އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެއެވެ. މަންމަ އާއި އަޅުގަނޑު ދިރިއުޅުނީ ވަރަށް ނިކަމެތިޙާލުގައެވެ. ކާނެ އެއްވެސް އެއްޗެއް ގޭގައި ނުހުންނަ ދުވަސްތައްވެސް މަދެއްނޫނެވެ. އެކަމަކު އިއްތިފާޤަކުން ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން އެފަދަ ވަރަށް ގިނަ ދުވަސްތަކުގައި އަހަރެމެންނަށް ކާނެ އެއްޗެތި ގެނެސްދޭ މީހަކު ހުރެއެވެ.
އެއީ ދާދިގާތުގައި ރެސްޓޯރަންޓެއް ހިންގާ މީހެކެވެ. ޢާންމު ގޮތެއްގައި އޭނާ ގެނެސްދެނީ އެތަނުން އިތުރުވާ ކަމެއްޗެވެ. ބައެއް ދުވަސްދުވަހު އެނޫންތަކެތިވެސް ގެނެސްދެއެވެ. އަހަރެމެންގެ އިތުރުން ވެސް އެސަރަޙައްދުގައި ދިރިއުޅޭ އެތައް ފަޤީރުންނަކަށް އޭނާގެ އެހީތެރިކަން ލިބެއެވެ. އެކަމުގެ ސަބަބުންކަން ދެނެވޮޑިގެންވާނީ ﷲ އެވެ. އެނގޭ ކަމަކީ އޭނާގެ ވިޔަފާރިކުރިއަރައި ރަށުގެ އެންމެ މަޝްހޫރު އެއް ރެސްޓޯރަންޓަށް އޭނާގެ ރެސްޓޯރަންޓްވެ އޭނާއަށް ވަރަށް ބޮޑު ތަނަވަސްކަމެއް ލިބުނު ކަމެވެ.
އަޅުގަނޑު ބޮޑު ވަޒީފާއެއް ހޯދަން ކުރިމަސައްކަތުން ވަޒީފާއެއް ލިބުނީ ރެސްޓޯރަންޓަކުންނެވެ. އެތަނުގެ ވެރިމީހާއަކީ މުޅިން ތަފާތު މީހެކެވެ. ބާކީވާ އެއްޗެތި ފަޤީރުންނަށް ދޭކަށް ނުރުހެއެވެ. އޭނާ ބުނަނީ ބާކީވާ ތަކެތި ހިލޭ ބަހާނަމަ ކަސްޓަމަރުން މަދުވާނެ ކަމަށެވެ. އެންމެން އިންތިޒާރުކުރާނީ ބަހާ ވަޤުތައް ކަމެވެ. ވީމާ އެކަމުން އޭނާގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމަށެވެ.
އެވަރަކުންވެސް ނުފުއްދައެވެ. އެއްޗެއް ގަންނަ އަންނަ މީހެއްގެ އަތުގައި ވަކިލާރިކޮޅެއް މަދުވެގެން އަމިއްލަ ޖީބުން ލާރިކޮޅެއްލައި ޢަދަދު ހަމަކުރުންވެސް އޮންނަނީ މަނާކޮށްފައެވެ. މިކަންކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ނަފްރަތުކުރަމެވެ.
ބާކީވާ ތަކެތި ޑަސްޓްބިނަށް އަޅަން އަޅުގަނޑަށް ފުރުޞަތެއް ލިބިއްޖެނަމަ ވަޒީފާގެ ބިރަށް ނުބަލައި އަޅުގަނޑު އެސަރަހައްދުން ފެންނަ ފަޤީރުންނަށް ބަހަމެވެ. އެއްރޭ އެކަންކުރަނިކޮށް ފެނިގެން ވަޒީފާއިން ވަކިކޮށް ފޮނުވައިލިއެވެ. އެއަޑު އަހަން ތިބި ފަޤީރުން އަޅުގަނޑަށް ވަރަށް ހެޔޮދުޢާކުރިއެވެ.
ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑަށް ދެވަނަ ވަޒީފާއެއް ލިބުނެވެ. އޮފީހަކުންނެވެ. އެވަޒީފާގައި އަޅުގަނޑު ކުރިއަރައި ދެވުނެވެ. ލިބުނު މުސާރައިން ބާކީކުރަމުންގޮސް ކުޑަކުޑަ ބޭކަރީއެއް ހުޅުވީމެވެ. ވިޔަފާރި ކުޑަ ނަމަވެސް އަޅުގަނޑުގެ ފެންވަރުން އަޅުގަނޑު ޢަމަލުކުރީ އަޅުގަނޑު ކުޑައިރު އަޅުގަނޑުމެން ދެމައިންނަށް ކާނެއެތިކޮޅުދިން މީހާ ޢަމަލުކުރި ގޮތަށެވެ.
އެކަމުގެ ނަތީޖާވެސް ފެނުނެވެ. ވިޔަފާރި ދިއައީ ކުރިއަރަމުންނެވެ. މަސައްކަތް ފެށިތާ 3 އަހަރުވީއިރު އަޅުގަނޑުގެ ބޭކަރީއަކީ ރަށުގެ އެންމެ މަޝްހޫރު އެއް ބޭކަރީކަމަށްވިއެވެ. ކުރިން މަސައްކަތުގައި ހެދުމުގައި މުވައްޒިފުންނާއިއެކު މަސައްކަތްކުރިނަމަވެސް ކޯޓުފަޓުލޫނުގައި ހުރެގެން މަސައްކަތް ހިންގޭވަރަށް ތަނަވަސްކަން ލިބުނެވެ. ނަމަވެސް ޚާއްޞަ ކަސްޓަމަރުންނާއިއެކު ބޮޑެތި ބައްދަލުވުންތައް ބާއްވަން ނޫނީ އެގޮތަކަށް ހެދުމެއް ނުލަމެވެ. ހުންނަނީ ހަމަ އާދައިގެ ހެދުމުގައެވެ. ގިނައިން ހުންނަނީ ތަނުގެ ނަންޖެހި އާދައިގެ ޓީޝާޓެއް ލައިގެންނެވެ.
އެއްދުވަހަކު އޮފީހުގައި އިންދާ ވަޒީފާ ހޯދަން މީހަކު އައިސް އެބަހުރި ކަމަށްބުނީމާ އެމީހާ އޮފީހަށް ފޮނުވަން ބުނީމެވެ. ބައްދަލުވިއިރު އެމީހާވީ އަޅުގަނޑު ފުރަތަމަ ވަޒީފާކުރި ރެސްޓޯރަންޓް ހިންގި މީހާއަށެވެ. އޭނާއަށް އަޅުގަނޑު ފެނުމުން ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑާއިމެދު ކަންކަން ކުރެވުނު ގޮތުން ހުރީވެސް ވަރަށް ލަދުންނެވެ.
އަޅުގަނޑު އެކަން އޭނާއަކަށް ނުދައްކަމެވެ. އެފަދަ ބަހެއްވެސް ނުބުނަމެވެ. ބުނީމެވެ. "ކަލެއަށް ދޭން ބޭނުންވަނީ ކަސްޓަމަރ ކެޔާ ވަޒީފާއެކެވެ. ނަމަވެސް ކަލެއަކީ އެވަޒިފާ އާއި ގުޅޭ މިޒާޖުގެ މީހަކަސްނުވާތީ ބަދިގެއިން ވަޒީފާއެއް ދީފާނަމެވެ."
އޭނާ ވަރަށް ދެރަވެފައި ބުންޏެވެ. "ތިއަހެން ތިއަބުނީ ކީއްވެގެންކަން އެނގެއެވެ. ވިސްނެއެވެ. އެއީ އެއިރު އަހަރެންނަށް ޢަމަލުކުރެވުނު ގޮތުންކަން އެނގެއެވެ. އެގޮތަށް ޢަމަލުކުރުމުން އަހަރެންގެ ވިޔަފާރި ކުރިއެރީއެއް ނޫނެވެ. ބަނގުރޫޓުވީއެވެ. މިހާރު އަހަރެން މިހުރީ ތައުބާވެގެންނެވެ. އަހަރެންނަސް ފުރުޞަތެއްދީފައި ނިކަން އެކަން ބަލައިލަބަލާށެވެ!"
އިތުރު އެއްވެސް އެއްޗެއް ނުބުނެ އޭނާ އެދުނު ގޮތަށް ވަޒީފާ ހަމަޖައްސައިދިނީމެވެ. ވަޒީފާ ދިނުމުން އޭނާވެސް އޭނާބުނި ބަހުގެ ތެދުކަން ސާބިތުކޮށްދިނެވެ. އޭނާވީ ނިކަމެތިންގެ އަގު ވަޒަންކުރާ މީހަކަށެވެ.
ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި އަޅުގަނޑު ކިޔާފައިވާ މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ފަޤީރުވެދާނެކަމުގެ ބިރަށް ނިކަމެތިންނަށް އެހީތެރިވާން ފަސްޖެހޭ މީހުންނަށް މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީއެވެ. ވާހަކައިން ފާހަގަކޮށްލައްވާށެވެ. އެޒުވާނާ އަށް ވަޒީފާގެ ބިރު އޮތުމާއިއެކުގައިވެސް ފަޤީރުންނަށް ކާންދިނީއެވެ. އެކަމާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިވެސްކުރެވުނެވެ. ނަމަވެސް އޭނާގެ ހިތްހެޔޮކަމާއި، ނިކަމެތިންނަށް ރަޙުމްކުރުމުންނާއި އޭނާއަށް ރަޙްމަތް ލެއްވެވުން އެދި ނިކަމެތިން ކުރި ދުޢާގެ ސަބަބުން އޭނާއަށް ދެއްވެވި ނިޢްމަތް ކިހައި މަތިވެރިތޯއެވެ؟
މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި، އަދި ފައިދާކުރާނެ ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް