ފޮޓޯތަކުން އެންމެންނަށް ބޮޑު ސިހުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ޙަޤީޤީ ޙާދިސާ: މާބަނޑު އަންހެނެއްގެ "ބަނޑުން" ފެނުނު އާދަޢާ ޚިލާފް ފޮޓޯތަކުން އެންމެންނަށް ބޮޑު ސިހުމެއް ލިބުނު ގޮތުގެ ވާހަކަ-

ދެމަފިރިންގެ ކައިވެންޏަށް 3 ވަނަ އަހަރެވެ. ހުކުރު ދުވަހަކު ހަވީރު ޒުލްފާ ގެއަށް ދިއައީ ދައްތަގެ އަތުގައި ހުރި ލިޔުންތަކެއް ބަލައެވެ. އެއީ ކުރީ ދުވަހު ހޮސްޕިޓަލަށް ގޮސް ހެދި ސްކޭންއާއި ކުރި ޓެސްޓްތަކުގެ ލިޔުންތަކެވެ. 

ގެއަށްދަމުން ފިރިމީހާގާތުގައި ބުނީ ގެއަށްދެވޭތީ އެނބުރި އަންނާނީ ޢިޝާނަމާދުކޮށްގެން ކަމަށެވެ. އެއީ ހަވީރު ފިރިމީހާވެސް އޮފީހަށްދާންޖެހޭކަމަށް ބުނެފައި އޮތުމުންނެވެ. އެކަނި ގޭގައި ހުރުމުގެ ބަދަލުގައި މަންމަމެންގެ ގާތުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާތީއެވެ. 

ގެއަށްގޮސް ލިޔުންތައް ބަލައިލުމުން ލިބުނީ ވަރަށް ބޮޑު އުފާވެރިކަމެކެވެ. ޓެސްޓްތަކުން އެނގުނު ގޮތުގައި އޭނާއިނީ ބަލިވެއެވެ. އެހެންވެ ލިބުނު އުފާވެރިކަން ބޮޑުކަމުން ފިރިިމީހާއަށް ގުޅާލުމުން ފޯނެއް ނުނެގިއެވެ. ޤަބޫލުކުރެވުނީ ނިދުނީކަމަށެވެ. އެހެންވެ އަވަސް އަވަސްކޮށްލައިގެން ދިއައީ ގެއަށެވެ. އަވަހަށް ފިރިމީހާގެ ގާތުގައި އެވާހަކަ ބުނުމަށެވެ. 

ގެއަށްގޮސް ކޮޓަރީގެ ދޮރު ހުލުވާފައި ބަލައިލިއިރު ކުރިންވެސް ޤަބޫލުކުރެވުނީ ހަމަ ރަނގަޅަށެވެ. ފިރިމީހާ އޮތީ ނިދާފައެވެ. ނަމަވެސް އެކަންޏެއް ނޫނެވެ. އޭނާގެ ބެސްޓްފްރެންޑާއިއެކުގައެވެ. ދެމީހުން ތިބީވެސް ބައްދާލައިގެންނެވެ.

ޒުލްފާ އަވަސް އަވަހަށް ފޮޓޯނެގިއެވެ. ވީޑިއޯވެސް ކުރިއެވެ. ނަމަވެސް ފެނުނުކަމަކަސްވެސް ނުހަދައެވެ. ތަޅުލާފައި އެނބުރި މަންމަގެގެއަށް ދިއައީއެވެ. އެއިގެ ފަހުން ޒުލްފާ ދިއައީ ފާރަލަމުންނެވެ. ފާރަލާން ފެށުމުން ވަރަށް ގިނަ މަންޒަރުތައް ފެނުނެވެ. ނަމަވެސް އަޅައެއް ނުލައެވެ. ފޮޓޯނެގުމާއި ވީޑިއޯކުރުން ނޫން ކަމެއް ނުކުރެއެވެ. 

ބަނޑަށް 8 މަހަށް އެޅުމުން އެންމެ ގާތް އެކުވެރިންނަށާއި ޢާއިލާގެ އިސްމީހުންނަށް ޕާޓީއެއް ބޭއްވިއެވެ. ޕާޓީގެ އެންމެ ޚާއްޞަ ކަމަކަށްއޮތީ ބަލިވެއިނދެ މިހިސާބަށް އައިގޮތުގެ ސްކޭން ފޮޓޯތައް ޓީވީން ދައްކައިލުމެވެ. 

ސްލައިޑް ޝޯ ފެށުނީ ބަނޑަށް 8 މަހުގަ ނަގާފައިވާ ސްކޭނެއްގެ ފޮޓޯއަކުންނެވެ. އަރިއަކަށް ހުރި ފޮޓޯ ގޮތްގޮތަށް ބަދަލުވެ ބަނޑުތެރެއިން ފެންނަންފެށީ އިތުރު ފޮޓޯތަކެކެވެ. ފިރިމީހާ އާއި ބެސްޓްރްފްރެންޑްގެ ގުޅުން ދައްކުވައިދޭ ފޮޓޯތަކެވެ. އެދެމީހުން ކުރި ކަންތައްތަކެވެ. ސްލައިޑްޝޯ ނިމުމާއިއެކު ދައްކަންފެށީ ނަގާފައިހުރި ވީޑިއޯ ކްލިޕްތަކެވެ. 

އެންމެން ޙައިރާންކަންމަތީގައި ބަލަން ތިއްބާ ސިއްރުސިއްރުން ގެއިން ނުކުންނަން ބެސްޓް ފްރެންޑް ދިއައިރު ދޮރުހުރީ ތަޅުލައިފައެވެ. އެހެންވެ ނުކުމެވޭނެ ގޮތެއް ނެތެވެ. ހުރިހާ އެއްޗެއް ދައްކައި ނިމުމުން ފުރަތަމަ މަންޒަރު ފެނުނު ގޮތުން ފެށިގެން އެދުވަހާއި ހަމައަށް ޒުލްފާއަށް ކުރެވުނު އިޙްޞާޞްތައް ކިޔައިދިނެވެ. ރޮމުން ދެލޮލުން ކަރުނައަޅަމުންނެވެ. 

"ދޮންމަންމާއެވެ! ދޮންމަންމަގެ ނުފޫޒުގައި އަޅުގަނޑު މިނަޖިސް މީހާ އާއި ކައިވެނިކުރުވަން އުޅުނުއިރުވެސް ދެކޮޅުހެދީ މިހެންވެގެންނެވެ. މިއީ އަޅުގަނޑަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން ބައްޕަގެ ތަނަވަސްކަމަށް ދޮންމަންމަ ވެރިވެގަންނަން ކުރުވާ ކައިވެންޏެއްކަން އެއިރުވެސް އަޅުގަނޑަށް އެނގެއެވެ. ބައްޕައަށް އެކި ސިފަސިފައިގައި އެވާހަކަ ނަންގަތީމެވެ. ނަމަވެސް ޤަބޫލު ނުކުރެއްވުނީއެވެ. މިހާރު އެންމެންނަށް ވެސް އެނގިއްޖެދޯއެވެ!

ދޮންމަންމަގެ މަކަރުވެރިކަމާއި އަނިޔާވެރިކަމުގައި ލިބުނު އަނިޔާތަކަށް ވަރަށް ގިނަ ދުވަހު ކެތްކޮށްފީމެވެ. ބައްޕަގެ ދިރިއުޅުއްވުމަށް ހުރަހަކަށްވާކަވެސް ނެތީމެވެ. ބައްޕަގެ ތަނަވަސްކަމަށް ދަހިވެތިކަމެއް ނެތެވެ. އެހެންވެ މިދަނީ މަންމައާއިއެކު މަންމަގެ ގެއަށެވެ. މިހިސާބުން އަޅުގަނޑުގެ ވާހަކަ މިނިމުނީއެވެ. މިޚާއްޞަ ޙަފްލާއަށް އައިސްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ." 

ދަރިފުޅު ގެއިން ނުކުމެގެން ދިއުމަށް ބައްޕަ ހުރަސްއެޅިއެވެ. އަދި މަންމަ އާއި ދެމައިން ގޭގައި މަޑުކުރުމަށް ބުނެފައި ދޮންމަންމަ ގޮވައިގެން ކޮޓަރިއަށް ގޮސްފައި އައީ ދޮންމަންމަގެ ފޮށިތައް ހިފައިގެންނެވެ. ދޮންމަންމަ ވަރިކޮށްފައި ފޮނުވައިލީއެވެ. 

ޒުލްފާ ވިހައިގަދަވިތަނާހެން ބައްޕައާއި މަންމަ އަލުން ކައިވެނިކޮށްފިއެވެ. ދުވަސްކޮޅެއްފަހުން ޒުލްފާވެސް ދެވަނަ ކައިވެނިކޮށްފިއެވެ. ލިބުނު ކުޑަދަރިފުޅުވީ ޢާއިލާއަށް ލެއްވެވި ބޮޑު ރަޙްމަތަކަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހިނގަމުންދާ މިބާވަތުގެ ކަންކަން ޢާއިލާތަކުން ސިއްރުނުކޮށް ޢާންމުކުރާށެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާނެ ގިނަ ބައަކުވެސް ތިބޭނެއެވެ. 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން