ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ވާޖިބުތައް އަދާނުކުރެވޭ ޙާލުގަ ހަމައެކަނި އަމުރުކުރާ ފިރިންނަށް މިއީ ޢިބްރަތްތެރި ފިލާވަޅެއް- މިޙާލުގަ ތިބި އަނބިން ފިރިންނަށް މިފިލާވަޅު ދަސްކޮށްދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ވާޖިބުތައް އަދާނުކުރެވޭ ޙާލުގަ ހަމައެކަނި އަމުރުކުރާ ފިރިންނަށް މިއީ ޢިބްރަތްތެރި ފިލާވަޅެއް- މިޙާލުގަ ތިބި އަނބިން ފިރިންނަށް މިފިލާވަޅު ދަސްކޮށްދީބަލަ!

ކައިވެންޏަށްފަހު ކުޑަދުވަސްކޮޅެއްވީތަނާ ފިރިމީހާ އަނބިމީހާއަށް ކުރި ފުރަތަމަ އަމުރަކީ ޖިމަށް ނުދިއުމެވެ. ފިރިމީހާ ތުހުމަތުކުރާގޮތުގައި ޖިމަށް ކަސްރަތުކުރަން އެކަންޏެއް ނޫނެވެ. އެހެން ކަންތައްތަކެއްވެސް ކުރާށެވެ. 

އަނބިމީހާ ބުނީ އަނހެނުންނާ ފިރިހެނުން ކަސްރަތުކުރަނީ ވަކިންކަމަށާއި ދެބައިންކުރެ ބައައެއްގައި އެއްވެސް ކޮޓަރިއެއް ނުހުންނަ ކަމަށެވެ. ދެބައިގައިވެސް ކަންކަން ކުރަނީ ބޮޑު ހޯލެއްގައި ކަމަށެވެ. 

އެވަރުންވެސް ފިރިމީހާ ހިތްހަމަނުޖެހުމުން އަނބިމީހާ ބުނީ އޭނާއަކީ ވަރަށް ކުރިންސުރެ ޖިމަސްދާ މީހަކަށްވުމުން ޖިމްގައި ކުރާ ކަސްރަތުތައްކުރުން ހުއްޓައިނުލެވޭނެ ކަމަށެވެ. ނަމަވެސް ޖިމްގައި ބޭނުންކުރާ ތަކެތި ހޯދައިދީފިނަމަ ގޭގައި ކަސްރަތުތައް ކުރެވޭނެ ކަމަށާއި އެއިރުން ޖިމަށްދާން ނުޖެހޭނެ ކަމަށެވެ. އަދި އެއިރުން ދާން ބޭނުންވެސް ނޫން ކަމަށެވެ. 

ފިރިމީހާއަށް އެކަންކޮށޭއް ނުދެވުނެވެ. 

ދެން ދުވަސްކޮޅަކުން މައްސަލަ ޖައްސަން ފެށީ އެކުވެރިންނާއިއެކު ބާޒާރަށްދާތީއެވެ. އަނބިމީހާ ބުނީ ފިރިމީހާ އޭނާ ގޮވައިގެން ބާޒާރަށްދާނަމަ އެކުވެރިންނާއިއެކުގައި ބާޒާރަށްދާން ނުޖެހޭނެ ކަމަށެވެ. ނުދާނަމަ އެކުވެރިންނާއިއެކުގައި ދާންޖެހޭނެ ކަމަށެވެ. އަދި އެކަނި ދިއުމަށްވުރެ އެކުވެރިންނާއިއެކުގައި ދިއުމުން ރައްކައުތެރިކަން ބޮޑުކަމަށެވެ. 

ފިރިމީހާއަކަށް އެކަންވެސް ކޮށެއް ނުދެވުނެވެ. މަސައްކަތުގައި އުޅެންޖެހޭތީ ވަގުތުނުވަނީކަމަށް ބުނެއެވެ. 

ދެން ފިރިމީހާ އެދުނީ ވަޒީފާއިން ވަކިވެ ގޭގައި ހުރުމަށެވެ. އަނބިމީހާ ބުނީ އެކަން ކުރެވޭނީ ގޭގެ ޚަރަދުގެ އިތުރުން އޭނާއަށް ބޭނުންވާ ކަންކަން ކުރާނެ ފައިސާ އާއި އޭނާގެ ޢާއިލާއަށްވެސް އެހީތެރިވެދެވޭނެ ވަރަށް ފައިސާ ދޭނަމަ ކަމަށެވެ. "ކިޔަވައިދީ ބަލައި ބޮޑުކުރީ މައިންބަފައިން. މައިންބަފައިން އަޅައިދިން ގެއެއް މިއީ. މިއަދު އެމީހުން އެތިބީ މުސްކުޅިވެފަ. އެމީހުންނަށް އެހީތެރިނުވެވޭނަމަ އަހަރެންގެ ބޭނުމަކީ ކޮބާ؟" 

ފިރިމީހާއަށް އެކަންވެސް ކޮށެއް ނުދެވުނެވެ. ބުނީ ލިބޭ މުސާރައިން އެހުރިހާ ކަންކަން ނުކުރެވޭނެ ކަމަށެވެ. އަނބިމީހާ ބުނީ ބޯހިޔާވަހިކަން ދިނުމަކީ ފިރިމީހާ ކުރަންޖެހޭނެ ކަމެއް ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ ވަޒީފާ ދޫކޮށްލާފައި ގޭގައި އިންނާނެ ކަމަށެވެ. އަދި މައިންބަފައިން އަޅައިދިން ގެ ކުއްޔަށްދީގެން ލިބޭ ފައިސާއިން މައިންބަފައިންނަށް އެހީތެރިވެވިދާނެ ކަމަށެވެ. 

އެކަންވެސް ފިރިމީހާއަކަށް ކޮށެއް ނުދެވުނެވެ. އަމިއްލަ ގެއެއް ނެތުމާއި ގެއެއް ކުއްޔަށް ހިފާނެ ފައިސާ ނުލިބޭތީއެވެ. ނަމަވެސް އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭނެ ކަމަށެވެ. އަނބިމީހާ ބުނީ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އުޞޫލަކުން ކަމަށާއި ފުރަތަމަ ފިރިމީހާގެ ވާޖިބުތައް އަދާކުރުމަށެވެ. އެއިގެފަހުން އަމުރުތައް ކުރުމަށެވެ. 

ފިރިމީހާ ކެނޑިނޭޅި ކުރަމުން ގެންދިއަ ޝަކުވާތަކަށް ކެތްނުކުރެވުމުން އަނބިމީހާ ނިންމީ ފިރިމީހާ އާއި ވަކިވުމަށެވެ. ފިރިމީހާގެ އެ އަމުރުތަކަށް ކެތްތެރިވެގެން ނުއިނދެވޭނެތީއެވެ. އަބަދު ހިތްހަމަނުޖެހުމާއި ދެބަސްވުމުގައި ނުއުޅެވޭނެތީއެވެ. 

ވަރިކުރަންޖެހުމުން ފިރިމީހާއަށް ކަންކަން ވިސްނި ކަންކަން ބަދަލުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެއިރު ވަޤުތު ވަނީ ފާއިތުވެފައެވެ. އަނބިމީހާ ވަނީ ފިރިމީހާގެ ދެކެ މާބޮޑަށް ފޫހިވެފައެވެ. އެހެންވެ ވަރިވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން ދިމާވި ގޮތެވެ. ބުނެލަން ބޭނުންވަނީ މިހާލަތު ވަރަށް ގިނައިން އެބަ ކުރިމަތިވެއެވެ. ފިރިމީހާކަމަށްވުމުން ހަމައެކަނި އަމުރުކުރުމުގެ މައްސަލަތަކެވެ. ހަމައެކަނި އަމުރުކުރުމަކުން ނުފުދޭނެއެވެ. އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައްވެސް އަދާކުރަންޖެހޭނެއެވެ. 

މިވާހަކައިގައި މިކިޔައިދިން ކަންކަން ފިރިމީހާއަށް ކޮށްނުދެވޭނަމަ ރަނގަޅު ގޮތަކީ އަމުރުނުކޮށް މަޑުން ހުރުމެވެ. އަމުރުކުރަން ބޭނުންނަމަ ފުރަތަމަ ތިމާ ކިޔަމަންވާން އޮންނަ ބަހުގެ މާނައަކީ އެއީއެވެ.

 

- ލައިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން