އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ ތަނަވަސް ޢާއިލާއަކަށެވެ. އަޅުގަނޑަކީ ތަނަވަސް ދެމަފިރިއެއްގެ 3 ވަނަ ފިރިހެންދަރިފުޅެވެ. ރާއްޖއިން ބޭރުގައހުރެ ކިޔަވައިގެން މާލެއައިތަނާހެން މައިންބަފައިން އަޅުގަނޑަށްވެސް ވިޔަފާރިއެއް ފަށައިދިނެވެ.
އެމަސައްކަތުގައި ކުރިއަރަމުން އައިސް ފުދޭވަރަކަށް ކުރިއެރިތަނާ ކައިވެނިކުރަން ޝައުޤުވެރިވެވުނެވެ. އަޅުގަނޑު އެންމެ ކުޑައިރުންސުރެ އަޑުއަހަނީ ކައިވެނިކުރަންޖެހޭނީ އެއްފެންވަރުން ކަމަށެވެ. އެމީހަކަށްވުރެ ތަނަވަސް މީހަކާއި ގުޅިގެންވެސް އަދި ދަށުދަރަޖައިގެ މީހަކާއި ގުޅިގެންވެސް ކައިވެނި ކާމިޔާބުނުކުރެވޭނެ ކަމަށެވެ.
އެކަން ސިކުނޑިގައި ހަރުލާފައިހުރިވަރުން އަޅުގަނޑާއި އެއްފެންވަރުގެ އަނހެނަކާއި ގުޅުނީމެވެ. ދުވަސްކޮޅަކުން ޚިޔާލުތަފާތުވެ ދެމީހުންވަކިވީއެވެ. ދެވަނައަށް އަދި 3 ވަނައަށް ގުޅުނު މީހުންނާއިވެސް ވަކިވާން ޖެހުނީ ހަމައެމައްސަލައިގައެވެ.
ވަކިވާންޖެހޭ މައިގަނޑު ސަބަބަކަށްވަނީ 2 ކަމެކެވެ. އެއްކަމަކީ އަޅުގަނޑަށް ދޭންޖެހޭ ސަމާލުކަން ނުލިބުމެވެ. 2 ވަނަ ސަބަބަކަށްވަނީ އިމެއް ނެތި ޚަރަދުކުރަން ބޭނުންވުމެވެ. އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުން ނޫނީ ކައިބޮއި ނުހެދޭކަމެވެ. އެންމެ އަގުބޮޑު ތަކެތި ނޫނީ ހަދިޔާއަށްވެސް ކަމުނުދާކަމެވެ.
އެހެންވެ ވަރަށް ވިސްނާފައި ވަރަށް ފަޤީރު އަނހެންކުއްޖަކާއި ގުޅުނީމެވެ. ގުޅިގެން ދުވަސްކޮޅެއްވީއިރު ޔަޤީންކުރެވުނީ އަޅުގަނޑު އެންމެ ބޭނުން ދެ ސިފަ އޭނާގެ ކިބައިގައި އެބަހުރިކަމެވެ. އެއީ ކުރިން ބުނި ފަދައިން އަޅުގަނޑަށް އަޅައިލުމާއި އަދި އަޅުގަނޑު ކޮންމެ އެއްޗެއްދިނަސް އުފަލުން ބަލައިގަންނަކަމެވެ.
އެއިގެ އިތުރުން ކުރިން ގުޅުނު 3 އަނqހެނުންނާއި ގުޅިގެން އުޅުނުއިރުވެސް އަޅުގަނޑުގެ މަސައްކަތުގެ ވަޤުތަކަށް އިޙްތިރާމެއް ނުކުރެއެވެ. އެމީހުން އަމިއްލައަށް ކަންކަން ރާވާލާފައި ލަންޗަސްވިޔަސް ޑިނަރއަށް ވިޔަސް ދާންބުނީމާ އެމީހުން ބުނާ ގަޑިއަކަށް އެމީހުން ބުނާ ތަނަކަށް އޮންނަނީ ދާންޖެހިފައެވެ. ނަމަވެސް މިހާރު ތަންތަނަށް ދާން ރާވަނީ އަޅުގަނޑެވެ. އަޅުގަނޑު ބޭނުން ވަޤުތަކު އަޅުގަނޑު ބޭނުންވާ ތަނަކަށެވެ.
އެހެންވެ ތަނަވަސްކަމުގެ ގޮތުން ތަފާތުނަމަވެސް އެއްފެންވަރު ނަމަވެސް މިހާރު ގުޅިގެން މިއުޅެވެނީ ކައިވެނިކުރަންވީ މީހާއާއިކަން ޔަޤީންކުރެވުމުން ގިނަ ބައަކާއި ދެކޮޅަށް ކައިވެނިކުރީމެވެ. ނަތީޖާ ފެނިއްޖެއެވެ.
ކައިވެންޏަށް 16 އަހަރުވެއްޖެއެވެ. ދަރިންތަކެއްވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. ހުރިހާ ގޮތަކުން އެފަދަ ރަނގަޅު އަންތބަކު ލިބޭނީ ހަމަ ވަރަށް މަދުމީހަކަށެވެ.
އެންމެ ބޮޑަށް ފުރަތަމަ ކޮޅުގައި ޙައިރާންވާންޖެހުނު އެއްކަމަކީ އޭނާއަކީ ވިޔަފާރީގެ ރޮނގުން އެއްވެސް ތަޖުރިބާއެއް ނެތް އަންހެނަކު ނަމަވެސް އަޅުގަނޑަށް ފިކުރު ބޮޑުވާންޖެހޭ ކަންކަމުގައި އޭނާދޭ ލަފާ ޤަބޫލުކުރުމުން މައްސަލަތައް ޙައްލުވިކަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގައި ކުރަންޖެހުނު ތަޖުރިބާތައް ޙިއްޞާ މިކުރީ މިވާހަކަތައް ކިޔައިދިނަސް ބައެއް މީހުން ޤަބޫލުނުކުރަން އުޅޭތީއެވެ. ޤަބޫލުނުކުރާނެ މީހަކު ނުކުރިނަމަވެސް މިއީ އަޅުގަނޑުގެ ޙަޔާތް ތަޖުރިބާކުރެވުނު ގޮތެވެ. މީހަކު ބުނި ވާހަކަތަކެއް ނޫނެވެ!
- ވަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް