ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ދީލަތި މީހެކެވެ. ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ އެމީހެއްގެ ބޭނުން ފުއްދައިނުދީ ދޫކޮށެއް ނުލައެވެ. އެކުގައި ފުއްދައިނުދެވޭ ޙާލަތުގައި ކޮންމެވެސް މިންވަރަކުން ނަމަވެސް އެހީތެރިވެއެވެ.
އަނބިމީހާއަކީ ވަރަށް ތަފާތު މިޒާޖެއްގެ އަންހެނެކެވެ. ފިރިމީހާ މީހަކަށް އެހީތެރިވިކަން އެނގިއްޖެނަމަ ރުޅިއައުދެއެވެ. އެއްޗެތި ގޮވައެވެ. އެހީއަށް އެދިގެން އަންނަ މީހަކާއި ބައްދަލުވެއްޖެނަމަ އެމީހަކަށްވެސް އެއްޗެތިގޮވައެވެ. މަސައްކަތްނުކޮށް ތިބެގެން އަބަދު ސަލާންޖަހަން ހިނގަނީކަމަށް ބުނެ މީހުންގެ ހިތުގައިވެސް ޖައްސައެވެ.
އޮފީސް ބަންދު ދުވަހަކު ފިރިމީހާގެ އޮފީހުގައި މަސައްކަތްކުރާ އެކަނިވެރިމައަކު ވެރިމީހާ އާއި ބައްދަލުކުރަން އައުމުން ބައްދަލުވީ އަނބިމީހާ އާއިއެވެ. ތަޢާރަފްވެފައި އައި ބޭނުން ކިޔައިދިނެވެ. ބުނީ މިއައީ ދަރިފުޅު ހޮސްޕިޓަލުގައި ބާވާފައި ކަމަށާއި އޮޕަރޭޝަންކުރަން ވަރަށް ގިނަ ފައިސާ ބޭނުންވާތީ އެމަހުގެ މުސާރައިން ކަނޑާގޮތަށް ނަމަވެސް ފައިސާކޮޅެއް ބޭނުންވާ ކަމަށެވެ.
ފިރިމީހާއަށް ސިޓިންގރޫމަށް އާދެވުނުއިރު އޭނާއަށް އެއްޗެތި ގޮވަނީއެވެ. ފިރިމީހާ އޭނާއަށް އެހީވާން އުޅުމުންވެސް މިހާރު ނުވެވޭނެ ކަމަށާއި އަތުގައި ފައިސާ ނެތްކަމަށްބުނެ ގަދަކަމުން ގެއިން ނެރެ އޭނާ ފޮނުވައިލީއެވެ.
ފިރިމީހާއަށް އެކަމުން ވަރަށް އަސަރުކުރިއެވެ. ނިކަމެތިންގެ ޙާލު އަނބިމީހާއަށް ދަސްކޮށްދީ ހިތުގައި އޯގާތެރިކަން އުފެދޭނެ ގޮތަކީ ކޮބައިތޯ ވިސްނަންފެށިއެވެ.
ފިރިމީހާ އެއްދުވަހަކު ގެއަށް އައިސް ވަރަށް ހާސްވެފައި ހުރެގެން ބުނީ ފެކްޓްރީގައި އަލިފާން ރޯވެ އަނދައިފިކަމަށާއި ވިޔަފާރިއެކުގައި ބަނގުރޫޓުވެއްޖެކަމަށެވެ. ބޭންކް ލޯންތައްވެސް ނުދެއްކޭނެ ކަމަށެވެ. އެހެންވީމާ ދެން ޖެހޭނީ 2 މީހުންވެސް ކޮންމެވެސް ވަޒީފާއެއް ހޯދަން ކަމަށެވެ.
2 ދުވަހަކު ގޭގައި ހުރެފައި ވަޒީފާއެއް ލިބިއްޖެކަމަށް ބުނެފައި ވަޒީފާއަށް ނުކުންނަން ފިރިމީހާ ފަށައިފިއެވެ. އަނބިމީހާގެ އެއްވެސް ފެންވަރެއް ނެތުމުން ޖެހުނީ ގެއެއްގައި ނޯކިރީކުރާށެވެ. އެގެއަށް މަސައްކަތު ދިއުމުން އޭނާ އާއިމެދު ޢަމަލުކުރަނީ އަޅަކާއިމެދު ކަންކަންކުރާ ގޮތަށެވެ.
ހަފްތާއެއްހައި މަސައްކަތުގޮސްފައި ފިރިމީހާ ގާތުގައި ބުނީ ނިކަމެތިންގެ އިޙްޞާޞްތައް ވަރަށް ރަނގަޅަށް މިހާރު އެނގިއްޖެކަމަށެވެ. ކަންކަމު އެދިގެން އަންނަ ނިކަމެތިންނާއިމެދު ކުރިން ޢަމަލުކުރެވުނު ގޮތާއިމެދު މިހާރު ހިތާމަކުރާށެވެ. އަދި މިގޮތަށް އުޅެންޖެހުންވީ މިކަންކަން ދަސްކުިރަން ލިބުނު ވަރަށް އަގުހުރި ފުރުޞަތަކަށް ކަމަށެވެ.
އެދުވަހު އަނބިމީހާ ދެއްކި ވާހަކަތަކަށް ފިރިމީހާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް 2 ދުވަހަކު އެގޮތަށް ވާހަކަދެއްކުން އަނބިމީހާއަށް ކަންކަން ވިސްނި އިޞްލާޙޣްވެއްޖެކަމަށް ޤަބޫލުކުރެވުމުން ކިޔައިދިނެވެ.
"ފެކްޓްރީއެއްވެސް ނުއަނދައެވެ. އެއްވެސް ގެއްލުމެއްވެސް ނުލިބެއެވެ. ވިޔަފާރިވެސް ހަަ ރަނގަޅަށް އެބަ ކުރިއަށްދެއެވެ. މިކަން މިގޮތަށް ކުރަންޖެހުނީ ކަލެއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ. އެކަން މިހާރު ކާމިޔާބުވެއްޖެ ކަމަށް ޤަބޫލުކުރެވުމުން ޙަޤީޤަތް މިކިޔައިދިނީއެވެ. ދެންވެސް ވިސްނައިގެން އުޅޭށެވެ. މިފަހަރު މިއީ ޑްރާމާއެކެވެ. ނަމަވެސް ނިކަމެތިންނާއިމެދު އިހާނެތިކޮށް ކަންކަންކޮށް އެމީހުންގެ ހިތުގައި ޖައްސުވާނަމަ މިފަހަރު ކުރަންމިޖެހުނު ކަންކަން ހަމަޙަޤީޤަތުގައިވެސް އިޙްޞާޞްކުރަންޖެހިދާނެއެވެ. އަހަރެމެންގެ އަތްމަތީގައި ހުރިނަމަވެސް މިފައިސާއަކީ އަހަރެމެންގެ އެއްޗެއް ނޫނެވެ. ﷲ ދެއްވަވާ އެއްޗެކެވެ. ރަނގަޅު ގޮތުގައި ބޭނުން ނުހިފާނަމަ އަނބުރައި ގެންދެވުމަށް އެކަލާނގެ ކުލަދުންވަންތައެވެ. އަނބުރައި ގެންދަވާފައިވަނީ ކިތައް މީހުންގެ ތަނަވަސްކަން ހެއްޔެވެ؟ ވީމާ ކުރިއަށް އޮތްތަނުގައިވެސް ހިތްތިރިކޮށްގެން އުޅޭށެވެ."
އެއިގެ ފަހުން އަނބިމީހާ ވެގެންދިއައީ މުޅިންތަފާތު އަންހެނަކަށެވެ. ފިރިމީހާއަށްވުރެވެސް ދީލަތި، ހިތްހެޔޮ މީހަކަށްވުމަށް މަސައްކަތްކުރިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިވާހަކަ ކިޔުންތެރިންނަށް މިހުށަހެޅީ އަދި މުޅިން ތަފާތު ބޭނުމަކުއެވެ. ވާހަކައިން ލިބިދޭ ޢިބްރަތް ކިތަންމެހައިވެސް ފުރިހަމަ ނަމަވެސް ފާހަގަކުރަން ބޭނުންވަނީ ތަފާތު ކަމެކެވެ. އެއީ ބައިވެރިޔާގެ ކިބައިގައި ހުންނަ މިފަދަ އުނިސިފަތަކަށް ރުޅިނައިސް ކެތްތެރިވެ އެ ފިރިމީހާ ފަދައިން ޙިކުމަތްތެރިކަމާއިއެކު ޢަމަލުކުރުމަށެވެ.
ރުޅިއައިސް އެއްޗެތި ގޮވުމުގެ ބަދަލުގައި ވިސްނައިދިނުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. ވަކިކަމެއްގައެއް ނޫނެވެ. ކޮންމެ ކަމެއްގައިނަމަވެސްމެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ ކޮންމެ ކަމެއް ޙައްލުކުރަންވެސް ޙިކުމަތުގެ ބޭނުންހިފާށެވެ!
- މަރީ / މިއަދުނޫހުގެ ކިޔުންތެރިއެއް